Advertisement

މޮރޮކޯގެ ރަނގަޅީ ހަމައެކަނި ޑިފެންސެއް ނޫން، ފްރާންސް އިން ސަމާލުވާނެ

14 ޑިސެންބަރު 2022 - 12:49 0

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް: މޮރޮކޯގެ ކުޅުމަށް ވަނީ ތައުރީފުކޮށްފައި.


މޮރޮކޯގެ ރަނގަޅީ ހަމައެކަނި ޑިފެންސެއް ނޫން، ފްރާންސް އިން ސަމާލުވާނެ

14 ޑިސެންބަރު 2022 - 12:49 0

ދޯހާ، ގަތަރު (ޑިސެމްބަރު 14) - ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ މޮރޮކޯއާ ދެކޮޅަށް ފްރާންސް ނުކުންނައިރު، މޮރޮކޯ އަކީ ހަމައެކަނި ޑިފެންސް ރަނގަޅު ޓީމެއް ނޫން ކަމަށާއި ފްރާންސް އިން އެ ޓީމާ މެދު ސަމާލުވާނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

މުޅި ދުނިޔެ ހައިރާންކޮށްލުމަށް ފަހު، މޮރޮކޯ ސެމީ ފައިނަލުން ޖާގަ ހޯދީ ޔޫރަޕްގެ ވަރުގަދަ ޓީމުތައް ކަމަށްވާ ބެލްޖިއަމް އާއި ސްޕެއިން އަދި ޕޯޗުގަލް ބަލިކުރުމަށްފަހު އެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅޭ އެފްރިކާގެ ފުރަތަމަ ގައުމެވެ.

މި މުބާރާތުގައި މޮރޮކޯ ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. އެއީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކެނެޑާ އަތުން މޮޅުވި މެޗުގައި، މޮރޮކޯގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޑެޝޯމްޕްސް ބުނީ މި އަހަރުގެ ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ޑިފެންސެއް އޮތީ މޮރޮކޯގައި ކަމަށެވެ. އެކަމަކު، ޑިފެންސް އެކަނި ރަނގަޅުވެގެން ސެމީ ފައިނަލުން ޖާގަ ހޯދުމަކީ ވާނެކަމެއް ނޫން ކަމަށާއި މޮރޮކޯގެ ޓީމަކީ ޖުމްލަ ގޮތެއްގައި ބަލާއިރު ވަރަށް ރަނގަޅު ޓީމެއް ކަމަށެވެ.

"ހަމައެކަނި ޑިފެންސް ރަނގަޅުވެގެން ސެމީ ފައިނަލުން ޖާގައެއް ނުލިބޭނެ. ރަނގަޅު އެޓޭކަރުން އެ ޓީމުގައި އެބަތިބި. އަދި ޓީމުގެ ބައްޓަން ވަރަށް ރަނގަޅަށް ހިފަހައްޓާ ޓީމެއް މޮރޮކޯ އަކީ. އެހެންވީމަ، އެ ޓީމުގެ ޑިފެންސް ފޫއަޅުވާލުމަކީ ފަސޭހަކަމެއް ނޫން،" ޑެޝޯމްޕްސް ބުންޏެވެ.

މިރޭގެ މެޗަށް މޮރޮކޯގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނާނެ ކަމަށް ބެލެވެ އެވެ. އަދި ފްރާންސްގެ ސަޕޯޓަރުންނާ އަޅާބަލާއިރު، މޮރޮކޯގެ ސަޕޯޓަރުން ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ޑެޝޯމްޕްސް ބުނީ މޮޮރޮކޯ މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް އެ ޓީމަށް ރަނގަޅު ސަޕޯޓެއް ލިބިފައިވާ ކަމަށެވެ. އަދި މިރޭގެ މެޗުގައި ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަންނާނެ ކަމަށް ބެލެވޭތީ، އެކަމަށް ވެސް ފްރާންސްގެ ޓީމުން ތައްޔާރަށް އޮތް ކަމަށެވެ.

"ރަނގަޅު ސަޕޯޓެއް ލިބުމަކީ މޮރޮކޯ އަށް ލިބޭ އެޑްވާންޓޭޖެއް. އޭގެ ފައިދާ އެމީހުން ނަގައިފި. މޮރޮކޯގެ ސަޕޯޓަރުންގެ އަޑުގަދަވާނެކަން އެނގޭ. އެކަަމަށް އަހަރަމެން ތިބޭނީ ތައްޔާރަށް،" ޑެޝޯމްސްޕް ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު، ޑެޝޯމްޕްސް އަށް އޮތް ބޮލުގެ ރިހުމަކީ ޑިފެންޑަރު ޑަޔޯ އަޕަމެކާނޯ އާއި މިޑްފީްލްޑަރު އެޑްރިއަން ރަބިއޯ ފިޓުނުވުމުވެ. މި މެޗަށް ފްރާންސް އިން އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިނުވެ، މި ދެ ކުޅުންތެރިން ވެސް އިއްޔެ ކުރިއަށް ގެންދިޔައީ ލުއި ޓްރެއިނިންތަކެކެވެ.

ފްރާންސް އާއި މޮރޮކޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 00:0ގަ އެވެ.