Advertisement

ޝިރުފާން: ރެޑްވިންގްސް ފިޔަގަނޑު ދަށުން ނުކުތް ވަރުގަދަ ހުނަރުވެރިއެއް

18 ޑިސެންބަރު 2022 - 11:40 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން


ޝިރުފާން: ރެޑްވިންގްސް ފިޔަގަނޑު ދަށުން ނުކުތް ވަރުގަދަ ހުނަރުވެރިއެއް

18 ޑިސެންބަރު 2022 - 11:40 0

ގައުމީ ބާސްކެޓްބޯޅަ ޓީމަށް ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދަން ބާލާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިސްކޮޅުން ދިގު އަދި ބިޔަ ކުޅުންތެރިން ކުޅޭ މަގާމް ކަމަށްވާ ސެންޓަ ޕްލޭޔަރުން މަދުވުމެވެ. މި މަގާމަށް ކުޅުންތެރިން އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތް ވެސް ބޮޑެވެ. ބާސްކެޓްބޯޅަ ޓީމުތަކުގެ އެންމެ ނުފޫޒުގަދަ މަގާމުގެ ގޮތުގައި ވެފައިވާ ސެންޓަ ޕްލޭޔަރުގެ މަގާމަކީ އެންމެ ޒިންމާ ބޮޑު މަގާމެވެ. އިދިކޮޅު ޓީމްގެ ވަރުގަދަ ބިޔަ ކުޅުންތެރިން ހުއްޓުވުމާއި، ރިންގުގައި ޖެހިފައި ބޭރަށް ދާ ބޯޅަތަކުގެ ރީބައުންޑް ނެގުމުގެ މައިގަނޑު ޒިންމާ އޮންނަނީ ސެންޓާއަށް ކުޅޭ ކުޅުންތެރިއާ އަށެވެ.

މިދިޔަ ދެ ތިން އަހަރަށް ބަލާއިރު ބާސްކެޓްބޯޅައިގައި އުއްމީދީ ސެންޓަ ޕްލޭޔަރުން ފެނިއްޖެ އެވެ. މިވަގުތު ގައުމީ ޓީމްގައި ހުރި އަބްދުﷲ އަމްޒަރާ އެކު މި ވަގުތު އެމަގާމަށް ވާދަކުރާ އިތުރު ކުޅުންތެރިން ފެނިއްޖެ އެވެ. އެ ގޮތުން ދާދި ފަހުން ނިމުނު އެމްބީއޭ ޗެމްޕިއަންޝިޕުގެ ރެޑްވިންގްސް ޓީމުން ފެނުނު ޝިރުފާން އަހުމަދު (ޝިރު) ފާހަގަކޮށްލެވުނީ ފުލްކޮށް ކުޅުނު ފުރަތަމަ މުބާރާތުގައި ވެސް ގިނަ ކުރިއެރުންތަކެއް ހޯދައި ބާސްކެޓްބޯޅަ އަށް އުއްމީދުތަކެއް ގެނެސްދިން ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ޝިރުގެ ނަން ދާދި ފަހުން ނިމުނު އެމްބީއޭ ޗެމްޕިއަންޝިޕާއި މަރުހޫމް ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގައި ފާހަގަކުރަން ޖެހެނީ ސަބަބުތަކެއް ނެތި އެއް ނޫނެވެ. އެމްބީއޭ ޗެމްޕިއަންޝިޕުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުނެވެ. ނުވަ މެޗު ކުޅުނުއިރު ހުރިހާ މެޗެއްގައި އޭނާ ފުލްކޮށް ކުޅުނެވެ. އެއްވެސް ރެސްޓެއް ނެތި ކުޅުނު މެޗުތަކުގައި އެއް ފެންވަރެއްގައި އެ ޓީމަށް ކުޅެ ގިނަ ސްކޯތަކެއްކުރި އެވެ.

ސްކޯރިން އަށް ބަލާއިރު މިވަގުތު ރާއްޖޭގައި ތިބި އެންމެ މަތީ ފަންތީގެ ކުޅުންތެރިންނާ އެއް ހަމައެއްގައި ޝިރު ހުރިއިރު، މުބާރާތުގައި އެންމެ ގިނަ ރީބައުންޑް ނެގި ކުޅުންތެރިތަކީ ވެސް އޭނާ އެވެ. ޝިރު ވަނީ ނުވަ މެޗުގައި 144 ރީބައުންޑް ނަގައިފަ އެވެ. އޭނާއާ އެންމެ ގާތުގައި އޮތް އަމްޒަރު އަށް ނެގުނީ 10 މެޗުން 113 ރީބައުންޑެވެ.

"އަސްލު ހިއެއް ނުކުރަން އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ކަމަށް. އެއަށް ޓާގެޓްކޮށްގެން ނޫން ކުޅުނީވެސް. އަސްލު ސަޕްރައިޒްވި ގައުމީ ޓީމުގެ ކުޅުންތެރިން ފަހަތަށް ޖައްސާލައި ޝިރު އަށް އެވަރަށް ކުރިއަށް ޖެހިލެވުނީމަ. މިހާރު އެބައިން ޔަގީންކަން ކުރިއަށް ހުރި މުބާރާތްތަކުގައިވެސް އެކަން ވާނެކަމަށް" އިންޓަ ސްކޫލް މުބާރާތްތަކުން ބާސްކެޓްގެ ތެރެއަށް އައި ޝިރު ބުންޏެވެ.

އެމްބީއޭ ޗެމްޕިއަންޝިޕަށްފަހު ނިމުނު ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގައިވެސް އެންމެ ގިނަ ރީބައުންޑް ނަގައި ޑިފެންސުގައި ޓީމަށް އެންމެ ފައިދާހުރި ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ ޝިރު އެވެ. 50 އަށްވުރެ ގިނަ ރީބައުންޑް މި މުބާރާތުގައި ކުޅުނު ހަތަރު މެޗުގައި އޭނާ ނެގި އެވެ.

ޝިރު ގަބޫލުކުރާ ގޮތުގައި އޭނާ އަށް މިފަހަރު އެވަރުގެ ކުޅުމެއް ދެއްކުނީ ޓީމްގެ ހުރިހާ ކުޅުންތެރިންނާއި ކޯޗުން ދިން އެއްބާރުލުމުންނެވެ. ވަކިން ހާސްކޮށް ކޯޗު އަހުމަދު ނަޒީފް (ނަޒީ ކޯޗު)ގެ ނަން އޭނާ ފާހަގަކުރި އެވެ.

"މިއީ ހަމަ އެންމެންގެ ސަޕޯޓު. ޝިރު އަށް އިތުބާރުކޮށްފައި ޓީމްގެ އެންމެންވެސް ވަކިން ހާއްސަކޮށް ނަޒީ ކޯޗު ކުރި މަސައްކަތް. ހަމަ ކޮންމެ ކަމެއްގައިވެސް ޓީމް އެއްކޮށް އުޅެނީ. އެއީ ހަމަ ތަފާތަކީ. ޝިރު އަށް މި ކުޅުން ދެއްކުނީ އެންމެންގެ ހިއްސާ މީގައި އޮވެގެން" ޝިރު ބުންޏެވެ.

ޓީރެކްސްގެ ޗިކަނޭ އާއި ފިރާޝް ކައިރިން ޝިރު ބޯޅަ ހޯދަން މަސައްކަތްކުރަނީ.--- ފޮޓޯ: އަދަދު


އެޗްޑީސީ އާއިއެކު 2018 ވަނަ އަހަރު ކުރިއަށްދިޔަ ދެވަނަ ޑިވިޝަން ބާސްކެޓްބޯޅަ މުބާރާތުގެ ތެރެއިން ފާހަގަވެގެން ޝިރު ރެޑްވިންގްސް ޓީމަށް ކުޅެން ކޯޗު ނަޒީ ނިިންމީ އޭނާ އަކީ ކުރިމަގު އޮތް ކުޅުންތެރިއެއް ކަމުގައި ދެކޭތީ އެވެ. އަނެއްކޮޅުން ރެޑްވިންގްސް އާއިއެކު ނަޒީ ފެށި ޕްރޮޖެކްޓުގައި ހިމެނޭ ކުޅުންތެރިންނާ ޝިރުގެ މިޒާޖު އެއްގޮތްވާނެކަމަށް ބަލައި އޭނާ އަށް އެޓީމުގައި މުހިންމު ކުޅުމެއް ދެއްކޭނެކަމަށް ގަބޫލުކުރާތީ އެވެ.

އަނެއްކޮޅުން ގިނަ ޓީމްތަކަކުން ބޭނުންވެ ހުށަހުޅުންތައް ލިބެމުން އައި ކުޅުންތެރިޔާ ކޯޗު ނަޒީގެ "ޕްރޮޖެކްޓާ" ގަޔާވީ އޭނާ ބޭނުންވާ ކަހަލަ މާހައުލެއް ކުލަބުގެ ތެރޭގައި އޮތީމަ އެވެ.

ރެޑްވިންގްސް އަށް ފުރަތަމަ ކުޅުނު އަހަރު އޭނާ އަށް ލިބިފައި ހުރި އަނިޔާއިން ރިކަވާވުމުގައިވެސް ޝިރު ގަބޫލުކުރާ ގޮތުގައި ކޯޗު ނަޒީގެ ހިއްސާ ބޮޑެވެ. މިގޮތުން ކަކުލަށް ލިބިފައި ހުރި އަނިޔާއިން ރިކަވާވި ދުވަސްވަރު ޕްރެކްޓިސްތަކާއި މެޗުތަކުގައި ބުރަ ބޮޑު ނުވާގޮތަށް ޕްލޭންތައް ރާވައި އެެންމެ ބޮޑަށް ހިތްވަރުދީނީ ކޯޗުކަމަށް ޝިރު ބުންޏެވެ.

މިނެސްކަސް އަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް ކުރި މަސައްކަތުގައި ޝިރުއަށް ޖިމްގައި ކުރެވުނު މަސައްކަތަކީ މިހާރު އޭނާ ހުރި ހިސާބަށް އައުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބުގެ ގޮތުގައި ކޯޗު ނަޒީ ފާހަގަކުރެ އެވެ. ބަރާބަރަށް ޖިމަށްގޮސް އަމިއްލަ ހަށިގަނޑު ވަރުގަދަކޮށް ބާސްކެޓަށް "ހެޔޮވަރު" ކުޅުންތެރިއެއްގެ ގޮތުގައި ޝިރު މިވަގުތު އެހުރީ ނަޒީ ގަބޫލުކުރާ ގޮތުގައި ޝިރުގެ އަމިއްލަ މަސައްކަތާއި ކުޅިވަރުގެ އަހުލާގުގެ ސަބަބުންނެވެ.

"ޗެމްޕިއަންޝިޕްގައި ކުޅުނު ހުރިހާ މެޗެއްގައި އެ ކުޅުނީ ފުލްކޮށް. 40 މިނެޓު ނިންމާފައި އެހެން ކުޅުންތެރިން ތަންތަނަށް ތަދުވެގެން އުޅޭއިރު ޝިރު އަނިޔާގެ ޝަކުވާއެއް ނުކުރާނެ. އަނެއްކާ އަމިއްލައަށް ރިކަވަރީ ޖައްސާނެ. އައިސްބާތަށް ގޮސް ކަންކަން ކުރާނެ. އެއީ އަސްލު އެ ފެންވަރުގައި އޭނާ އަށް ކުޅެވުނު މައިގަނޑު ސަބަބަކީ" ރެޑްވިންގްސް ޓީމް އެންމެ އުހަށް ގެނެސްދިން ކޯޗު ނަޒީ ބުންޏެވެ.

ޝިރު އަށް މިފަހަރު މެޗުތަކުގައި ގިނަ ވަގުތު ކުޅެން ޖެހުނީ ރެޑްވިންގްސް ޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ މުހައްމަދު ރިޝްވާން (ކޭބީ)ގެ ކުޑަ ހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް މި ދެ މުބާރާތުގައި ކުޅޭވޭ ގޮތް ނުވުމުންނެވެ. ކުރިން ފަރިތަކުުރުންތަކުގައިވެސް މެޗުތަކުގައިވެސް ކުޑަކޮށް ބައިވެރިވެލަމުން އައި ޝިރުއަށް މިފަހަރު ފުރިހަމަ ސަޕޯޓް ޓީމަށް ދޭން ޖެހުނު ހިސާބަކީ މިއީ އެވެ. އެހެންނަމަވެސް އެ ޗެލެންޖު އޭނާ ނަގައި އެ ފުރިހަމަކުރީ ވަރަށް ރަނގަޅަށެވެ.

"ކޭބީ އިންޖަރީވީމަ ކޯޗު ގާތުވެސް ބުނިން މިފަހަރު ޝިރު އެންމެ މެކްސިމަމް ދޭނަމޭ. ކޭބީ ނެތްތަން ނުދައްކާ ވަރަށް ވޯކް ކުރާނަމޭ. އެހެންވެ ޓީމަށްޓަކައި ވަރަށް މަސައްކަތްކުރެވުނު ފަހަރެއް މިއީ. އެހެންފަހަރުތަކުގައި ބެންޗުގައި އިނދެފައި މަދު މަދުން ކުޅުން އަރަނީ. އެކަމަކި މިފަހަރު އިނގޭ ކޭބީ ނެތްކަން. އެހެންވީމަ އިތުރަށް އެފަޓް ލައިގެން މިކަން މި ކުރެވުނީ." 22 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

ކޯޗު ނަޒީ ގަބޫލުކުރާ ގޮތުގައި ބާސްކެޓަށް ހުސްވެގެން ޝިރު މަސައްކަތްކޮށްފިނަމަ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭނެ އެވެ. އޭނާގެ ހުނަރާއި ގާބިލްކަމަށް ނަޒީއަށް ފުރިހަމަ އިތުބާރު އެބައޮތެވެ.

ކުލަބު ލެވެލްގައި ޝިރު ދެއްކި ކުޅުމާއިއެކު ދެން އޮތީ ގައުމީ ޓީމުގައި ހިމެނި ގައުމަށް ރީތި ނަން ހޯދައިދިނުމަށް އޭނާ ކުރާ އިންތިޒާރެވެ. މިއަހަރު އޮތް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރި ބާސްކެޓްބޯޅަ 3 އޮން 3 ގައުމީ ޓީމްގައި ހިމެނުމަށް އޭނާ އަށް ފުރުސަތު ލިބުނެވެ. ނަމަވެސް ވަޒީފާގައި ކަންކަން ހުރި ގޮތުން އެފަހަރު އެ ފުރުސަތު އޭނާ ޖެހުނީ ދޫކޮށްލާށެވެ. އެކަމަކު ގައުމީ ސީނިއާ ޓީމަށް ލިބޭ ފުރުސަތަކަށް އޭނާ ހުރީ މިހާރުވެސް އެދި އެދި އެވެ.

"އެންމެ އުފާވާނީ އަމިއްލަ ގައުމު ރިޕްރެޒެންޓް ކުރަން ފުރުސަތު ލިބުނީމަ. އެއްވެސް ނުފޫޒެއް ނެތި ހަމަހަމަކޮށް ސެލެކްޝަން ގެންދަންޏާ ގައުމީ ޓީމްގެ ޓްރަޔަލްތަކަށްވެސް ދާނަން. ބޭނުން ގައުމީ ޓީމުގައި ކުޅެ ގައުމަށް ރީތި ނަން ހޯދައިިދޭން" ޝިރު ބުންޏެވެ.

ކުޅިވަރުގެ ހަގީގީ ފިޒީކްއެއް ހޯދުމަށް ޖިމަށް ވެސް ފުރިހަމަށްއަށް އިސްކަންދޭ ޝިރުގެ އެންމެ ބޮޑު އުއްމީދަކީ އޭނާ ކުޅެމުން އަންނަ ރެޑްވިންގްސް ޓީމަށް ގައުމީ ލެވެލްގެ ތައްޓެއް ހޯދައިދިނުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިހާރު އެ ދުވަސް އޮތީ މާ ދުރެއްގަ އެއް ނޫނެވެ.

"ގައުމީ މުބާރާތުގެ ފައިނަލް ކުޅެވިއްޖެ. އެންމެ ފަހުން ނިމުނު މުބާރާތުގެ ފައިނަލުންވެސް އެ ބަލިވީ ވަރަށް ގާތުން. ހުއްޓާނުލާ މި ޓީމް އެއްކޮށް މަސައްކަތްކުރާނަން ތަށި ހޯދަން. އިތުބާރު އެބައޮތް މި ޓީމާ މެދު." ޝިރު ބުންޏެވެ.

ރަނގަޅު ފޯމެއްގައި އަހަރު ނިންމާލެވުމުން ޝިރު މުސްތަގުބަލާ މެދު ކުރާ އުންމީދުތައް ވެސް ބޮޑެވެ. އޭނާ ހުރީ ކެރިއަރުގައި ކުރިއަށްދާން މިހާރު މި ކުރާ މަސައްކަތްތަކުގެ ދުވެލި މަޑުޖައްސާލާ ގޮތަކަށް ނޫނެވެ.