Advertisement

ޔޫރޯ ކޮލިފައިން: ޔަމާލް ވިދާލިއިރު، ރޮނާލްޑޯ އަށް ހުއްޓުމެއް ނެތް

17 ނޮވެންބަރު 2023 - 10:36 0


ޔޫރޯ ކޮލިފައިން: ޔަމާލް ވިދާލިއިރު، ރޮނާލްޑޯ އަށް ހުއްޓުމެއް ނެތް

17 ނޮވެންބަރު 2023 - 10:36 0

މެޑްރިޑް (ނޮވެމްބަރު 17) - ޔޫރޯ ކޮލިފައިންގައި ރޭގެ މެޗުތަކުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާ އެކު، ލެއިޗެސްޓައިން އަތުން 2-0 އިން ޕޯޗުގަލް މޮޅުވިއިރު، ލަމީން ޔަމާލްގެ ގޯލާ އެކު، ސްޕެއިނުން 3-0 އިން ސައިޕްރަސްގެ މައްޗަށް ކުރިހޯދައިފި އެވެ.

އުމުރުން 17 އަހަރުގެ ޔަމާލް އަކީ ސްޕެއިނަށް ގޯލު ޖަހައިދިން އެންމެ އުމުރުން ހަގު ކުޅުންތެރިޔާގެ ރެކޯޑް ހޯލްޑަރެވެ. އޭނާ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު، 7-1 އިން ޖޯޖިއާ އަތުން ސްޕެއިން މޮޅުވި މެޗުގައި ގޯލު ޖަހައިގެން ރެކޯޑް ހަދައިފަ އެވެ.

ސައިޕްރަސްއާ ދެކޮޅަށް ސްޕެއިން ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ޔަމާލް އެވެ. އޭނާ މި ގޯލު ޖެހީ މެޗުގެ ފަސް ވަނަ މިނިޓްގައި ހޮސޭލޫ ދިން ބޯޅައަކުންނެވެ. މިއީ 22 ޕާސް ފުރިހަމަ ކުރުމަށް ފަހު ސްޕެއިނުން ޖެހި ގޯލެކެވެ.

ޔޫރޯގެ ޖާގަ ޔަގީންކޮށްފައިވާ ސްޕެއިނަށް ރޭގެ މެޗުގައި އަނެއް ދެ ގޯލު ޖަހައިދިނީ ހޮސޭލޫ އާއި މިކޭލް އޮޔާޒަބާލް އެވެ. ސައިޕްރަސްގެ ހަމައެކަނި ގޯލު މެޗުގެ 75 ވަނަ މިނިޓްގައި ކާމިޔާބުކުރީ ކޮސްޓަސް ޕިިލިއާސް އެވެ.

ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި ސްޕެއިން އޮތީ ހަތް މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްކޮޓްލެންޑަށް ވަނީ ހަތް މެޗުން 16 ޕޮއިންޓް ލިބިފަ އެވެ. ސްޕެއިނުން ކޮލިފައިންގެ ފަހު މެޗުގައި އާދިއްތަ ދުވަހު، ޖޯޖިއާއާ ކުޅޭނެ އެވެ.

ގްރޫޕް ޖޭގައި ރޭ ލެއިޗެސްޓަައިން އަތުން ޕޯޗުގަލް މޮޅުވިއިރު، ރޮނާލްޑޯ، އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ 46 ވަނަ މިިނިޓްގައި ޑިއޯގޯ ޖޮޓާ ދިން ބޯޅައަކުންނެވެ. ދެ ވަނަ ގޯލު ޖެހީ އޭގެ 11 މިނިޓް ފަހުން، ޖޮއާއޯ ކަންސޭލޯ އެވެ.

ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ޖަހައިިދިނުމުގެ ރެކޯޑް އޮތް ރޮނާލްޑޯ، ރޭގެ މެޗުގައި ޕޯޗުގަލް އަށް ޖަހައިދީފައިވަނީ 128 ވަނަ ގޯލެވެ. ރޮނާލްޑޯ އެ ރެކޯޑް ހޯދީ ކުރިން އެ ރެކޯޑް އޮތް އީރާނުގެ ލެޖެންޑަރީ ފޯވާޑް އަލީ ދާއީ ފަހަތަށް ޖައްސާލުމަށް ފަހު އެވެ. އީރާނުގެ ކުރީގެ ފޯވާޑް އަލީ ދާއީ ރެކޯޑް ހެދީ 109 ގޯލު ޖަހައިގެންނެވެ.