މިއުނިކް (ޑިސެމްބަރު 8) - ޖަރުމަނު ގައުމީ ޓީމު މި ފަަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައި، ބޮޑު ނާކާމިޔާބީ އަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އެ ޓީމުގެ ކޯޗުކަމުން ހަންސީ ފްލިކް ވަކިނުކުރަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނު ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ވެސް ކަޓައިފަ އެވެ. ޖަރުމަނު މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ވަނީ 2-1 އިން ޖަޕާން އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ސްޕެއިނާ 1-1 އިން އެއްވަރުވިއިރު، ފަހު މެޗުގައި ކޮސްޓަ ރިކާ އަތުން ވަނީ ފަހަތުން އަރައި 4-2 އިން މޮޅުވެފަ އެވެ. އެކަމަކު، ޖަރުމަނު ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
ޖަރުމަނުގެ ކޯޗުގެ މަގާމުގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ހުރީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޖަރުމަނަށް ހޯދައިދިން ކޯޗު ޔަކީމް ލޯ އެވެ. މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު، ލޯ ޖަރުމަނުގެ ކޯޗުކަމުން ވަކިވީ، 14 އަހަރު މަގާމުގައި ހުރެ، ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ފަހު އެވެ. ލޯ އަށް ފަހު ޖަރުމަނުގެ ކޯޗަކަށް ހަމަޖެއްސި ފްލިކް އަކީ 2014 ވަނަ އަހަރު ޖަރުމަނުން ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ އެސިސްޓަންޓް ކޯޗެވެ.
އެހެން ނަމަވެސް 2024 ވަނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަަލަށް ޖަރުމަނުގެ ކޮންޓްރެކްޓްގައި ހުރި ފްލިކް ވަކިކުރަން ޖަރުމަނުގެ މީޑިއާ އިން ދިޔައީ ޕްރެޝަރު ކުރަމުންނެވެ. އެ ޕްރެޝަރުގެ ތެރޭގައި ފާއިތުވި ދުވަސްތަކުގައި ޖަރުމަނު ޓީމުގެ ޓެކްނިކަލް ޑިރެކްޓަރު އޮލިވާ ބިއަހޯފް ވަނީ އޭނާގެ ކޮންޓްރެކްޓް ނިމުމަކަށް ގެނެސްފަ އެވެ.
އެކަމަކު، މިދިޔަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ޖަރުމަނުގެ ކޯޗުކަމާ ހަވާލުވި، ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ފްލިކް މަގާމުގައި ބަހައްޓަން ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ އެވެ.
ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ފްލިކްގެ ކޯޗުކަމުގައި ޖަރުމަނު ޓީމު ދަނީ ރަނގަޅު މިސްރާބުން ކަމަށާއި ޒުވާން ކުޅުންތެރިންނާ އެކު ފްލިކް ޓީމެއް ބިނާކުރަން ކުރާ މަސައްކަތަށް ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. ފްލިކްގެ ކޯޗުކަމުގައި މިހާތަނަށް ޖަރުމަނު ބަލިވީ ދެ މެޗުންނެވެ. އެއީ ނޭޝަންސް ލީގުގައި ހަންގޭރީ އަތުންނާއި މި ފަހަރުގެ ވޯލްޑް ކަޕްގައި ޖަޕާން އަތުންނެވެ.
Comment