Advertisement

އެމްއެމްސީގެ ރައީސްކަމަށް މުސްތަފާ، ނައިބު ރައީސް ކަމަށް ހުސެއިން

15 ޑިސެންބަރު 2022 - 15:21 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


އެމްއެމްސީގެ ރައީސްކަމަށް މުސްތަފާ، ނައިބު ރައީސް ކަމަށް ހުސެއިން

15 ޑިސެންބަރު 2022 - 15:21 0

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓެކްނިކަލް މެނޭޖަރު އަހުމަދު މުސްތަފާ އަދި ނައިބު ރައީސްކަމަށް ވަގުތު އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު ހުސައިން ޝަރީފް އައްޔަންކޮށްފި އެވެ.

މީޑިއާ ކައުންސިލްގެ ދައުރު ހަމަވާތީ އެ ކައުންސިލުގެ އާ ދައުރަށް މެންބަރުން އިންތިހާބުކުރުމަށް އިންތިހާބު ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެދުވަހުގެ އިންތިހާބުގައި މީޑިއާތަކުން މެންބަރުންގެ ގޮތުގާ ހަތް ފަރާތެއް އަދި އާންމު މެންބަރުންގެ ގޮތުގާ ހަ ފަރާތެއް ވަނީ އިންތިހާބު ކޮށްފަ އެވެ.

މިއަދު އެ ކައުންސިލުން ބޭއްވި އާ މެންބަރުންގެ ބައްދަލުވުމުގައި ރައީސް އަދި ނައިބު ރައީސް ކަމަށް ދެ ބޭފުޅަކު އައްޔަންކުރި އެވެ. އެ ފަރާތްތައް އައްޔަންކޮށްފައި ވަނީ މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުންނެވެ.

މިއަދު ނެގި ވޯޓުގައި ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ މުސްތަފާގެ އިތުރުން އާފަތިސް އޮންލައިނުން އަލީ ނިޝާން (މިލްޒީރޯ) އެވެ. މުސްތަފާއަށް ނުވަ ވޯޓު ލިބުނު އިރު އަލީ ނިޝާނަށް ލިބުނީ ހަ ވޯޓެވެ.

ނައިބު ރައީސް ކަމަށް ވާދަކުރި ތިން ފަރާތަކީ ވަގުތު އޮންލައިންގެ ހުސެއިންގެ އިތުރުން ވަން އޮންލައިންގެ މުހައްމަދު ސިމާއު އާއި އަމިއްލަ މެމްބަރު އަހުމަދު އަމީން މުހައްމަދު އެވެ. ސިމާއުއަށް ދެ ވޯޓު ލިބުނު އިރު އަމީން އަށް ތިން ވޯޓު އަދި ހުސެއިންއަށް ހަތް ވޯޓު ލިބިފައިވެ އެވެ.

މިިއަދު ވޯޓު ނެގި ޖަލްސާގެ ރިޔާސަތުގައި މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިންނެވުމުން ބައެއް މެންބަރުން ވަނީ ވޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދާ އަލުން ވޯޓު ނެގުމަށް ގޮވާލާފަ އެވެ. ނަމަވެސް އެކަން ކައުންސިލްގެ ލީގަލް ޓީމުން ބެލުމަށްފަހު ނިންމީ މައްސަލައެއް ނެތް ކަމަށެވެ.

މީޑިއާތަކުން ހޮވުނު ކެންޑިޑޭޓުން

  1. އަހުމަދު އާޒިފު، ކެތި، ގއ. ގެމަނަފުށި (ސަން) 85 ވޯޓު
  2. މުހައްމަދު ސިމާއު، ވ. ސިނަމާލެ (ވަން) 85 ވޯޓު
  3. މުހައްމަދު އަފްރާހް، ބާދަލް، ބ. މާޅޮސް (ތިލަދުން) 82 ވޯޓު
  4. މޫސާ ރަޝީދު، ހ. ވިޝަން، މާލެ (މިހާރު) 80 ވޯޓު
  5. ހުސެއިން ޝަރީފް، ނައިޓްހައުސް، ސ. ހިތަދޫ (ވަގުތު) 75 ވޯޓު
  6. އަހުމަދު މުސްތަފާ ދ.ނ 8518 (ޕީއެސްއެމް) 62
  7. އަލީ ނިޝާން، ގ. ކޫލްގްރާސް، މާލެ (އާފަތިސް ) 58 ވޯޓު

ހޮވުނު އަމިއްލަ ކެންޑިޑޭޓުން

  1. އަރުމާރު ރަޝީދު، ރޯސްވިލާ، ސ.މީދޫ، 84 ވޯޓު
  2. އަހުމަދު ސައްފާނު، މާކޯނި، ރ.ވާދޫ، 79 ވޯޓު
  3. ފާތިމަތު ޝާޒުލީ، ހ.ޝީޝަމް، 77 ވޯޓު
  4. އަހުމަދު އަމީން މުހައްމަދު، ރިހިދޯދި، ގދ.ފިޔޯރި، 54 ވޯޓު
  5. މުހައްމަދު ނަސީރު، ދަނބުގެ، ހދ.ވައިކަރުދޫ، 52 ވޯޓު
  6. އަލީ ރަޝީދު އިބްރާހީމް، ކުންނާރުގަސްދޮށުގެ، ދ.ކުޑަހުވަދޫ، 48 ވޯޓު

ޖުމުލަ 15 މެމްބަރުން ތަމްސީލުކުރާ އެމްއެމްސީގެ ދައުރެއްގެ މުއްދަތަކީ ދެ އަހަރެވެ. އެމްއެމްސީ ގާނޫނުގައި ބުނެފައިވާ ގޮތުން ހިނގަމުންދާ ދައުރެއް މެދުތެރެއިން ހުސްވާ ގޮނޑިއަކަށް އިންތިހާބުކުރާ މެމްބަރަކަށް ވެސް ދެ އަހަރު ލިބޭނެ އެވެ.

އެގޮތުން މިހާރު ހިނގަމުންދާ ދައުރުގެ 13 މެމްބަރުންގެ މުއްދަތު މި މަހުގެ 14 އަށް ހަމަވާއިރު، ދައުރު ހަމަ ނުވާ ދެ މެމްބަރުންނަކީ އާންމުންގެ ތެރެއިން އިންތިހާބުކޮށްފައިވާ މެމްބަރަކާއި މީޑިއާއަކުން އިންތިހާބުކޮށްފައިވާ މެމްބަރެކެވެ.