Advertisement

ރެއާލުން މޮޑްރިޗްގެ ކޮންޓުރެކްޓް އާކޮށްފި

27 ޖޫން 2023 - 04:49 0


ރެއާލުން މޮޑްރިޗްގެ ކޮންޓުރެކްޓް އާކޮށްފި

27 ޖޫން 2023 - 04:49 0

މެޑްރިޑް (ޖޫން 27) - ރެއާލް މެޑްރިޑްގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކަ މޮޑްރިޗްގެ ކޮންޓުރެކްޓް އިތުރު އެއް ސީޒަނަށް އެ ކްލަބުން އާކޮށްފި އެވެ.

ކްރޮއޭޝިއާ އަށް ނިސްބަތްވާ މޮޑްރިޗް ،37، އަކީ މިހާރު ވެސް ރެއާލްގެ މުހިންމު ކުޅުންތެރިއެކެވެ. މޮޑްރިޗްގެ ރެއާލްގައި މަޑުކުރަން މި ނިންމީ ސައުދީ އަރަބިއްޔާ އިން ވެސް އޭނާ އަށް ހުށަހަޅަންތަކެއް ލިބިފައިވަނިކޮށެވެ.

"ރެއާލްގެ ޖޯޒީގައި މޮޑްރިޗް ހޭދަކުރި 11 ސީޒަންގައި އޭނާ ވަނީ 488 މެޗު ކުޅެ، 23 ތަށި ހޯދައިފައި،" ރެއާލް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޓޮޓެންހަމް ހޮޓްސްޕާސް އިން 2012 ވަނަ އަހަރު ރެއާލަށް ބަދަލުވި ފަހުން މޮޑްރިޗް ވަނީ ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ސްޕެނިޝް ލީގު ތިން ފަހަރު އަދި ކޮޕާ ޑެލްރޭ ދެ ފަހަރު ހޯދައިފަ އެވެ.

ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް 2018 ވަނަ އަހަރު ހޯދި މޮޑްރިޗްގެ ކޮންޓުރެކްޓް ރެއާލް އިން އާކުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މީގެ ކުރިން ރެއާލް އިން ވަނީ ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކްރޫސް އާއި ޑެނީ ސެބާޔޯސް އަދި ނާޗޯ ފެނާންޑޭޒްގެ ކޮންޓުރެކްޓް އާކޮށްފަ އެވެ.

ރެއާލްގެ ކޮންޓުރެކްޓް މޮޑްރިޗް އާކުރިއިރު، ކްރޮއޭޝިއާގެ ގައުމީ ޓީމަށް އޭނާ ކުޅުން ހުއްޓާލަން އުޅޭ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެކަމަކު، މޮޑްރިޗް އަދި އެކަމާމެދު ވަކި ގޮތެއް ނުނިންމަ އެވެ.