Advertisement

މޮރިއޭރޯ ފާހަގަކުރީ ކުޅުންތެރިން ކުރި މަސައްކަތް

15 ޑިސެންބަރު 2022 - 11:39 0


މޮރިއޭރޯ ފާހަގަކުރީ ކުޅުންތެރިން ކުރި މަސައްކަތް

15 ޑިސެންބަރު 2022 - 11:39 0

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ މެލޭޝިއާ އަތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު 3-0 އިން ބަލިވި މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު މަސައްކަތުގެ ރޭޓް ފާހަގަކުރަން ބޭނުންވާ ކަމަށް ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

މެލޭޝިއާއާ ދެކޮޅަށް ރޭ ރާއްޖޭން ކުޅުނު މެޗުގައި މޮރިއޭރޯ ވަނީ މުޅިން އަލަށް ދެ ކުޅުންތެރިއަކަށް ގައުމީ ޓީމުން ފުރުސަތު ދީފަ އެވެ. އެއީ ފުރަތަމަ އެގާރައިން ފެނިގެންދިޔަ، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ބޮޑު ކުރިއެރުމެއް ހޯދަމުން އައި، މުހައްމަދު ސަހާއު (ބޭލް)ގެ އިތުރުން ރޭ ބަދަލަކަށް ކުޅެން ނުކުތް ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ، ރާއްޖޭގެ މިރާޝް އިމްތިޔާޒް އެވެ.

ރޭގެ މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޮރިއޭރޯ ބުނީ ސެޕްޓެމްބަރު މަހު ކުޅުނު ގައުމީ ޓީމުގެ މެޗުތަކަށް ފަހު، ކުޅުންތެރިން މެޗެއް ނުކުޅެ ތިބެފައި، ތިން މަސް ފަހުން، ބައިނަލްއަގުވާމީ ލެވަލްގެ މެޗަކަށް ނުކުމެ ދެއްކި ކުޅުން ފާހަގަކުރާ ކަމަށެވެ.

"ވަރަށް ވަރުގަދަ ޓީމަކާ ދެކޮޅަށް އަހަރެމެން މި ކުޅުނީ. އެކަމަކު، އިންޑިވިޖުއަލް މިސްޓޭކްތަކެއް ހެދިގެން ތިން ގޯލު ވެސް މި ވަނީ. ގޯލެއް ޖަހަން ލިބުނު ދެ ފުރުސަތެއް އަހަރެމެން އަތުން ވެސް ގެއްލިގެންދިޔަ،" މެޗު ދިޔަ ގޮތަށް އިޝާރާތްކޮށް މޮރިއޭރޯ ބުންޏެވެ.

"ކޯޗެއްގެ ގޮތުގައި އަހަރެން ހިތްހަމަޖެހޭ ކަންކަން ވެސް އެބަހުރި. އަހަރެމެންގެ ޓީމު ކުޅެމުންދިޔައީ، ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ރަނގަޅު އިންޓެންސިޓީއެއްގެ ފުޓްބޯޅައެއް، އަދި އެއީ ވެސް ޒުވާން ހަތް ކުޅުންތެރިން ލައިގެން،"

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި، މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖޭން ކުޅުނު 11 މެޗެވެ. މޮރިއޭރޯ ދާދި ފަހުން ގައުމީ ޓީމުގެ ކޮންޓްރެކްޓް އާ ކުރިއިރު، އޭނާ މިހާތަނަށް ކޯޗުކޮށްދިން މެޗުތަކުގައި ރާއްޖެ މި ވަނީ ހަތަރު މެޗުން ބަލިވެފަ އެވެ.

ރޭ މެލޭޝިއާ އަތުން ބަލިވުމުގެ ކުރިން ދެން ބަލިވީ މިދިޔަ އަހަރުގެ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އަތުންނާއި މި އަހަރު ކުޅުނު އޭޝިއަން ކަޕް ކޮލިފައިންގައި އުޒްބެކިސްތާނާއި ތައިލެންޑް އަތުންނެވެ.

ގައުމީ ޓީމު ދެން ކުޅޭ އެކުވެރިކަމުގެ މެޗުގައި އަންނަ ހޮނިހިރު ދުވަހު ކުޅޭނީ ސިންގަޕޫރާ އެވެ.