Advertisement

ހޯދައިދޭން މި އުޅެނީ ކޮންމެ މީހަކަށް ވެސް ރަނގަޅު ފަނޑިޔާރެއްގެ ހައްގު: ހިސާން

17 ޑިސެންބަރު 2022 - 13:27 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޖުޑިޝަރީ ފޮ ޖޫނިއާސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޖޭއެސްސީ


ހޯދައިދޭން މި އުޅެނީ ކޮންމެ މީހަކަށް ވެސް ރަނގަޅު ފަނޑިޔާރެއްގެ ހައްގު: ހިސާން

17 ޑިސެންބަރު 2022 - 13:27 1

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަސައްކަތް ކުރަމުން ދަނީ ކޮންމެ ފަރުދަކަށް ވެސް ރަނގަޅު ފަނޑިޔާރެއްގެ ހައްގު ހޯދައިދޭން ކަމަށް އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޖުޑިޝަރީ ހިނގަމުންދާ ގޮތް ޒުވާނުންނަށް ތަޖުރިބާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "ޖުޑިޝަރީ ފޮ ޖޫނިއާސް" ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ހިސާން ވިދާޅުވީ، އަދުލު އިންސާފު ގާއިމްކުރުމަށް އެ ދާއިރާއަށް އެކި ފަންނުގެ މީހުންގެ ބޭނުން ޖެހިފައިވާ ކަމަށެވެ.

"ޖުޑިޝަރީއަށް ބޭނުންވަނީ ހަމައެކަނި ފަނޑިޔާރުންނާއި ލޯޔަރުންނެއް ނޫން، ޓެކްނީޝަނުންނާއި މީޑިއޭޓަރުންނާއި، ސޯޝަލް ވޯކާސް ބޭނުންވޭ، އައިޓީ ދާއިރާގެ ހުނަރުވެރިންނާއި ހިންގުންތެރިންނާއި ކޯޓު އޮފިސަރުން ވެސް ބޭނުންވޭ،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ޖުޑީޝަރީއަކީ ޖިނާއީ އަދުލުގެ ނިޒާމުގެ އިތުރަށް މަދަނީ އަދުލު ވެސް އޭގައި ހިމެނޭ ކަމެއް ކަމަށެވެ. އާއިލާތަކާއި، މީހުންގެ އާންމު ދިރިއުޅުމާއި، ވިޔަފާރިތައް ހިމެނޭހެން އިންސާފެއް ބޭނުން ވެއްޖެ ހިނދެއްގައި އެ ކަމަށް އެދެވެނީ ފަނޑިޔާރުގޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަރިކަ ނުވަތަ އިންހެރިޓަންސްއާއި، ވިޔަފާރިއާއި، ދަރިންގެ ހަރަދާއި، ދަރިންގެ ކަސްޓަޑީއާއި، ގެވެށި އަނިޔާއިން ހިމާޔަތް ހޯދުމާއި، އާންމު ދިރިއުޅުމުގައި ދިމާވާ ހައްލު ނުކުރެވޭ އެތައް އެތައް މައްސަލައަކާ ގުޅިފައިވާ ދާއިރާއެއް،" މަޖިލީހުގައި ތުޅާދޫ ދާއިރާގެ މެންބަރަކަށް ވެސް ހުންނެވި ހިސާން ވިދާޅުވި އެވެ.

ޖުޑިޝަރީ ފޮ ޖޫނިއާސް ވޯކްޝޮޕްގެ ތެރެއިން - ފޮޓޯ: ޖޭއެސްސީ


ޖޭއެސްސީން މަސައްކަތް ކުރަމުން އަންނަނީ އެއިން ކޮންމެ މީހަކަށް ވެސް ލިބެން ޖެހޭ ހައްގުތައް ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއިން ވެސް އެންމެ މުހިންމު ހައްގަކީ ރަނގަޅު ފަނޑިޔާރެއް ލިބުމުގެ ހައްގުކަން ހިސާން ފާހަގަ ކުރެއްވި އެވެ.

"ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ، ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހާލަން ޖެހޭ ވަގުތެއް، މިފަދަ ކޮންމެ ހާލަތެއްގައި، އަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމަދޭނެ ފަނޑިޔާރުން ތިބިކަން ޔަގީންވުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ގޮތް،" ހިސާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރުގެ ހައިސިއްޔަތުން އެ ކޮމިޝަންގައި އިންނަވާ ހިސާން ވިދާޅުވީ ކޮމިޝަންގެ މަސައްކަތަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ކޮމިޝަންގެ ވާޖިބު އަދާކުރަމުންދާނެ ކަން ޔަގީންކުރާނެ ކަމަށެވެ.

"ތައުރީފާއި، ފާޑުކިޔުމުގެ ތެރެއިން، ކުރާ އުނދަގޫ މަސައްކަތެއް، ނަމަވެސް އަޅުގަނޑުމެން ކުރާ މަސަތްކަތް ކުރަނީ، ކޯޓު ކުރިމަތީ ހުއްޓޭ ކޮންމެ ފަރުދަކީ ވެސް އިންސާފުވެރި، އަދުލުވެރި ފަނޑިޔާރެއް ހައްގުވާ މީހެއްކަމަށް ވާތީ،" ހިސާން ވިދާޅުވި އެވެ.