Advertisement

ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށް ކްރޫޒް ލައިނާއަކުން މާލެއަށް ފަތުރުވެރިން ފައިބައިފި

5 ޑިސެންބަރު 2022 - 16:23 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިއްޔެ މާލެއަށް ފަތުރުވެރިން ބޭލި ސެވެން ސީސް އެކްސްފްލޯރާ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށް ކްރޫޒް ލައިނާއަކުން މާލެއަށް ފަތުރުވެރިން ފައިބައިފި

5 ޑިސެންބަރު 2022 - 16:23 0

ކޮވިޑުގެ ބަލިމަޑުކަމަށްފަހު ރާއްޖެއަށް އައި ކްރޫޒް ލައިނާތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް މާލެއަށް އިއްޔެ ފަތުރުވެރިން ބާލައިފި އެވެ.

އެންމެ ފަހުން ކްރޫޒް ލައިނާތަކުން މާލެއަށް މިގޮތަށް ފަތުރުވެރިން ފައިބާފައިވަނީ 2020 ވަނަ އަހަރުގެ ކުރީކޮޅު އެވެ. މިދިޔަ މަހުވެސް ރާއްޖެއަށް ކްރޫޒް ލައިނާއެއް އައި ނަމަވެސް މާލެއަށް ފަތުރުވެރިން ބާލާފައެއް ނުވެ އެވެ.

އިއްޔެ މާލެއަށް ކައިރިކުރި ސެވެން ސީސް އެކްސްފްލޯރާ އިން ގާތްގަނޑަކަށް 600 ފަތުރުވެރިން މާލެ ފޭބި ކަމަށް މައުލޫމާތު ލިބެ އެވެ. އާންމު ގޮތެއްގައި ކްރޫޒް ލައިނާތަކުން މިގޮތަށް ފައިބާ ފަތުރުވެރިން މާލޭގެ އެކި އާސާރީ ތަންތަނަށް ޒިޔާރަތް ކުރުމުގެ އިތުރުން ކައިރި ރިސޯޓުތަކަށްވެސްދެ އެވެ.

މިކަމާއި ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއީ އިންޑިއާގެ ބެންގަލޫރުން ފުރައިގެން ރާއްޖެއަށް އައި ކްރޫޒް ލައިނާއެއް ކަމަށެވެ.

"މި މަސް ތެރޭގައި އަދި އިތުރު ދެ ކްރޫޒް ލައިނާއެއް އަންނާނެ ކަމަށް ވަނީ އެނގިފައި" ނަޝީދު ވިދާޅުވީ ރާއްޖެއަށް އަންނަ ކްރޫޒް ލައިނާތަކުގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.

ފިނި މޫސުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގައ ހައި ސީޒަން ކަމުން މި މޫސުމުގައި ރާއްޖެއަށް އެކި ގޮތްގޮތުން އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެ އަހަރަކުވެސް އިތުރުވެ އެވެ.