7 ޑިސެންބަރު 2022 - 07:12 0
އެމްބީއޭ ޗެމްޕިއަންޝިޕުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ކިންގްސްގެ ކުޅުންތެރިން ޓްރޮފީ އުފުލާލަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
7 ޑިސެންބަރު 2022 - 07:12 0
ޓީރެކްސް ބަލިކޮށް އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ކިންގްސް ބީސީ އިން ހޯދިއިރު، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އަންހެން ބައިގެ ޗެމްޕިއަންކަން ކުއީންސް ބީސީ އިން ހޯދައިފި އެވެ.
މިދިޔަ މަހުގެ 5 ވަނަ ދުވަހު ފެށި އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގައި 12 ޓީމެއް ވާދަކުރި އެވެ. އަންހެން ބައިގައި ވާދަކުރީ ހަ ޓީމެކެވެ.
ފިރިހެން ބައިގެ ޗެމްޕިއަންކަން ކިންގްސް ހޯދީ ފައިނަލުގައި ޓީރެކްސް 81-70 ޕޮއިންޓުން ބަލިކޮށްގެންނެވެ. މިއީ މިއަހަރުގެ މުބާރާތުގައި ޓީރެކްސް ބަލިވި ފުރަތަމަ މެޗެވެ. މި މުބާރާތުގެ ދެ ބުރުގައި ޓީރެކްސް އަތުން ކިންގްސް ދެ ފަހަރަށް ބަލިވި އެވެ.
މެޗު ފަށައިގެން ފުރަތަމަ ކުއާޓާގައި ޓީރެކްސް އިން ރަނގަޅު ލީޑެއް ނެގި އެވެ. ހަ ޕޮއިންޓްގެ ލީޑަކާއިއެކު ދެވަނަ ކުއާޓާ އަށް ނުކުތް ނަމަވެސް ކިންގްސް އިން ފަހަތުން އަރާ ލީޑު އެއް ޕޮއިންޓަށް ކުޑަކުރި އެވެ. ފަހު ދެ ކުއާޓާގައި ކިންގްސް ފެނުނީ ތަފާތު ބޮޑުކޮށެވެ. މިގޮތުން ކޮންމެ ކުއާާޓާ އެއްގައި 22 ޕޮއިންޓް ސްކޯކޮށް ސްކޯގެ ފަރަގު ބޮޑުކުރި އެވެ.
މުޅި މެޗަށް ބަލާއިރު އެންމެ މޮޅު ކުޅުމެއް ދެއްކީ ކިންގްސްގެ އަބްދުﷲ އަމްޒަރު މުހައްމަދު އެވެ. މި މެޗުގައި އޭނާ 21 ޕޮއިންޓް ކިންގްސް އަށް ސްކޯކޮށްދިނެވެ. މީގެ އިތުރުން އަހުމަދު އަލީ މުސްތަފާ 18 ޕޮއިންޓް އެޓީމަށް ސްކޯކޮށްދިނެވެ. ޒުވާން ތަރި ސަބީހު ތައުފީގު 14 ޕޮއިންޓް ސްކޯކުރި އެވެ.
ޓީރެކްސް އަށް ބަލާއިރު ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު ފިރާޝް 18 ޕޮއިންޓް ސްކޯކުރި އެވެ. އިބްރާހިމް އަންފާލް ޝަރީފް 12 ޕޮއިންޓް ސްކޯކުރިއިރު، އަފްޝަން ރަޝާދު 11 ޕޮއިންޓް ސްކޯކުރި އެވެ.
ފިރިހެން ބައިގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކިންގްސްގެ އަމްޒަރު، ސަބީހު، ޓީރެކްސްގެ އަހުމަދު ޒަބީރު، އިސްމާއިލް ވިލްދާން އަދި ރެޑްވިންގްސްގެ ޝިރުހާން އަހުމަދު އެވެ.
އަންހެން ބައިގެ ފައިނަލުގައި ވާދަކުރި ކުއީންސް ވަނީ ފައިނަލުގެ ކުރިންވެސް ސައިކްލޯން އަތުން ލީގު ބުރުގައި މޮޅުވެފަ އެވެ. ފައިނަލު މެޗު ކުއީންސް ކާމިޔާބުކުރީ 88-59 ޕޮއިންޓުންނެވެ.
އެމްބީއޭ ޗެމްޕިއަންޝިޕުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި ކުއީންސްގެ ކުޅުންތެރިން ޓްރޮފީ އުފުލާލަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ފައިނަލް މެޗުގެ ފުރަތަމަ ދެ ކުއާޓާގައި ދެއްކި ތަފާތު މޮޅު ކުޅުމާއިއެކު ކުއީންސް އޮތީ 22 ޕޮއިންޓުގެ ބޮޑު ލީޑެއްގަ އެވެ. ފަހު ދެ ކުއާޓާގައި ސައިކްލޯނުން ސްކޯ ކައިރިކުރި ނަމަވެސް ލީޑު ހަނިކޮށްލެވޭ ގޮތެއް ނުވި އެވެ.
ކުއީންސް ޓީމަށް އެންމެ ގިނަ ޕޮއިންޓް ސްކޯކޮށްދިނީ 20 ޕޮއިންޓް ހޯދައިދިން ފާތިމަތު ރިޝްމާ އެވެ. ރައިފާ އިބްރާހިމް 17 ޕޮއިންޓް ސްކޯކުރިއިރު، އިސްރާއު އަބްދުއްޝުކޫރުވެސް 17 ޕޮއިންޓް ސްކޯކޮށްދިނެވެ.
ސައިކްލޯން އަށް ބަލާއިރު ޝިޒްނާ ރަޝީދު 18 ޕޮއިންޓް ސްކޯކޮށްދިނެވެ. މީގެ އިތުރުން އައިޝަތު ޒާނާ ޖިނާހުވެސް 14 ޕޮއިންޓް ސްކޯކޮށްދިނެވެ.
އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކުއީންސްގެ ރައިފާ، ރިޝްމާ، އަމިނަތު ޝިއުރާ އަބްދުލްބާރީ، ސައިކްލޯންގެ ޒާނާގެ އިތުރުން އެލީޓްގެ އައިޝަތު އިނާޝާ އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގައި ބާކީ އޮތީ މިއަހަރު އަލަށް ތައާރަފްކުރި ޝީލްޑް ބައިގެ ފައިނަލެވެ. މިއަދު ކުޅޭ މި ބައިގެ ފައިނަލުގައި ވާދަކުރަނީ ޓަލޮންސް ބީސީ އާއި ރޯޔަލްސް ބީސީ އެވެ.
Comment