ނޫސްވެރިިޔާ ރިލްވާން އަބްދުﷲ: އޭނާގެ މައްސަލައިގެ ރިޕޯޓް ރައީސް ސޯލިހަށް އެރުވީ އިއްޔެ -- ފޮޓޯ: ފައިލް
ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ މައްސަލައިގައި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރި މަސައްކަތް ބަލައިގަންނަ ކަމަށް އާއިލާއިން މިރޭ ބުނެފި އެވެ.
އޯގަސްޓް 7، 2014 ގައި ގެއްލުނު ރިލްވާން މައްސަލައިގެ ރިޕޯޓު ނިންމައި އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މަރު ކޮމިޝަނުން ވަނީ އަރުވައިފަ އެވެ. އެ ކޮމިޝަނުގެ ނިންމުމަކީ ރިލްވާން ވަގަށް ނަގައި، މަރާލުމަށްފަހު ކަނޑު ފެއްތީ ކަމަށެވެ.
އެކަމާ ގުޅިގެން ރިލްވާންގެ ދައްތަ، ފާތިމަތު ޝެހެނާޒް "އަދަދު" ނޫހާ ވާހަކަ ދައްކަމުން ބުނީ އެހާ ގިނަ ދުވަސްވީ އަދި ފޮރުވަން މަސައްކަތްކޮށްފައިވާ މައްސަލައެއްގައި މަރު ކޮމިޝަނުން ކުރި މަސައްކަތް އާއިލާއިން ބަލައިގަންނަ ކަމަށެވެ.
"ކޮމިޝަނުން މަސައްކަތްތަކއެއް ކުރާކަން ފާހަގަ ކުރެވޭ. ތިން މީހަކު ހައްޔަރުފިތާ މިހާރު ވެސް އެ މައްސަލައިގައި. އެއީ ވަރަށް ބިޮޑު ހިތްހަމަޖެހުމެއް. ދެން ވެސް ހައްޔަރު ކުރަމުން ގެންދާނެ ކަމަށް އިއްޔެ ކޮމިޝަނުން ބުނި. އެކަން ވެސް ފާހަގަ ކުރަން އަޅުގަނޑުމެން،" ޝެހެނާޒް ބުންޏެވެ.
ޝެހެނާޒް ބުނީ، ރިލްވާން މައްސަލައިގައި ހަރުކަށި މީހުންގެ އިތުރުން ގޭންގުތަކާއި ސިޔާސީ ފަރާތްތަކާ ގުޅުން އޮތް މިންވަރު ވެސް ކޮމިޝަނުގެ މަސައްކަތުން ކުރިއަށްވުރެ ބޮޑަށް ހާމަވެއްޖެ ކަމަށެވެ.
"ކޮބާހޭ ރިލްވާން؟ އެ ހިސާބަށް ވާސިލްވާން ދަތިވާނެ ކަމަށް ވެސް ގަބޫލު ކުރަން. ބަޔަކު މި އޮތީ ހެކި ނައްތާލުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފަ،" ޝެހެނާޒް ބުންޏެވެ. "ދެން މައްސަލަ ކޯޓުން ރަނގަޅަށް ނިންމާނެ ކަމަށް އުއްމީދު ކުރަނީ. އެކަމަކު ކޮންމެ ފަހަރަކު ވެސް ކޯޓާ ހަމައިން ގޯސްކޮށް މި ނިމެނީ."
އޭގެ އިތުރުން ޝެހެނާޒް ބުނީ، ރިލްވާންގެ ވާހަކަ ނޫސްތަކުން ލިޔާއިރު އަދި ހާދިސާ ސިފަކުރާ ގޮތުން އާއިލާއަށް ހިތާމަ ލިބޭ ކަމަށެވެ. އަދި ރިލްވާންގެ ހާދިސާއަށް ނިސްބަތްކޮށް ބައެއް މީހުން ޖޯކު ޖަހާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ދެރަވޭ، އިއްޔެއާ މިއަދުއާ ވަރަށް ދެރަވޭ. ނޫސްތައް ހުޅުވާލާ ކޮންމެ ފަހަރަކު ވަރަށް ހިތަށް އަސަރު ކުރޭ. ބައެއް މީހުން ޖޯކު ވެސް ޖަހާ. އާއިލާއަށް ކުރާ އަސަރު އެމީހުންނަކަށް ނުވިސްނޭ،" ޝެހެނާޒް ކިޔައިދިނެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަނުން ބުނީ ރިިލްވާން ވަގަށް ނަގައި މަަރާލީ ގޭންގުތަކާ ގުޅުން އޮންނަ ހަރުކަށި ފިކުރުގެ މީހުން، ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންދިޔަ މީހުންނާ ދެކޮޅަށް ހިންގި ޓެރަރިޒަމްގެ ކެމްޕެއިނެއްގެ ތެރެއިން ކަމަށެވެ.
ރިލްވާން މަރާލީ ދުރާލައި ރާވައިގެން ކަމަށާއި އެ ހާދިސާއަށްފަހު ރޭވިގެން ހެކި ނައްތާލާފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. އަދި ހެކި ނައްތާލުމާއި ރިލްވާން މެރުމުގައި ބައިވެރިވި މީހުން ރާއްޖެ ފިލައިގެން ދިޔުމަށް ފުލުހުންގެ ތެރެއިންނާއި ސަރުކާރުގެ އިސް ވެރިން މަސައްކަތް ކުރި ކަމަށް ވެސް ބުންޏެވެ.
ރިލްވާން މެރުމުގައި ބައިވެރިވި އެކަކު، އެ ހާދިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކިޔައިދިން ކަމަށާއި އޭނާ ރާއްޖެއިން ބޭރަށް ފުރުވާލުމުގައި ޔާމީންގެ ދައުރެއްވާ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ. އަދި ރިލްވާންއަށް އޮތް ނުރައްކާ ފުލުހުންނަށް ކުރިން އެނގުނު ކަމަށާއި ފިޔަވަޅު އެޅި ނަމަ އެއީ ހުއްޓުވުމުގެ ފުރުސަތު އޮތް މަރެއް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment