Advertisement

ހަޒާޑްގެ ވިސްނުން ހުރީ ޔޫތު ޓީމުތަކަށް ކޯޗުކޮށްދޭން

21 މާރިޗު 2024 - 17:38 0


ހަޒާޑްގެ ވިސްނުން ހުރީ ޔޫތު ޓީމުތަކަށް ކޯޗުކޮށްދޭން

21 މާރިޗު 2024 - 17:38 0

ބްރުސެލްސް، ބެލްޖިއަމް (މާޗް 21) - މީގެ ފަސް ވަރަކަށް މަސް ކުރިން ފުޓްބޯޅައިން ރިޓަޔާކުރި ބެލްޖިއަމްގެ ތަރި، އެޑެން ހަޒާޑް، މުޅިން އެއްކޮށް ކޯޗިން އަށް ހުސްވެގެން ކުރިއަށް ނުދިޔަ ނަމަވެސް ޔޫތު ޓީމުތަކަށް ކޯޗިންގެ ކަންކަން ކޮށްދޭން ޝައުގުވެރިވާ ކަމަށް ބުނެފި އެވެ.

ތަކުރާރުކޮށް ކުރިމަތިވަމުން އައި އަނިޔާގެ މައްސަލަތަކާ ހެދި، ހަޒާޑް، 33 ވަނީ މިދިޔަ އޮކްޓޫބަރު މަހު، ފުޓްބޯޅަ ކުޅުން ހުއްޓާލައިފަ އެވެ. ސައުދީ އަރަބިއްޔާ އާއި އެމެެރިކާ އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ވެސް ހަޒާޑަށް ހުށަހެޅުންތައް ލިބިފައި ހުއްޓައި ކުޅުމުން ރިޓަޔާކުރަން ހަޒާޑް ނިންމީ، ހަމައެކަނި ފައިސާ އަށް ކުޅުމުގެ ބަދަލުގައި، ހަށިގަނޑަށް ވެސް ވިސްނައިގެން އުމުރުގައި ކުރިއަށް ދިއުމަށް ކަމަށް ބުނެފައިވެ އެވެ.

ލަންޑަން އިވްނިން ސްޓޭންޑާޑަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުނީ ކުރިއަށް ދެން ހުރި ކަމެއް ސީދާކޮށް ބުނަން ނޭނގޭ ކަމަށެވެ. އެކަމަކު، ކޯޗިން އަށް މުޅިން ހުސްވެގެން އެކަން ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ހަޒާޑް ބުނެފައިވެ އެވެ.

"ޕްރޮފެޝަނަލީ އަހަރެން ކޯޗިން އަށް ދާނެ ކަމަށް ނުބެލެވޭ. އެކަމަކު އަހަންނަށް ހީވޭ އަހަންނަށް ޔޫތު ޓީމުތަކަށް ކޯޗުކޮށްދެވޭނެއޭ. އަހަރެންގެ ވެސް ދަރިން އެބަތިބި އަހަންނަށް އެ މީހުންނަށް ވެސް ފުޓްބޯޅަ ކުޅޭނެ ގޮތް ބުނެދެވޭނެ،" މިދިޔަ އޮގަސްޓް މަހު ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓް އުވާލި ހަޒާޑް ބުންޏެވެ.

ހަޒާޑް ބުނީ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރަކީ، ހޯސޭ މޮރީނިއޯއާ އެކު، ޗެލްސީގައި ހޭދަކުރި ދެ ވަަނަ ސީޒަން ކަމަށެވެ. އަދި ކޯޗިންގެ ކަންކަން ދަސްކުރަން ބަލާއިރު، އޭނާ މިސާލު ނަގާނެ ގިނަ ކަންކަން މޮރީނިއޯގެ ކިބައިން ފެނުނު ކަމަށް ހަޒާޑް ބުނެފައިވެ އެވެ.