Advertisement

އިޒްރޭލުން ޝީރީން މަރާލި މައްސަލަ ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް

7 ޑިސެންބަރު 2022 - 07:57 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުން މަރާލި ނޫސްވެރިޔާގެ ކުރެހުމެއް. -- ފޮޓޯ: އޭއެފްޕީ


އިޒްރޭލުން ޝީރީން މަރާލި މައްސަލަ ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް

7 ޑިސެންބަރު 2022 - 07:57 0

ދަ ހޭގް (ޑިސެމްބަރު 6) - އިޒްރޭލުގެ ސިފައިން ބަޑި ޖަހައި ނޫސްވެރިޔާ ޝީރީން އަބޫ އަކްލެހް މަރާލި މައްސަލަ އަލް ޖަޒީރާ ޓީވީ ނެޓްވޯކުން ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓް (އައިސީސީ) އަށް ވައްދައިފި އެވެ.

ގަތަރުގައި މައި އޮފީސް ހުންނަ އަލް ޖަޒީރާއިން ބުނީ ފަލަސްތީނާއި އެމެރިކާއަށް ނިސްބަތްވާ ނޫސްވެރިޔާ މަރާލި ގޮތާ ގުޅޭ "މުޅިން އާ ހެކި ހޯދާފައިވާ" ކަމަށެވެ. ޝީރީން މަރާލީ އިޒްރޭލް ސިފައިންގެ އޮޕަރޭޝަނެއް ރިޕޯޓު ކުރަން އުޅެނިކޮށް މޭ 11 ވަނަ ދުވަހު އެވެ.

ކޮންމެ މީހަކަށް އަދި ބަޔަކަށް ވެސް އައިސީސީއަށް މައްސަލަ ތަހުގީގު ކުރަން އެދި ހުށަހެޅޭނެ އެވެ. އެހެން ނަމަވެސް، މައްސަލައެއް ބެލުމާ މެދު ގޮތް ނިންމާނީ އެ ކޯޓުންނެވެ.

އަލް ޖަޒީރާއިން ބުނީ އަލަށް ލިބުނު ހެކީގެ ތެރޭގައި "މަންޒަރު ދުށް މީހުންނާއު ވީޑިއޯ" ހިމެނޭ ކަމަށެވެ. ޝީރީން އާއި އޭނާއާ އެކު އުޅުނު އެހެން ނޫސްވެރިންނަށް އިޒްރޭލް ސިފައިން ހަމަލާ ދިނީ ގަސްދުގައިކަން ސާބިތުވާނެ ކަމަށް އަލް ޖަޒީރާއިން ބުންޏެވެ.

"ޝީރީން މަރުވީ އޮޅުމެއްގެ ތެރެއިން ހަމަލާ ބަދަަލު ކުރަނިކޮށް ކަމަށް އިޒްރޭލުން ބުނި ނަމަވެސް، އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން،" އެ ޗެނަލުން ބުންޏެވެ.

ފަލަސްތީނުގެ ބިމުގެ ސަރަހައްދުގައި ހަނގުރާމައިގެ ޖަރީމާ ހިންގާ މައްސަލަ މިދިޔަ އަހަރު އައިސީސީއިން ބަލަން ފެށި އެވެ. އެކަމަކު އިޒްރޭލަކީ އައިސީސީގެ މެމްބަރެއް ނޫނެވެ.

އިޒްރޭލުން މީގެ ކުރިން ބުނީ ޝީރީންގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ހިންގާ ބޭރުގެ އެއްވެސް ތަހުގީގަކަށް އެއްބާރުލުން ނުދޭނެ ކަމަށެވެ.

"އެއްވެސް ބަޔަކަށް އިޒްރޭލް ސިފައިން ތަހުގީގެއް ނުކުރެވޭނެ. އަދި އަޅުގަނޑުމެން ހަނގުރާމައިގައި ކުރަން ވާނެ ކަންކަމާއި ކުރަން ނުވާނެ ކަންކަމާ ބެހޭ ގޮތުން ގޮތް ކިޔޭނެ އެއްވެސް ބަޔަކު ނޫޅޭނެ. އަލް ޖަޒީރާއަކަށް ވެސް ނުފޫޒެއް ނުފޯރުވޭނެ،" އިޒްރޭލުގެ ބޮޑު ވަޒީރު ޔެއާ ލަޕީދްގެ ބަޔާނެއްގައި ވިދާޅުވި އެވެ.

ޝީރީންއަކީ ފަލަސްތީނާއި އެމެރިކާގެ ރައްޔިތެކެވެ. އޭނާ މަރުވީ ހުޅަނގު އައްސޭރީގައި އިޒްރޭލް ސިފައިންގެ އޮޕަަރޭޝަނެއް ރިޕޯޓު ކުރަން އުޅެނިކޮށް މިދިޔަ މޭ މަހު އެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނީ އޭނާގެ ބޮލަށް ބަޑި ޖެހީ އިޒްރޭލް ސިފައިން ކަމަށެވެ. އިޒްރޭލުން ވެސް ބުނީ ބަޑި ޖެހީ އިޒްރޭލް ސިފައިންގެ މީހަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ފަލަސްތީނުން ބުނާ ގޮތުގައި ޝީރީން މަރާލީ އިޒްރޭލް ސިފައިން ގަސްތުގައި ބަޑި ޖަހައިގެންނެވެ. އެކަމަކު އިޒްރޭލުން މަސައްކަތް ކުރަނީ ޝީރީން މަރުވީ ފަލަސްތީނުގެ "ޓެރަރިސްޓުންގެ" ހަމަލާއަކުން ކަމަށް ދެއްކުމަށެވެ.

ނަމަވެސް އިޒްރޭލުގެ ވާހަކައަށް ބާރު ލިބޭ ހެއްކެއް ނެތް ކަމަށް އދ. ގެ ތަހުގީގުން ވަނީ ނިންމާފަ އެވެ. އދ. ގެ ތަހުގީގުން ދެއްކީ ވަޒަން އައީ އިޒްރޭލް ސިފައިންގެ ބަޑިއަކުން ކަމަށެވެ.

އެހެންވެ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ މިޝޭލް ބެޝެލެޓް ވަނީ އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށުމަށް އިޒްރޭލަށް ގޮވާލައްވާފަ އެވެ. އިޒްރޭލުން ޖިނާއީ ތަހުގީގެއް ފަށަން ދެކޮޅު ހަދަ އެވެ.