Advertisement

ޕޯޗުގަލްގެ ކޯޗުކަމުން ސަންޓޯސް އިސްތިއުފާދީފި

16 ޑިސެންބަރު 2022 - 09:46 0

ޕޯޗުގަލްގެ ކޯޗަކަށް ހުރި ފެނާންޑޯ ސަންޓޯސް: އޭނާ ވަނީ މަގާމުން އިސްތިއުފާދީފައި.


ޕޯޗުގަލްގެ ކޯޗުކަމުން ސަންޓޯސް އިސްތިއުފާދީފި

16 ޑިސެންބަރު 2022 - 09:46 0

ލިޒްބަން، ޕޯޗުގަލް (ޑިސެމްބަރު 16) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ނާކާމިޔާބީއާ އެކު ޕޯޗުގަލްގެ ކޯޗުކަމުގެ މަގާމުގައި ހުރި ފެނާންޑޯ ސަންޓޯސް މަގާމުން އިސްތިއުފާ ދީފި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕުން ޕޯޗުގަލް ކެޓީ ކުއާޓާ ފައިނަލްގައި މޮރޮކޯ އަތުންނެވެ.

ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަންޓޯސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް ގެންނަން އެއްބަސްވެފައިވާ ކަމަށެެވެ. އެކަމަކު، ޕޯޗުގަލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފެޑެރޭޝަނުގެ ޕްރެޝަރާ ހެދި ސަންޓޯސް، 68، ނިންމީ މަގާމުން އިސްތިއުފާ ދިނުމަށެވެ.

ސަންޓޯސް، ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވީ 2014 ވަނަ އަހަރު، ސެޕްޓެމްބަރު މަހުގަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޕޯޗުގަލް އިން ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2019 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ސަންޓޯސްގެ ކޯޗުކަމުގައި ޕޯޗުގަލް އިން 2018 ވަނަ އަަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުން ކެޓިއިރު، މިދިޔަ އަހަރުގެ ޔޫރޯ އިން ކެޓީ ވެސް ގަދަ 16 ޓީމު ވާދަކުރި ހިސާބުންނެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ވަރުގަދަ ސްކޮޑަކާ އެކު ނުކުމެ، ޕޯޗުގަލް ކުއާޓާ ފައިނަލާ ހަމައިން ކެޓިއިރު، އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ދެ މެޗުގައި ބެންޗަށް ލުމަކީ ސަންޓޯސް އަށް ޕްރެޝަރު ބޮޑުވި ނިންމުންތަކެކެވެ.

ޕޯޗުގަލް ފެޑެރޭޝަންގެ އެއް ވަނަ ޓާގެޓަކީ މޮރީނިއޯ

ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވާއިރު، މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ފެޑެރޭޝަންގެ އެއް ވަނަ ޓާގެޓަކީ މި ވަގުތު އިޓަލީގެ އޭއެސް ރޯމާއާ ހަވާލުވެހުރި، ޕޯޗުގީސް ކޯޗު ހޯސޭ މޮރީނިއޯ އެވެ.

ސަންޓޯސް، ޕޯޗުގަލްގެ ކޯޗުގެ މަގާމުން ވަކިނުކުރަނިސް ވެސް މޮރީނިއޯ، އަށް ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން އޮފާ ކޮށްފައިވާ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. އެއީ ރޯމާގެ ކޮންޓްރެކްޓްގައި ހުރެ އޭގެ މުއްދަތުގައި ވެސް މޮރީނިއޯ އަށް ޕޯޗުގަލް ޓީމަށް އިރުޝާދު ދެވޭ ގޮތަށެެވެ.

އަންނަ މާޗް މަހު ޔޫރޯ 2024 ގެ ކޮލިފައިން ފެށޭއިރު، އެހާ ތަނަށް ދުވަސް އޮއްވައި، ޕޯޗުގަލްގެ އާ ކޯޗު ހަމަޖައްސާނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.

މޮރީނިއޯގެ ކޯޗިން ކެރިއަރުގައި މިހާތަނަށް އޭނާ ފެނިފައިވަނީ ކްލަބްތަކުގެ ބެންޗުންނެވެ. އެކަމަކު، ގައުމީ ޓީމަކުން ރަނގަޅު ފުރުސަތެއް ލިބިއްޖެނަމަ ހަވާލުވާނެ ކަމުގެ އިޝާރާތެއް މީގެ ކުރިން ވެސް މޮރީނިއޯ ވަނީ ދީފަ އެވެ.

ޕޯޗުގަލް ޓީމާ ހަވާލުވެދާނެ ކަމުގެ ކޯޗުންގެ ލިސްޓެއް އެ ގައުމުގެ މީޑިއާގައި ވެސް އަންނަނީ ދައުރުވަމުންނެވެ. އެ ކޯޗުންނަކީ ޕޯޗުގަލްގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ރުއީ ޖޯޖް، ޕަލްމެއިރާސްގެ އަބެލް ފެރެއިރާ، ލިލްގެ ކޯޗު ޕައޮލޯ ފޮންސޭކާ، މިސްރާ ހަވާލުވެހުރި ރުއީ ވިޓޯރިއާ އަދި ފެނަބާޗޭގެ ކޯޗަކަށް ހުރި ޖޯޖް ޖީސޫސް އެވެ.