Advertisement

ހަޒާޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

7 ޑިސެންބަރު 2022 - 20:20 0


ހަޒާޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

7 ޑިސެންބަރު 2022 - 20:20 0

ދޯހާ (7 ޑިސެމްބަރު) - ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ކަޓައި، ބެލްޖިއަމް އަށް ކުރިމަތިވި ނާކާމިޔާބީ އަށް ފަހު އެ ޓީމުގެ ކެޕްޓަން އެޑެން ހަޒާޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

"ކެރިއަރުގައި ލިބުނު ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ސޯޝަލް މީޑިއާގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމިކަން އިއުލާންކުރަމުން ހަޒާޑް ،31، ބުންޏެވެ. "މި ޓީމުގައި 2008 ވަނަ އަހަރުން ފެށިގެން ހުރިހާ ފަރާތްތަކުން ހިއްސާވެގެން ލިބުނު އުފާތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ދެން އަރަން އޮތް ޖީލު އޮތީ ތައްޔާރަށް."

ބެލްޖިއަމްގެ ގައުމީ ޓީމަށް 2008 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ހަޒާޑް ވަނީ ގައުމީ ޓީމަށް ޖުމްލަ 126 މެޗު ކުޅެ، 33 ލަނޑު ޖަހައިފަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމްގެ ޓީމު ގުރޫޕް ސްޓޭޖުން ކެޓިއިރު، ހަޒާޑަށް ވެސް ތަފާތެއް ނުދެއްކުނެވެ. ހަޒާޑްގެ ގައުމީ ޓީމުގެ ކެރިއަރުގެ އުސްއައްޔަކަށް ވާނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ބެލްޖިއަމް ދަތުރުކުރިއިރު، ހަޒާޑް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕްގެ ނާކާމިޔާބީ އަށް ފަހު ބެލްޖިއަމްގެ ކޯޗު ރޮބަޓޯ މާޓިނޭޒް ވެސް ވަނީ މަގާމުން ވަކިވާނެކަން އިއުލާންކޮށްފަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕްގައި އޮތް ބެލްޖިއަމްގެ ޓީމުގެ ތެރޭގައި މައްސަލަތައް ބޮޑު ކަމަށް ވަނީ އަޑުފެތުރިފަ އެވެ. އަދި މި އަހަރުގެ ވޯލްޑް ކަޕަކީ ބެލްޖިއަމްގެ "ރަން ޖީލު"ގެ ގޮތުގައި މަޝްހޫރުވެފައިވާ ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންގެ ފަހު ވޯލްޑް ކަޕްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. -- އޭއެފްޕީ