Advertisement

15 ނޫނީ 20 އަހަރު ތެރޭ އެފްރިކާ ޓީމަކަށް ވޯލްޑް ކަޕް ތަށި ހޯދޭނެ

19 ޑިސެންބަރު 2022 - 10:12 0

މޮރޮކޯގެ ކޯޗު ރެގްރާގީ (ވ) އާއި ވައިސް ކެޕްޓަން، ޒިޔެޗް.


15 ނޫނީ 20 އަހަރު ތެރޭ އެފްރިކާ ޓީމަކަށް ވޯލްޑް ކަޕް ތަށި ހޯދޭނެ

19 ޑިސެންބަރު 2022 - 10:12 0

ދޯހާ، ގަތަރު (ޑިސެމްބަރު 19) - ކުރިއަށް އޮތް 15 ނޫނީ 20 އަހަރު ތެރޭ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އެފްރިކާގެ ޓީމަކަށް ހޯދޭނެ ކަމަށް މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ބުނެފި އެވެ.

މިދިޔަ އޮގަސްޓް މަހު މޮރޮކޯގެ ކޯޗުކަމާ ހަވާލުވި ރެގްރާގީ ވަނީ މި ފަހަރު މޮރޮކޯ ގޮވައިގެން ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު 22 މުބާރާތުގެ ތެރެއިން ސެމީ ފައިނަލަށް ދިޔަ އަރަބި އަދި އެފްރިކާގެ ފުރަތަމަ ގައުމެވެ. ސެމީ ފައިނަލުގައި މޮރޮކޯ ވަނީ ފްރާންސް އަތުން ބަލިވެފަ އެވެ. އަދި ތިން ވަނަ ހޮވާ މެޗުގައި މޮރޮކޯ ބަލިވީ ކްރޮއޭޝިއާ އަތުންނެވެ.

ވޯލްޑް ކަޕް ދެން އޮތީ 2026 ވަނަ އަހަރު މެކްސިކޯ، އެމެރިކާ އަދި ކެނަޑާގަ އެވެ. މީގެ ކުރިން ވޯލްޑް ކަޕް ކުޅެމުން އައީ 32 ގައުމު ކަމަށް ވިޔަސް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 48 ގައުމު ވާދަކުރާނެ އެވެ. މި ބަދަލާ އެކު އެފްރިކާ އަށް ވޯލްޑް ކަޕުން ލިބޭ ޖާގައިގެ އަދަދު ފަހަކުން މަދުވެގެން ނުވަޔަކަށް އަރާނެ އެވެ.

"ނުވަ ގައުމު ވާދަކުރަން ފުރުސަތު ލިބުމަކީ ފިޔަވަޅެއް ކުރިއަށް އެޅުން، އަހަރެމެން އާ ކަންތައްތަކެއް ދަސްކުރާނެ. އަހަންނަށް ޔަގީންކަން އެބައޮތް، ކުރިއަށް އޮތް 15 ނޫނީ 20 އަހަރު ތެރޭ އެފްރިކާ ޓީމަކަށް އަދި ވޯލްޑް ކަޕެއް ލިބޭނެ ކަމުގެ،" މޮރޮކޯގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ރެގްރާގީ ބުންޏެވެ.

ރެގްރާގީ ބުނީ މޮޮރޮކޯގައި މިހާރު އޮތް ސްކޮޑަކީ ދުނިޔޭގެ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ނަތީޖާ ނެރެވިދާނެ ޓީމެއް ކަން މި ފަހަރުގެ ވޯލްޑް ކަޕް ބެލި ކޮންމެ މީހަކަށް ޔަގީންވާނެ ކަމަށެވެ. އެއީ ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް ބަލިކޮށް، ގަދަ 16 ބުރުގައި ސްޕެއިންގެ މައްޗަށް ކާމިޔާބު ހޯދުމުގެ އިތުރުން ކުއާޓާ ފައިނަލްގައި ޕޯޗުގަލް އަތުން މޮރޮކޯ މޮޅުވެފައިވާތީ އެވެ.

"މި ހުރިހާ ކަމަކަށް ފަހު، އަހަރެެމެން އެބަޖެހޭ ގައުމަށް ކާމިޔާބެއް ހޯދައިދޭން. ޓާގެޓް ކުރަންވާނީ ދެން އޮތް އެފްރިކަން ކަޕް ނޭޝަންސް ކާމިޔާބުކުރަން،" ރެގްރާގީ ބުންޏެވެ.

މޮރޮކޯ އިން ވަނީ މީގެ ކުރިން އެއް ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ 1976 ވަނަ އަހަރު އެވެ. މޮރޮކޯ އިން ވަނީ ދެ ފަހަރެއްގެ މަތިން ވޯލްޑް ކަޕްގެ ނޮކައުޓް ބުރުުގައި ކުޅެފަ އެވެ. އޭގެ ތެރެއިން އެންމެ ރަނގަޅީ މި ފަހަރުގެ މުބާރާތުގައި އެ ޓީމުން ނެރުނު ނަތީޖާތަކެވެ.