Advertisement

އިރާގުގައި ދިން ހަމަލާއެއްގައި ހަތް ފުލުހަކު މަރުވެއްޖެ

19 ޑިސެންބަރު 2022 - 09:08 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހަމަލާ ދިނީ ތެލުގެ މުއްސަނދިކަން އޮންނަ ކިރްކޫކް ސިޓީ ކައިރީގައި. -- ފޮޓޯ: ރުޑޯ


އިރާގުގައި ދިން ހަމަލާއެއްގައި ހަތް ފުލުހަކު މަރުވެއްޖެ

19 ޑިސެންބަރު 2022 - 09:08 0

އިރާގުގެ އުތުރުގައި ދިން ބޮން އަދި ބަޑީގެ ހަމަލާއެއްގައި ފުލުހުންގެ ހަތް މީހުން މަރުވެއްޖެ އެވެ.

ހަމަލާ ދިނީ އާދީއްތަ ދުވަހު ވެރިރަށް ބަގްދާދްއާ 293 ކިލޯމީޓަރު ދުރުގައި އޮންނަ ކިރްކޫކް ސިޓީ ކައިރިންނެވެ. އެއީ ތެލުގެ މުއްސަނދިކަން އޮންނަ ސިޓީ އެކެވެ.

އެއްވެސް ގްރޫޕަކުން ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެ އެވެ. އެހެން ނަމަވެސް އޮފިޝަލުން ތުހުމަތު ކުރަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގްރޫޕަށެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު ވެސް ބަގްދާދް ކައިރިން މަގެއްގައި ހަރުކޮށްފައި އޮތް ބޮމެއް ގޮވައި ސިފައިންގެ ތިން މީހުން މަރުވި އެވެ. އެ ހަމަލާގެ ޒިންމާ އުފުލީ އައިއެސް އިންނެވެ.

އާދީއްތަ ދުވަހުގެ ހަމަލާގައި އެންމެ ފުރަތަމަ ބޮން އަމާޒު ކުރީ ޗަލާލް އަލް މަތާރް އަވަށް ކައިރިން ފުލުހުންނާ އެކު ދަތުރު ކުރަމުން ދިޔަ އުޅަނދަކަށެވެ.

އެ ގޮވުމަށް ފަހު، ބަޑި ހިފައިގެން އައި ބަޔަކު ސީދާ ހަމަލާ ބަދަލުކުރަން ފެށި އެވެ. އޮފިޝަލުން ބުނީ ހަމަލާގައި ބައިވެރިވި އެކަކު މަރުވި ކަމަށާއި ދެން ތިބި މީހުން ހޯދަމުންދާ ކަމަށެވެ.

ފުލުހުންގެ ހަތް މީހުން މަރުވި އިރު، އިތުރު ދެ މީހުންނަށް އަނިޔާވި އެވެ. އައިއެސް ގްރޫޕްގެ ބާރު އެންމެ ގަދަ ދުވަސްވަރު، އިރާގުން ފެށިގެން ހުޅަނގު ސީރިއާއާ ހަމައަށް 88،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ކޮންޓްރޯލް ކުރި އެވެ. އެ ގްރޫޕްގެ ކޮންޓްރޯލްގެ ދަށުގައި އަށް މިލިއަން މީހުން ދިރިއުޅުނެވެ.

އެހެން ނަމަވެސް، ޑިސެމްބަރު 2017 ގައި އިރާގު ސިފައިން އައިއެސް ބަލިކޮށް އެ ގައުމުގެ ބިމުގެ ސަރަހައްދުން އެ ގްރޫޕްގެ މެމްބަރުން ފައްސާލި އެވެ. އެކަމަކު އދ. އިން އިންޒާރުދޭ ގޮތުގައި އައިއެސް އެނބުރި އައުމުގެ ނުރައްކާ އަދިވެސް އެބަ އޮތެވެ.