Advertisement

ޑެޝޯމްޕްސް އަށް ޕޯޒޯގެ ވޯލްޑް ކަޕް ރެކޯޑާ އެއްވަރުކުރެވިދާނެތަ؟

18 ޑިސެންބަރު 2022 - 11:33 0

ޑެޝޯމްޕްސް 1998 ވަަނަ އަހަރު ފްރާންސް ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރެ ވޯލްޑް ކަޕްގެ ތަށި އުފުލާލަނީ.


ޑެޝޯމްޕްސް އަށް ޕޯޒޯގެ ވޯލްޑް ކަޕް ރެކޯޑާ އެއްވަރުކުރެވިދާނެތަ؟

18 ޑިސެންބަރު 2022 - 11:33 0

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި މިރޭ އާޖެންޓީނާއާ ދެކޮޅަށް ފްރާންސް ނުކުންނައިރު، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ އުންމީދަކަށް ވާނީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ފްރާންސަށް ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިދީ، ތަށި ދިފާއުކުރުމެވެ. ފްރާންސް އިން ތަށި ދިފާއުކޮށްފިނަމަ، ވެގެން ދާނީ 1962 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ތަށި ދިފާއުކުރާ ފުރަތަމަ ގައުމަށެވެ. އަދި ފްރާންސްގެ ކޯޗު ޑެޝޯމްޕްސް އަށް ވެސް ވޯލްޑް ކަޕްގެ 84 އަހަރުވީ ރެކޯޑަކާ އެއްވަރުކުރެވޭނެ އެވެ.

ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި، ވޯލްޑް ކަޕްގެ ތަށި ދިފާއުކުރެވުނީ އެންމެ ދެ ގައުމަށެވެ. އެއީ އިޓަލީ (1934 - 1938) އަދި ބްރެޒިލް (1958 - 1962) އެވެ. އެކަމަކު، ޖެހިޖެހިގެން ދެ ފަހަރު ވޯލްޑް ކަޕްގެ ތަށި ކާމިޔާބުކުރި ހަމައެކަނި ކޯޗުގެ ޝަރަފު އޮތީ އިޓަލީގެ ކޯޗު ވިޓޯރިއޯ ޕޯޒޯގެ އަތުގަ އެވެ. ބްރެޒިލް އިން 1958 ވަނަ އަހަރު ހޯދި ވޯލްޑް ކަޕްގެ ތަށި 1962 ވަނަ އަހަރު ދިފާއުކުރި ނަމަވެސް، ދެ މުބާރާތުގައި ތިބީ ތަފާތު ދެ ކޯޗުންނެވެ.

1934 ވަނަ އަހަރުގެ މެޗެއްގެ ތެރެއިން އިޓަލީގެ ކޯޗު ޕޯޒޯ.


ޕޯޒޯ އަކީ ކާކު؟

ޕޯޒޯ އަކީ މާ ގިނަ މީހުން ދަންނަ ކޯޗަކަށް ނުވިޔަސް، އޭނާ އަކީ ލެޖެންޑަރީ ކޯޗެކެވެ. ޕޯޒޯ ކޯޗުކުރި ޒަމާނާ އަޅާބަލާއިރު، ކޯޗިންގައި އޭނާ ގެންގުޅުނު ވިސްނުންތައް ތަފާތެވެ. އަދި މިހާރު ޒަމާނީ ފުޓްބޯޅައިގައި މަޝްހޫރު 4-3-3 ފޯމޭޝަން އެންމެ ފުރަތަމަ "މެޓޯޑޯ ފޯމޭޝަން"ގެ ނަމުގައި ފައްކާކުރި އެކަކީ ޕޯޒޯ އެވެ.

ތާރީހީ އިލްމުވެރިން ބުނާގޮތުގައި ޕޯޒޯ ހޯދި ކާމިޔާބީ އާއި އޭނާގެ ވާހަކަތައް މި ޒަމާނުގައި ފަނޑުކޮށް އޮތީ ޕޯޒޯ ކާމިޔާބީ ހޯދި ދުވަސްވަރު އިޓަލީގައި އޮތް ވެރިކަމުގެ ސަބަބުންނެވެ.

"ޕޯޒޯ ހޯދި ކާމިޔާބު ހޯދި ދުވަސްވަރާއި އިޓަލީގައި އޮތް ފާސިސްޓް ވެރިކަމާ ގުޅޭތީ، އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝާނާއި ފީފާ އިން ވެސް އެނާގެ ވާހަކަތައް މާބޮޑަށް ފާހަގަކުރާކަށް ބޭނުމެއް ނުވޭ،" ތާރީހީ އިލްމުވެރިއެއް އަދި "ފުޓްބޯލް އެންޑް ވޯ ނެޓްވޯކް"ގެ އެއް ފައުންޑާ ކަމަށްވާ ޑރ. އެލެކްސް އެލެކްސްއަންދްރޫ ބުންޏެވެ.

އިޓަލީގެ ގައުމީ ޓީމާ 1912 ވަނަ އަހަރުގެ އޮލިމްޕިކްސް އަށް ޕޯޒޯ ހަވާލުވިއިރު، އިޓަލީގައި ފާސިސްޓުންނަށް ވެރިކަމެއް ނުލިބެއެވެ. އަދި ޕޯޒޯ އަކީ ދުވަހަކު ވެސް އިޓާލީގެ ނެޝަނަލް ފާސިސްޓް ޕާޓީގެ މެމްބަރެއް ނޫނެވެ. އެކަމަކު، ޕޯޒޯ ހޯދި ކާމިޔާބީތައް ހޯދި ދުވަސްވަރުގެ އިޓާލީގައި އޮތް ފާސިސްޓުންގެ ވެރިކަމާހެދި، ތާރީހުން އޭނާ އަށް ހައްގުވާ ޖާގަ ހޯދި ކުޑަވެފަ އެވެ.

ޕޯޒޯ އަކީ ކޯޗިންގައި ކުރިން އޮތް އުސޫލުތަކެއް ވެސް ބަދަލުކޮށްލި ކޯޗެކެވެ. ކުރިން ޓީމު ނެގުމުގައި ފެޑަރޭޝަންތަކުން ކޮމެޓީއެއް ކަނޑައެޅިޔަސް އޮތް ނަމަވެސް، ޓީމު ނެގުމަކީ ޓީމުގެ ކޯޗުގެ ބާރުގެ ދަށުގައި އޮންނަންޖެހޭނެ ކަމެއް އެންމެ ފުރަތަމަ ފާޅުގައި ބުނި ކޯޗަކީ ޕޯޒޯއެވެ. ކާމިޔާބު ހޯދުމަށް އޮތް އެންމެ ރަނގަޅު މަގަކީ ކޯޗަށް ޓީމު ނެގުމާއި ޓީމު ރޭވުމުގެ ބާރު ދިނުން ކަމަށް ޕޯޒޯ ވަނީ އޭރު ވެސް ބުނެފަ އެވެ.

ޑެޝޯމްޕްސް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ފަހު ތަށި ހިފައިގެން.


ޑެޝޯމްޕްސް އަށް އާ ރެކޯޑެއް ހެދިދާނެތަ؟

ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ކާމިޔާބުކޮށް، ޑެޝޯމްޕްސް ވަނީ ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ހޯދި ތިން ވަނަ ކޯޗަށް ވެފަ އެވެ. އޭގެ ކުރިން އެ ރެކޯޑް ހެދީ ބްރެޒިލް މާރިއޯ ޒަގާލޯ އާއި ޖަރުމަނުގެ ފްރޭންކް ބެކެންބާއު އެވެ.

އެންމެ ފަހުން ކުޅުނު ހަތް ވޯލްޑް ކަޕްގެ ތެރެއިން މިއީ ފްރާންސް ފައިނަލްގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. ފާއިތުވި 25 ވަރަކަށް އަހަރަށް ބަލާއިރު، ދުނިޔޭގެ ފުޓްބޯޅައިގައި ފްރާންސް ވަނީ ގަދަ ބާރެއްގެ ދަރަޖަ ވަނީ ހޯދައިފަ އެވެ.

ފްރާންސް އިން މިރޭ ތަށި ހޯދައިފިނަމަ، އެއީ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ އެވެ. ޑެޝޯމްޕްސް އަށް އަމިއްލަ ގޮތުން ބޮޑު ކާމިޔާބެއް ހޯދެން އޮތް ނަމަވެސް، އޭނާގެ ވިސްނުން އެކަމަކަށް ނެތެވެ.

"އަހަންނެއް ނޫން އެންމެ މުހިންމު މީހަކީ. އެންމެ މުހިންމީ ފްރާންސްގެ ޓީމު. ދެވަނަ ތައްޓެއް ހޯދުމުގެ ފުރުސަތު އޮތީމަ އަހަރަމެން ފަހުރުވެރިވޭ. ވިސްނުން އޮތީ ތައްޓަށް،" ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ބުންޏެވެ.

ފްރާންސް އާއި އާޖެންޓީނާ ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ މިރޭ 20:00ގަ އެވެ.