6 ޑިސެންބަރު 2022 - 13:48 0
6 ޑިސެންބަރު 2022 - 13:48 0
ގަތަރު (ޑިސެމްބަރު 6) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ގާނާ އަތުން 2-0 އިން މޮޅުވި މެޗަށްފަހު އުރުގުއޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކަންކަން ތަހުގީގުކުރަން ފަށައިފި އެވެ.
ވޯލްޑް ކަޕް މީގެ ކުރިން ދެ ފަހަރު ކާމިޔާބުކޮށްފައިވާ އުރުގުއޭ މިފަހަރުގެ ވޯލްޑް ކަޕުން ކެޓީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޭނުންވި ވަރުގެ ނަތީޖާ އެއް ނުލިބުމުންނެވެ. ގާނާ އަތުން 2-0 އިން މޮޅުވި ނަމަވެސް ޕޮއިންޓަށް ބަލާއިރު ސައުތު ކޮރެއާއާ އެއްވަރުވެ، ދެ ޓީމަށް ބަލާއިރުވެސް އެއްވަރުވެ، ޖެހި ގޯލަށް ބަލާއިރު ސައުތު ކޮރެއާ އަށް ކުރި ލިބޭތީ، އުރުގުއޭ ވަނީ މުބާރާތުން ކަޓާފަ އެވެ.
ގާނާ މެޗު ނިމުމާއެކު އުރުގުއޭގެ ގިނަ ކުޅުންތެރިންތަކެއްވަނީ މެޗުގެ ރެފްރީ ވަށާލައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މީގެ އިތުރުން އެސިސްޓަންޓް ރެފްރީއާ ދިމާކޮށް ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއް ހިންގާފައިވެ އެވެ. މިގޮތުން ރެފްރީގެ ގަޔަށް އަތްލައި ރެފްރީއާ މުހާތަބުކޮށްފައިވާ ގޮތް ފީފާ އިން އަންނަނީ ތަހުގީގުކުރަމުންނެވެ.
އުރުގުއޭގެ ކުޅުންތެރިންގެ ތެރެއިން ޖޯސޭ ހިމެނޭޒް، އެޑިންސަން ކަވާނީ، ފެނާންޑޯ މުސްލެރާ އަދި ޑިއޭގޯ ގޮޑިންގެ މައްސަލަ ބަލަމުން އަންނައިރު، މި ކުޅުންތެރިންނަށް ޖޫރިމާނާ އެއް އައުމުގެ އިތުރުން ސަސްޕެންޝަނެއް އައުން ގާތްކަމަށް ބެލެވެ އެވެ.
މެޗު ނިންމާލުމަށްފަހު އެޑިންސަން ކަވާނީ ވަނީ ޗޭންޖިންރޫމަށްދާ ޓަނެލް ކައިރީގައި ހުންނަ ވީއޭއާރު މޮނީޓަރުގައި ޖަހައި އެ މޮނީޓަރު ވައްޓާލާފަ އެވެ. މިއީ ފީފާގެ ގަވާއިދު ބުނާ ގޮތުން ބޮޑު އަދަބެއް އަންނާނެ ކަމެކެވެ. ދަނޑުގައި ހުންނަ ސާމާނަށް ގެއްލުން ދިނުމަކީ ފީފާއިން އަބަދުވެސް ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމެކެވެ.
ކަވާނީގެ މި އަމަލަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު، އޭނާއަށް ޖޫރިމަނާއަކާއެކު ބޮޑު އަދަބެއް އައުން އެކަށީގެންވެ އެވެ.
އުރުގުއޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކަންތައްތަކަށް ރިއާޔަތްކޮށް ފީފާއިން އުރުގުއޭގެ އެފްއޭއަށްވެސް އަދަބު ދޭނެ އެވެ.
މިއަހަރުގެ ވޯލްޑް ކަޕާ ގުޅުން ހުރި ކަންތައްތަކުގެ ތެރެއިން ފީފާ އިން ބަލަމުން އަންނަ އެހެން މައްސަލަތަކަށް ބަލާއިރު ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ސާބިއާ އާއި ސްވިޒަލެންޑް ވާދަކުރި މެޗުގެ މައްސަލަ އެވެ. މި މެޗުގައި ސާބިއާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ބައެއް ކަންކަން ފީފާ އިން ތަހުގީގުކުރަމުން އަންނައިރު، ސްވިޒަލެންޑަށްވެސް ޖޫރިމަނާއެއް އައުން ގާތެެވެ.
ފީފާ އިން އަންނަނީ މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން ސަބިއާ އިން ޗޭންޖިން ރޫމުގައި ބަހައްޓާފައިވާ ބެނާއެއްގެ މައްސަލަވެސް ބަލަމުންނެވެ. ސާބިއާގެ ކުރީގެ ދާހިލީ ހަނގުރާމައާ ގުޅުން ހުރި ގޮތަކަށް، އެހެންގައުމެއްގެ އަބުރަށް ހުތުރުވާ ގޮތަށް ފެންނަން ހުރި ބެނާގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ސާބިއާ އަށް އަމާޒުވި އެވެ.
Comment