Advertisement

ސައުދީއާ ގުޅިގެން ފީފާ ވޯލްޑް ކަޕް 2034ގެ ބައެއް މެޗުތައް ހޯސްޓްކުރަން އިންޑިއާ އިން ބޭނުންވޭ

19 ޑިސެންބަރު 2023 - 13:01 0


ސައުދީއާ ގުޅިގެން ފީފާ ވޯލްޑް ކަޕް 2034ގެ ބައެއް މެޗުތައް ހޯސްޓްކުރަން އިންޑިއާ އިން ބޭނުންވޭ

19 ޑިސެންބަރު 2023 - 13:01 0

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 19) - ފީފާ ވޯލްޑް ކަޕް 2034 ގެ ބައެއް މެޗުތައް އިންޑިއާގައި ހޯސްޓްކުރުމުގެ ފުރުސަތު ހޯދުމަށް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ބޭނުންވާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

މިހާރު އޮތްގޮތުން، ފީފާ ވޯލްޑް ކަޕްގެ 2034 ވަނަ އަހަރު ހޯސްޓްކުރާނީ ސައުދީ އަރަބިއްޔާގަ އެވެ. ފީފާ އިން ނިންމާފައިވަނީ 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް އޭޝިއާގައި ބޭއްވުމަށެވެ. ވޯލްޑް ކަޕް ހޯސްޓްކަން ހޯދަން ބިޑްކުރުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލި ހަމައެކަނި ގައުމަކީ ސައުދީ އެވެ.

އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން އޮކްޓޯބަރު މަހު ބޭއްވި އެމަޖެންސީ ކޮންގުރެސްގައި އެ ޖަމިއްޔާ އިން ވަނީ ސައުދީގެ ބިޑަށް ތާއީދުކޮށްފަ އެވެ. ސައުދީގެ ބިޑަށް ތާއީދުކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ ވެސް ހިމެނެ އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި އޭއައިއެފްއެފް އިން މިދިޔަ މަހުގެ ކުރީކޮޅު ބޭއްވި އެގްޒެކްޓިވް ކޮމެޓީގެ ބައްދަލުވުމުގައި، އެ އިދާރާގެ ރައީސް ކަލްޔަން ޗޯބޭ ވަނީ ވޯލްޑް ކަޕްގެ ބައެއް މެޗުތައް އިންޑިއާގައި ހޯސްޓްކުރުމަށް މަސައްކަތް ކުރުމަށް ފެންނަ ކަމަށް ވިދާޅުވެފަ އެވެ.

"އިންޑިއާ އިން ވިސްނަންވީ ނުވަތަ ޕްލޭނެއް ހަދަންވީ 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކޯ ހޯސްޓަކަށްވާން،" ޗޯބޭ ވިދާޅުވިއެވެ.

ވޯލްޑް ކަޕްގެ 2034 ގައި ޖުމްލަ 48 ޓީމު ވާދަކުރާނެ އެވެ. ޖުމްލަ 104 މެޗު އެ އަހަރުގެ ވޯލްޑް ކަޕްގައި ކުޅޭއިރު، އިންޑިއާގެ ވިސްނުމަކީ އޭގެ ތެރެއިން 10 ވަރަކަށް މެޗު އެ ގައުމުގައި ހޯސްޓް ކުރުމެވެ.

އޭޝިއަން ކަޕް 2027 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ސައުދީގަ އެވެ. ސައުދީން އޭޝިއަން ކަޕް ބޭއްވުމަށް ކުރި ބިޑަށްވެސް އިންޑިއާ އިން ތާއީދުކުރިއެވެ. އިންޑިއާ އިން ވަނީ 2017 ވަނަ އަހަރު ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ހޯސްޓްކޮށްފަ އެވެ.