Advertisement

މަސް އޮޑި އާއި ލެގޫންސް ތިން ވަނަ ޑިވިޝަނުގެ ފައިނަލަށް

9 ޑިސެންބަރު 2022 - 15:36 0

މަސް އޮޑި ޓީމުގެ އޮޓޯ (ކ) ބޯޅަ ހިފައިގެންދާން. މަސައްކަތް ކުރަނީ.-- ފޮޓޯ: އަބްދުﷲ ޔަޝައު (ޔަކޭ)


މަސް އޮޑި އާއި ލެގޫންސް ތިން ވަނަ ޑިވިޝަނުގެ ފައިނަލަށް

9 ޑިސެންބަރު 2022 - 15:36 0

މިހާރު ކުރިއަށްދާ އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުން މަސް އޮޑި ސްޕޯޓްސް ކްލަބާއި ލެގޫންސް ސްޕޯޓްސް ކްލަބް ޖާގަ ހޯދައިފި އެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެގެން މަސް އޮޑި އާއި ލެގޫންސް ފައިނަލަށް ދަތުރުކުރިއިރު، މި ފަހަރުގެ މުބާރާތުގައި މި ދެ ޓީމަކީ އެންމެ ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ދެ ޓީމެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ލެގޫންސް އިން ވަނީ 2018 ވަނަ އަހަރު ތިން ވަނަ ޑިވިޝަން ކާމިޔާބުކުރި ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބް އަތުން 4-0 އިން މޮޅުވެފަ އެވެ. ރޭ ކުޅުނު ސެމީ ފައިނަލް ދެ ވަނަ މެޗުން ސެންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް މަސް އޮޑިން ކުރިހޯދީ 1-0 އިންނެވެ.

ޓާފް ދަނޑުގައި ކުރިއަށްދާ މި ފަހަރުގެ ތިން ވަނަ ޑިިވިޝަން ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ސެމީ މެޗުގައި ލެގޫންސް ޓީމަށް ލީޑުނަގައިދިނީ ފަސް ވަނަ މިނިޓްގައި މުހައްމަދު ޝިފާން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެގޫންސް ޓީމުގެ ލަންކާ ކުޅުންތެރިޔާ، މުހައްމަދު ޒަރްވާން ޖޯހަރު ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެެވެ. މެޗުގެ 65 ވަނަ މިނިޓްގައި ޝިފާން ވަނީ ލެގޫންސްގެ ތިން ވަނަ ގޯލު ޖަހައިދީފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ލެގޫންސްގެ ފަހު ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި މުހައްމަދު ފާރިޝް އާދަމް އެވެ.

ރޭ ކުޅުނު ސެމީ ފައިނަލް ދެ ވަނަ މެޗުގައި ސެންޓް އަތުން މަސް އޮޑި އަށް ހޯދުނީ އުނދަގޫ މޮޅެކެވެ. މެޗުގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ޕެނަލްޓީ އަކުން ޖަހައިދިނީ މަސް އޮޑި ޓީމުގެ ކެޕްޓަން، ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުރިން ކުޅުނު އަބްދުﷲ މުއާޒް (އޮޓޯ) އެވެ. ސެންޓް މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެ ޓީމުގެ އަބްދުﷲ ނާޖީ އަށް ދެ ވަނަ ހާފުގައި ދެ ރީނދޫ ކާޑު ދައްކައި، ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ތިން ވަނަ ޑިވިޝަނުގެ ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހުގެރޭ ނުވައެއް ޖަހާއިރު އެވެ.