Advertisement

ސައުތުގޭޓް ވަކިނުކުރަން އިންގްލެންޑުން ނިންމައިފި

18 ޑިސެންބަރު 2022 - 16:59 0


ސައުތުގޭޓް ވަކިނުކުރަން އިންގްލެންޑުން ނިންމައިފި

18 ޑިސެންބަރު 2022 - 16:59 0

ލަންޑަން (ޑިސެމްބަރު 18) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އިންގްލެންޑުން ނެރުނު ނަތީޖާތަކާ މެދު ޖުމްލަކޮށް ހިތްހަމަޖެހޭ ކަމަށް ބުނެ، އިންގްލެންޑްގެ ކޯޗުގެ މަގާމުގައި ގަރެތު ސައުތުގޭޓް ބަހައްޓަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.

އިންގްލެންޑް މި ފަހަރުގެ ވޯލްޑް ކަޕުން ކެޓީ ކުއާޓާ ފައިނަލުގައި ފްރާންސް އަތުން ބަލިވުމުންނެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް މި ދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކުރި އިންގްލެންޑަށް މި ފަހަރު ވޯލްޑް ކަޕްގައި އެކަށީގެންވާ ހިސާބަކަށް ނުދެވޭތީ، ސައުތުގޭޓް މަގާމުން ދުރުކުރަން ގޮވާލާ އަޑުތައް ގަދަވި އެވެ.

ސައުތުގޭޓް، 52، އިންގްލެންޑްގެ ކޮންޓްރެކްޓްގައި ހުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އިނގިރޭސި އެފްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮންޓްރެކްޓްގެ ނިޔަލަށް ސައުތުގޭޓް މަޑުކުރާގޮތަށް މި ވަގުތު ނިންމާފައިވާ ކަމަށެވެ.

އިނގިރޭސި އެފްއޭ އިން ސައުތުގޭޓާއި އެސިސްޓަންޓް ކޯޗު ސްޓީވް ހޮލަންޑްގެ މަސައްކަތަށް ފުރިހަމަ އަށް އިތުބާރުކުރާ ކަމަށާއި ޖަރުމަނުގައި 2024 ވަނަ އަހަރުގައި ބާއްވާ ޔޫރޯގައި އިންގްލެންޑް ލީޑުކުރާނީ ސައުތުގޭޓް ކަމަށެވެ.

ސައުތުގޭޓް، އެންމެ ފުރަތަަމަ އިންގްލެންޑްގެ ކޯޗުކަމާ ހަވާލުވީ ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. އެކަމަކު، ދާއިމީ ކޮންޓްރެކްޓެއްގައި 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސައުތުގޭޓް ވަނީ އިންގްލެންޑާ އެކު އެއްބަސްވުން ހަދައިފަ އެވެ. އިންގްލެންޑުން ސައުތުގޭޓްގެ ކޯޗުކަމުގައި ކުޅުނު 81 މެޗުގެ ތެރެއިން 49 މެޗުން މޮޅުވިއިރު، ބަލިވީ 14 މެޗުންނެވެ.