Advertisement

މޮޑްރިޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ކޯޗު ބޭނުމެއް ނުވޭ

19 ޖޫން 2023 - 20:01 0


މޮޑްރިޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ކޯޗު ބޭނުމެއް ނުވޭ

19 ޖޫން 2023 - 20:01 0

ޒަގްރެބް (ޖޫން 19) - ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ކެޕްޓަން ލޫކަ މޮޑްރިޗް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ބޭނުންނުވާ ކަމަށާއި ގައުމީ ޓީމުގެ ކެރިއަރު ކުރިއަށް ގެންދަން އެދޭ ކަމަށް އެ ޓީމުގެ ގައުމީ ޓީމުގެ ކޯޗު ޒްލަޓްކޯ ޑާލިޗް ބުނެފި އެވެ.

ޑާލިޗް މި ވާހަކަތައް ހިއްސާކުރީ ޔުއޭފާ ނޭޝަންސް ލީގުގެ ފައިނަލްގައި ރޭ ސްޕެއިން އަތުން ޕެނަލްޓީ ޖަހައިގެން 5-4 އިން ކްރޮއޭޝިއާ ބަލިވި މެޗަށް ފަހު އެވެ.

މޮޑްރިޗް، 37، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ. ކްރޮއޭޝިއާގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ގައުމީ ޓީމުގެ ކެރިއަރާމެދު ގޮތެއް ނިންމާފައިވާ ކަމަށް މޮޑްރިޗް ބުނެފައިވާ ކަމަށެވެ.

ޑާލިޗް ބުނީ އޭނާގެ އެދުމަކީ މޮޑްރިޗް ގައުމީ ޓީމުގެ ކެރިއަރު ކުރިއަށް ގެންދިއުން ކަމަށެވެ.

"އަހަރެން ބޭނުން މޮޑްރިޗް ގައުމީ ޓީމުގައި ހުންނަން،" ޑާލިޗް ބުންޏެވެ.

"މިހާރު (ކްރޮއޭޝިއާގައި އޮތް) ޖީލުން ހާސިލްކުރަން ބޭނުންވާ ކާމިޔާބު އަދި ނުލިބޭ. މޮޑްރިޗަށް ވަރަށް އަސަރުު ކުރި ރޭގެ މެޗުން. އެހެންވީމަ އޭނާ އަށް އަރާމުކުރުމުގެ ފުރުސަތެއް ދީ. ހަމަޖެހިގެން އޭނާ ގޮތެއް ނިންމާނެ."

ކްރޮއޭޝިއާގެ ގައުމީ ޓީމަށް 2006 ވަނަ އަހަރު ކުޅެން ފެށި މޮޑްރިޗް ވަނީ އެ ޓީމަށް މިހާތަނަށް 166 މެޗު ކުޅެފަ އެވެ. ރެއާލްގެ މެޑްރިޑަށް ކުޅެމުންދާ މޮޑްރިޗްގެ ކެޕްޓަންކަމުގެ ދަށުން ކްރޮއޭޝިއާ އިން ވޯލްޑް ކަޕްގެ 2018ގެ ދެ ވަނަ ހޯދައިފަ އެވެ. އަދި މިދިޔަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ތިން ވަނަ ހޯދީ ވެސް ކްރޮއޭޝިއާ އިންނެވެ.