Advertisement

37 އަހަރުގެ މޮޑްރިޗްގެ ޓާގެޓަކީ ނޭޝަންސް ލީގު ތަށި

18 ޑިސެންބަރު 2022 - 12:22 0


37 އަހަރުގެ މޮޑްރިޗްގެ ޓާގެޓަކީ ނޭޝަންސް ލީގު ތަށި

18 ޑިސެންބަރު 2022 - 12:22 0

ދޯހާ، ގަތަރު (ޑިސެމްބަރު 18) - ކްރޮއޭޝިއާ ގައުމީ ޓީމުގެ ކެޕްޓަން، 37 އަހަރުގެ ލޫކަ މޮޑްރިޗް މި ފަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު ދެން ގައުމީ ޓީމާ އެކު އެންމެ ބޭނުން ކަމަކީ އަންނަ އަހަރު އޮތް ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރުން ކަމަށް ބުނެފި އެވެ.

އެންމެ ފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި ކްރޮއޭޝިއާ ގޮވައިގެން ވާދަކޮށް އެ މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މޮޑްރިޗް ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އަށް ތިން ވަނަ ހޯދައިދޭން އެހީތެރިވެފަ އެވެ. ކްރޮއޭޝިއާ އިން ތިން ވަނަ ހޯދީ ރޭ މޮޮރޮކޯ އަތުން 2-1 އިން މޮޅުވެގެންނެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު މޮޑްރިޗް ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމުގެ ވާހަކަތަކެއް ވެސް ދެކެވުނެވެ. އެކަމަކު، ރޭ ތިން ވަނަ ހޮވާ މެޗަށް ފަހު މޮޑްރިޗް ބުނީ އަންނަ އަހަރުގެ ނޭޝަންސް ލީގުގައި ވެސް ކުޅެން ބޭނުންވާ ކަމަށެވެ.

ނޭޝަންސް ލީގުގެ ފައިނަލް ބުރުގައި އަންނަ އަހަރު ޖޫން މަހު ކުޅޭނީ ކްރޮއޭޝިއާ، ސްޕެއިން، އިޓަލީ އަދި ނެދަލެންޑްސް އެވެ.

"އުންމީދަކީ ނޭޝަންސް ލީގުގައި ކުޅުން، އަހަރެން ނޭޝަންސް ލީގުގައި ކުޅެން ބޭނުމެއް ނޫނޭ ބުނެފިއްޔާ އެކަން ވާނީ ގަބޫލުކުރެވޭނެ ކަމަކަށް ނޫން. އަހަރެން ޔަގީނުން ވެސް ނޭޝަންސް ލީގުގެ ފައިނަލް ބުރުގައި ކުޅެން ބޭނުން،" މޮޑްރިޗް ބުންޏެވެ.

އެންމެ ފަހުން ވޯލްޑް ކަޕްގެ ރަނަރަޕަށް ހޮވުމަށް ފަހު، މި ފަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ އަށް ދިއުމަކީ "ވެއްޓުމެއް" ނޫން ކަމަށް މޮޑްރިޗް ވަނީ ބުނެފަ އެވެ.

މިއީ ކްރޮއޭޝިއާ އިން ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި ދެ ވަނަ ފަހަރެވެ. އެ ގޮތުން އެންމެ ފުރަތަމަ ވޯލްޑް ކަޕްގެ ތިން ވަނަ ކްރޮއޭޝިއާ އިން ހޯދީ 1998 ވަނަ އަހަރު އެވެ.

މޮޑްރިޗް ބުނީ ވޯލްޑް ކަޕްގައި މިހާރު ކްރޮއޭޝިއާ އަކީ އާދައިގެ ޓީމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށާއި ގައުމުތަކުގެ އިހުތިރާމް އެ ޓީމަށް ލިބިފައިވާ ކަމަށެވެ.

"އަހަރެމެން އެނބުރި ގައުމަށް މި ދަނީ އިސް އުފުލައިގެން، ކާމިޔާބު ޓީމެއްގެ ގޮތުގައި،" މޮޑްރިޗް ބުންޏެވެ.

ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑާލިޗް ވިސްނައިގެން ހުރީ 2024 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ވެސް މޮޑްރިޗް ލައްވައި ކުޅުމަށާއި ޖަރުމަނުގައި 2024 ވަނަ އަހަރު ބާއްވާ ޔޫރޯގެ ފައިނަލް މުބާރާތުގެ ސްކޮޑުގައި ވެސް މޮޑްރިޗް ހިމެނުމަށެވެ.

މޮޑްރިޗް ވަނީ މިހާތަނަށް ކްރޮއޭޝިއާ ޓީމަށް ކުޅެދިން 162 މެޗުން 23 ލަނޑު ޖަހައިފަ އެވެ.

ކްރޮއޭޝިއާ ޓީމަށް 2006 ވަނަ އަހަރު ކުޅެން ފެށި މޮޑްރިޗް ވަނީ އެ ޓީމާ އެކު، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 ވަނަ އަަހަރުގެ ޔޫރޯ، 2012 ވަނަ އަހަރުގެ ޔޫރޯ، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް، 2016 ވަނަ އަހަރުގެ ޔޫރޯ އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން މިދިޔަ އަހަރުގެ ޔޫރޯ އާއި މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކުޅެފަ އެވެ.