Advertisement

ކެނަޑާ ކީޕަރާ ދިމާކޮށްލި މައްސަލައިގައި ކްރޮއޭޝިއާ އަށް 53000 ޑޮލަރުގެ ޖޫރިމަނާއެއް

9 ޑިސެންބަރު 2022 - 14:15 0

ކެނަޑާ ޓީމަށް ކުޅޭ ކްރޮއޭޝިއާ އަށް އުފަން ބޯޖާން: އޭނާއާ ނަސްލީ ގޮތުން ދިމާކޮށްލި މައްސަލައިގައި ކްރޮއޭޝިއާ އަށް ވަނީ އަދަބުދީފައި.


ކެނަޑާ ކީޕަރާ ދިމާކޮށްލި މައްސަލައިގައި ކްރޮއޭޝިއާ އަށް 53000 ޑޮލަރުގެ ޖޫރިމަނާއެއް

9 ޑިސެންބަރު 2022 - 14:15 0

ދޯހާ، ގަތަރު (ޑިސެމްބަރު 9) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗެއްގެ ތެރެއިން ކެނަޑާގެ ގޯލްކީޕަރު، މިލާން ބޯޖާންއާ ކްރޮއޭޝިއާގެ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާކޮށްލި މައްސަލައިގައި ފީފާ އިން ކްރޮއޭޝިއާ 53000 ޑޮލަރުން ޖޫރިމަނާ ކޮށްފި އެެވެ.

ބޯޖާން އަކީ ކްރޮއޭޝިއާ އަށް އުފަންވި، އެތުނިކް ސާބިއާ ދަރިކޮޅަށް ނިސްބަތްވާ އާއިލާއެއްގެ މީހެކެވެ. ބޯޖާންގެ އާއިލާ އަކީ 1995 ވަނަ އަހަރު ކްރޮއޭޝިއާ ވަކި ދައުލަތަކަށް ވުމަށް ކުރި ހަނގުރާމައިގެ ތެރެއިން އެ ގައުމު ދޫކޮށް، އެކި ގައުމުތަކަށް ހިޖުރަކުރި 200،000 މީހުންގެ ތެރެއިން ބައެކެވެ. ބޯޖާންގެ އާއިލާ އިން ދިޔައީ ކެނަޑާ އަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި މިދިޔަ މަހު 27 ވަނަ ދުވަހު ކެނަޑާ އަތުން ފަހަތުން އަރައި ކްރޮއޭޝިއާ އިން 4-1 އިން މޮޅުވި މެޗުގައި ކްރޮއޭޝިއާގެ ސަޕޯޓަރުން ވަނީ ނަސްލީ ގޮތުން ބޯޖާންއާ ދިމާކޮށްފަ އެވެ. އެ ގޮތުން ކްރޮއޭޝިއާ ދޫކޮށްދިޔަ ސާބިއާ ދަރިކޮޅުގެ މީހުންނަށް ބަދުބަސް ރައްދުވާ ގޮތަށް ކްރޮއޭޝިއާ ސަޕޯޓަރުން ވަނީ ދަނޑުގައި ތިބެ ޝުއޫރުފާޅުކޮށްފަ އެވެ. އަދި ބޯޖާންގެ އާއިލާ އަށް ނިސްބަތްކޮށް ވެސް އިހުތިރާމް ކުޑަ ބަސްތައް ބޭނުންކޮށް، އަޑުގަދަކޮށްފައިވެ އެވެ.

އެ މައްސަލަ ފީފާ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށް ފަހު ނިންމީ ކްރޮއޭޝިއާ އަށް ފިޔަވަޅު އަޅާށެވެ. ކްރޮއޭޝިއާ ސަޕޯޓަރުންގެ މި ހަރަކާތާ ގުޅިގެން ފީފާ އިން ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި 53000 ޑޮލަރުގެ ޖޫރިމަނާއެއް މި ފަހަރު ކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި، މި ފަދަ ކަމެއް ތަކުރާރު ވެއްޖެނަމަ، ދެން އަޅާ ފިޔަވަޅު ހަރުކަށިވާނެ ކަމަށް ފީފާ އިން ވަނީ ކްރޮއޭޝިއާ އަށް އަންގައިފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން ސާބިއާ އިން ބޭނުންކުރި ދިދައެއްގައި ކޮސޯވޯގެ ބައެއް ހިމަނައި، ސިޔާސީ ލިޔުންކޮޅެއް ހިމަނާފައިވާތީ، އެ މައްސަލަ ބަލައިދޭން ކޮސޯވޯ އިން ފީފާގައި އެދުނެވެ. ފީފާ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އެ މައްސަލަ ބެލުމަށް ފަހު ނިންމީ ސާބިއާ 22،000 ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.