Advertisement

ރާއްޖޭގައި ގިނަ ބަޔަކަށް އެޗްއައިވީ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވެއްޖެ

10 ޑިސެންބަރު 2022 - 11:31 0

އިއްޔެ ބޭއްވި ހަފްލާފައި ނަސީމް ވާހަކަ ދައްކަވަނީ: އެއިޑްސް ބަލި ޖެހިގެން ރާއްޖެއިން 15 މީހަކު މިހާތަނަށް ވަނީ މަރުވެފަ -- ފޮޓޯ: ހެލްތު މިނިސްޓްރީ


ރާއްޖޭގައި ގިނަ ބަޔަކަށް އެޗްއައިވީ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވެއްޖެ

10 ޑިސެންބަރު 2022 - 11:31 0

ދިވެހިރާއްޖޭގައި އެޗްއައިވީ ޖެހިފައި ތިބި މީހުން މިވަގުތު މަދު ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ބަލި ގިނަ ބަޔަކަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އެޗްއައިވީ ދުވަސް ފާހަގަ ކުރުމަށް ގއ. ވިލިނގިލީގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖޭގައި އެޗްއައިވީ ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް އެކަމާ ގުޅޭ ގޮތުން ހެދި ދިރާސާތަކުން ދައްކާ ކަމަށެވެ.

”ރާއްޖޭގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު މަދު ނަމަވެސް ގިނަ ބަޔަކަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަންކަން، ރާއްޖޭގައި ކުރެވިފައިވާ ދިރާސާތަކުން ފެންނަން އެބަހުރި. އެޗްއައިވީ އާއި ދާދި އެއްގޮތަށް ފެތުރޭ އެހެން ބަލިތައްވެސް ރާއްޖެއިން ފެންނަމުންދޭ،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ އެޗްއައިވީ ހިމެނޭ ގޮތަށް ޖިންސީ ގުޅުމުން އަރާ އެހެން ބައެއް ބަލިތައް ކޮންޓްރޯލް ކުރުމަށް ޕްލޭނެއް ސަރުކާރުން ހަދާފައިވާ ކަމަށެވެ.

”ވީމާ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ލޯންޗްކުރެވިގެން އެދިޔައީ އެޗްއައިވީ ހެޕަޓައިޓިސް އަދި އެހެނިހެން ޖިންސީ ގުޅުމުން ފެތުރޭ ބަލިތައް ހިމެނޭގޮތަށް ކޮމްބައިންޑް ނޭޝަނަލް ސްޓްރެޖިކް ޕްލޭން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ އެ ޕްލޭންގެ ދަށުން މަސައްކަތް ކުރާނީ ބަލިން ރައްކާތެރި ކުރުމާއި ބަލި ދަނެގަތުމާއި ފަރުވާ ދިނުމަށް ކަމަށެވެ.

”ރާއްޖޭގައި ވެސް ކުރިޔަށް އޮތް ތަނުގައި މަސައްކަތް ކުރެވޭނީ މި ތިން ބަލި ހިމެނޭގޮތަށް ބަލިން ރައްކާތެރި ކުރުމާއި، ބަލި ދެނެގަތުމާއި ބަލި ޖެހޭ ފަރާތަތަކަށް ފަރުވާގެ ކަންކަން ހަޖެއްސުމަށް،" ނަސީމް ވިދާޅުވި އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ އެއިޑްސް ބަލި ފެނުނީ މީގެ 31 އަހަރު ކުރިން 1991 ވަނަ އަހަރެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް އެ ބަލި 39 މީހަކަށް ޖެހިފައިވެ އެވެ. އެއީ 33 ފިރިހެނަކާއި ހަ އަންހެނުންނެވެ. އޭގެ ތެރެއިން 15 މީހަކު މަރުވެފައިވާއިރު 22 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.