Advertisement

އެމްބީއޭ ޗެމްޕިއަންޝިޕް: ޝީލްޑް ކާމިޔާބުކުރީ ޓަލޮންސް

8 ޑިސެންބަރު 2022 - 12:51 0

އެމްބީއޭ ޗެމްޕިއަންޝިޕްގެ ޝީލްޑް ބައިގެ ޗެމްޕިއަންކަން ޓަލޮންސް ބީސީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އެމްބީއޭ ޗެމްޕިއަންޝިޕް: ޝީލްޑް ކާމިޔާބުކުރީ ޓަލޮންސް

8 ޑިސެންބަރު 2022 - 12:51 0

ރޯޔަލްސް ބަލިކޮށް އެމްބީއޭ ޗެމްޕިއަންޝިޕްގެ ޝީލްޑް ބައިގެ ޗެމްޕިއަންކަން ޓަލޮންސް ބާސްކެޓްބޯޅަ ކުލަބުން ހޯދައިފި އެވެ.

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމު ކޮށްގެން ބޭއްވި އެމްބީއޭ ޗެމްޕިއަންޝިޕްގެ ޝީލްޑް ބަޔަކީ މިއަހަރު އަލަށް ހިމެނި ކެޓަގަރީ އެކެވެ. މި ކެޓަގެރީ ތައާރަފްކުރި މައިގަނޑު މަގުސަދަކީ ގިނަ މެޗުތަކެއް ޒުވާން ކުޅުންތެރިންނަށް ހޯދައިދިނުމެވެ. ޝީލްޑަށް ކޮލިފައިވީ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފުރަތަމަ ބައިން ބަލިވި ހަ ޓީމެވެ.

ޝީލްޑް ބައިގެ ފައިނަލުން ރޯޔަލްސް އާއި ޓަލޮންސް އަށް ޖާގަ ލިބުނީ ތިން ވަނަ ބުރުގެ ގަދަ ޓީމްގެ ގޮތުގަ އެވެ. ތިން ވަނަ ބުރުގައި ޓަލޮންސް އަތުން ރޯޔަލްސް މޮޅުވި ނަަމަވެސް ފައިނަލުގައި ރޭ ޓަލޮންސް ވަނީ ހަތް ޕޮއިންޓުގެ ތަފާތުން ރޯޔަލްސް ބަލިކޮށްފަ އެވެ. ފައިނަލް މެޗު ޓަލޮންސް ކާމިޔާބުކުރީ 93-86 ޕޮއިންޓުންނެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެ ޓަލޮންސް އިން ފުރަތަމަ ދެ ކުއާޓާގައި ރަނގަޅު ލީޑެއް ނެގި އެވެ. 46-35 ޕޮއިންޓުން ދެ ވަނަ ކުއާޓާ ނިމުނުއިރު ޓަލޮންސް ކުރީގައި އޮތް ނަމަވެސް ކުއާޓާ ބްރޭކަށްފަހު ނުކުމެ ރޯޔަލްސް ތަފާތު ދެއްކި އެވެ.

އެގޮތުން ،މި ތިންވަނަ ކުއާޓާގައި ޓަލޮންސް އަށްވުރެ 15 ޕޮއިންޓް އިތުރަށް ސްކޯކޮށް މެޗުގެ ލީޑު ނެގި އެވެ. ހަތަރު ޕޮއިންޓްގެ ލީޑަކާއެކު ހަތަރުވަނަ ކުއާޓާގައި ނުކުތް ނަމަވެސް ޓަލޮންސްގެ ކެޕްޓަން އަބްދުﷲ އަލާން އިރުފާން އާއި އަލީ ޖާސިމްގެ މޮޅު ކުޅުމާއިއެކު އެޓީމުން މެޗު އަނބުރާލި އެވެ.

މެޗުގައި ޓަލޮންސްގެ އަލާން 25 ޕޮއިންޓް ސްކޯކޮށްދިންއިރު، ޖާސިމް 28 ޕޮއިންޓް ސްކޯކޮށްދިނެވެ.

ރޯޔަލްސް އަށް ބަލާއިރު މުހައްމަދު އިޝްހާގު އަހުމަދު 21 ޕޮއިންޓް، ކެޕްޓަން އަހުމަދު ރައްޔާން އިބްރާހިމް 19 ޕޮއިންޓް އަދި އަލްދަން އައިކް ރަމީޒު 16 ޕޮއިންޓް ސްކޯކޮށްދިނެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ ޝީލްޑް ބައިގައި ވާދަކުރީ ޓަލޮންސް އާއި ރޯޔަލްސްގެ އިތުރުން ހުޅުމާލެ ސްޕޯޓްސް ކުލަބު، ސްޕާޓަންސް ބީސީ އަދި ޔޫއެން ފްރެންޑްސް އެވެ.