Advertisement

ފާތިހާ ކިޔެވުން

17 ޑިސެންބަރު 2022 - 12:05 1

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)


ފާތިހާ ކިޔެވުން

17 ޑިސެންބަރު 2022 - 12:05 1

މީހަކު ދުނިޔޭގައި އުޅެ ދުނިޔެދޫކޮށްފައި ދިޔުމުން މައްޔިތާއަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދިރިތިބީން އެތައްކަމެއް ކޮށްއުޅެ އެވެ. އެގޮތުން މި ފަހަރު އަޅުގަނޑު ބަލައިލާނީ މައްޔިތާއަށް ފާތިހާ ކިޔަވާ އުޅުނު އުޅުމުގެ މައްޗަށެވެ. މި ގޮތުން ފާތިހާ ކިޔަވާ އުޅުނު ގޮތަކީ ފުރަތަމަ މައްޔިތާ ވަޅުލުމަށް ފަހު، ސާޅީސް ދުވަސް ވާންދެން ކޮންމެ ދުވަހަކު ހެނދުނާ ހަވީރު ކިޔަވާ ކިޔެވުމެވެ. އެއަށްފަހު އިތުރުން ހަތްދުވަސްވާ ދުވަހު ފާތިހާއެއް ކިޔަވަ އެވެ. އަދި އަހަރުވާންދެން ކޮންމެ މަހަކު އެއް ފަހަރު ފާތިހާ ކިޔަވަ އެވެ. އެއް އަހަރުވުމުން ކިޔަވާނީ އަހަރުމަތި ފާހަގަކުރާ ފާތިހާއެވެ. އެރޭ ކެރިފޯރާ މީހުން މައްޔިތާގެ މައްޗަށް "ފޮތްފޮށި" ކިޔަވާނެ އެވެ. މި ފޮތްފޮށި ކިޔަވާނީ ރަށުގައި ތިބޭ ޤުރުއާން ކިޔަވަން އެނގޭ މީހުން ލައްވަ އެވެ. މި ފޮތްފޮށި ބައެއް ފަހަރު މިސްކިތުގައިވެސް އަނެއްބައި ފަހަރު ގޭގޭގައިވެސް ކިޔަވަ އެވެ. ފޮތްފޮށި ކިޔަވާ މީހުންނަށް އެރޭ ރަނގަޅު ކެއުމެއް ދެއެވެ.

އަހަރުމަތި ފާހަގަ ކުރުމަށްޓަކައި އެދުވަހު ފަތިހު މަހާނަ ދޮށުގައި ފާތިހާ ކިޔަ އެވެ. ގޭގެ މީހުން ގޮސް މަހާނަދޮށް ސާފުކޮށް ދޮންވެލިލަ އެވެ. އެ ދުވަހު ފާތިހާއަށް ކައްކާ ގޭގާއި ފާތިހާ ކިޔަވާ އެބައެއްގެ ކެރިކުޅަދާނަވި މިންވަރަކުން މީހުންނަށް ކާންދީ އުޅެ އެވެ. އެދުވަހު ރަނގަޅަށް ކެއްކެން ނެތްމީހުން ފާތިހާއަށް ނަންގަނެ ފަހުން އެހެން ދުވަހަކު ރަނގަޅަށް ކައްކާ އުޅެއެވެ.

ފާތިހާއަށް ކައްކާ ތަށިތައްޓަށް ކާނާ އެޅުމަކީވެސް ވަކި ހާއްސަ ހަމަތަކަކުން ކޮށްއުޅުނު ކަމެކެވެ. މި ގޮތުން ފާތިހާއަށް ކާން ތައްޔާރު ކުރާއިރު ނުތާހިރާ ހުރި އަންހެނަކަށް ތަށިތައްޓަކަށް އެއްޗިއްސެއް ނޭޅޭނެ އެވެ. މި ފަދަ މީހެއް ނަމަ ކައިރި އަވަށްޓެރިއަކަށް ގޮވައިގެން ތަށިތައްޓަށް ކާތަކެތި އަޅަ އެވެ.

އާންމުކޮށް ފާތިހާއަށް ބަތްއަޅާނީ ސޮލަވާތު ތައްޓަށެވެ. ސޮލަވާތު ތައްޓަށް ބަތްއެޅުމަށްފަހު އެތަށިމަތީގައި ކޯޅިތައްޓަކަށް ބަތްއަޅާފައި ބަހައްޓަ އެވެ. އެތަށި މަތީގައި ވެސް އެއަށްވުރެ ކުޑަތައްޓަކަށް ބަތް އަޅާފައި ބަހައްޓަ އެވެ. ދެން މިތަށި މަތީގައި ސަމުސަލަކަށް ބަތްކޮޅެއް އަޅާފައި ބަހައްޓައެވެ. (މި ސަމުސަލަކީ އިހުގައި ދިވެހިން ސިލަވަރުންނާއި ނާބޮލިންނާއި އަދި ނާށިން ހަދާއުޅުނު ސަމުސަލެކެވެ.) މި ގޮތަށް ކުދިތައްޓާއި ސަމުސަލުގައި ބެހެއްޓުމަށް "ސަފާތައް" ބެހެއްޓުމޭ ކިޔަ އެވެ.

ރިހަދަޅަކާއި ސަފާތަށް އަޅާވައްތަރު ސަމުސަލެއް

ސޮލަވާތް ފާތިހާއަށް ދުންބެހެއްޓުމަށްފަހު ގޭގެ މައިދޮރުން އެއްވެސް އަންހެނަކު ގޭތެރެއަށް ވަދެ ނިކުމެ އުޅުމަކީ ކޮށްގެން ވާނެކަމެއް ނޫނެވެ.

"ކައިގެން ކިޔަވާނީ ފާތިހާއެވެ." ބުނެ އުޅޭ ފަދައިން ފާތިހާ ކިޔަވާ އުޅުނީ ކެއުމުގެ ފަހުގަ އެވެ. އިމާމް މީހާ ބިސްމިން ކިޔުމަށްފަހު ކާން ފަށާނީ ސަފާއަށް އަޅާފައި ހުރި ސަމުސަލުގައި ހުރި ބަތްސުވާއިން އިނގިލިތަކުގެ ކުރިން ހިފައިފައި ނަގާ ސުވާއިންނެވެ. އެއަށްފަހު އެސަމުސަލުގައި ހުރި ބަތް ކައިވަތު ތައްޓަށް އަޅާލައެވެ. އެހެން މީހުން ތައްޓަށް އެއްޗެހި އަޅާނީ އިމާމް މީހާ އަޅާ ނިމުނީމަ އެވެ.

ކާން ތިބޭނީ ގޭގެ ބޮޑުއަށިމަތީގަ އެވެ. ކައި ނިމިގެން އަތްދޮންނާނީ އެކަމަށް ހާއްސަ ތައްޓަކަށެވެ. އިމާމު މީހާ އަތް ދޮންނާނީ ކާތައްޓަށެވެ. އިމާމު މީހާ ތައްޓަށް އަތްދޮވުމަށްފަހު އެ ފެންފޮދު އުކާލާނީ ބޮޑު އަށި ދަށަށެވެ. މި ގޮތަށް ތިންފަހަރު ބޮޑުއަށިދޮށަށް އަތްދޮވުނު ފެންފޮދު އުކާލައެވެ. މި ކަންތައް ފަހުން ބަދަލުވެ ގޭގެ ބޮޑު ދޮރުން ބައްތި އަލި ފޯރާ ހިސާބަށް އަތްދޮވުނު ފެންފޮދު އުކާ އުޅުނެވެ. އެންމެ ފުރަތަމަ އިމާމު ކައިފައި ހުރި ތަށީގެ ފެން އުކާ އުޅުނީ ފާތިޙާ ކިޔަވަމުން ގޮސް "ޔަރުޙަމުﷲ މަ" ކިޔަން އަތްނެގީމަ އެވެ. މިކަންވެސް ކުރެވޭނީ ތާހިރާ ހުންނަ އަންހެނަކަށެވެ. މި ފާތިހާ ކިޔެވުމުގައި މައްޔިތާއަށް ލިބޭ ހަމައެކަނި އެއްޗަކީ މި އުކާލާ ފެންފޮދުގައި ހުރި އެއްޗެއް ކަމުގައި ވެއެވެ.

އިހުގައި ސޮލަވާތް ފާތިހާ ކިޔަވަން އެނގޭ މީހުންނަކީ ގަދަރުވެރި، މީހުންގެ އިހުތިރާމް ލިބިގެންވާ ބައެކެވެ. ހާއްސަކޮށް ފާތިހާ އާއި އެކިއެކި ވަލީވެރިންނަށް ކިޔަވާ ފާތިހާ ފަރިއްކޮޅު ކިޔަވާ މީހުންނަކީ މާ ޝަރަފުވެރި ބައެކެވެ.

މައްޔިތާގެ މައްޗަށް ފޮތްފޮށި ކިޔެވުމާއި މަހާނައަށް ދޮންވެލިލުމާއި ފާތިޙާ ކިޔުންވަނީ ޒަމާނާއެކު ކުރަން ހެޔޮނުވާވަރު ކަންތަކުގެ ތެރޭގައި ހިމެނި, މިއަދު ވަނީ ނިމި ގޮސްފައެވެ.