8 ޑިސެންބަރު 2022 - 09:14 1
އަހުމަދު އާއިދު
ނިރުފެހިގެ އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވި އިރު ފުލުހުން މި މައްސަލައިގެ ކުރިއެރުންތައް ހިއްސާކުރަމުން ނުދޭ -- ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު
8 ޑިސެންބަރު 2022 - 09:14 1
މ. ނިރުފެހިގޭގައި މިދިޔަ މަހުގެ 10 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވި މައްސަލައިގައި ފުލުހުން ކުރަމުން އަންނަ ތަހުގީގުގެ ކުރިއެރުމެއް ހިއްސާނުކުރެވި، ފުލުހުން ހަމަހިމޭން ވެއްޖެ އެވެ.
މި މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލުންނާ "އަދަދު" ނޫހުން އެކި ފަހަރު މަތިން ސުވާލު ކުރުމުން ވެސް ދެނީ އެއް ޖަވާބެކެވެ. ވިދާޅުވަނީ "މައްސަލަ ދަނީ ބަލަމުން" ކަމަށެވެ. އިތުރުން އެހެން ތަފުސީލެއް ނުވަތަ ތަހުގީގުގެ ކުރިއެރުމެއް ހިއްސާއެއް ނުކުރެ އެވެ. ހާދިސާއަށް މަހެއް ވާއިރު އަދިވެސް މަރުވި 10 ބިދޭސީންގެ ތަފުސީލެއް ވެސް ހާމަކޮށްފައެއް ނެތެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް ނުހޯދެ އެވެ. މަރުވި މީހުންގެ ހަށިގަނޑުތައް އެމީހުންގެ ގައުމަށް ފޮނުވާ އާއިލާ އާއި ހަވާލު ކުރިއިރުވެސް އެ މީހުންގެ ތަފުސީލާއި ތަހުގީގުގެ ކުރިއެރުމެއް ފުލުހުންނަށް ހާމައެއް ނުކުރެވުނެވެ.
އަލިފާން ރޯވިއިރު ގަރާޖު ކުރިމަތީގައި އޮތް ކާރެއް ދުރުކުރަނީ. --އަބްދުﷲ އިޔާން/އަދަދު
ބައެއްގެ އިހުމާލެއް އޮތްކަން ނުވަތަ ތަހުގީގަށް އެއްވެސް ބަޔަކާ ސުވާލު ކުރިކަންވެސް ފުލުހުންނަށް ކަށަވަރެއް ނުކޮށްދެވުނެވެ. ދިހަ މީހުން މަރުވި މިފަދަ ހާދިސާއެއްގެ ތަހުގީގު މިހާ ދިގުލައިގެންދާ ސަބަބެއް ވެސް ސާފުކޮށްދެވިފައެއް ނުވެ އެވެ.
ނިރުފެހިގޭގައި ރޯވި އަލިފާންގަނޑަކީ އެ އިމާރާތުގެ ތިރީ ބައިގައި ހިންގި ގަރާޖުގައި ހިފި އަލިފާންގަނޑެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ ގަރާޖަކީ ގަވާއިދާ ހިލާފަށް ހުއްދަ ނުނަގާ ހިންގަމުންދިޔަ ގަރާޖެއްކަމަށްވެސް ފުލުހުން ބުންޏެވެ. މީގެ ކުރިންވެސް އެ ތަނުގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގާފައިވެ އެވެ. އިހުމާލުގެ ސުވާލުތައް ފެންމަތިވާން ފެށީ މި ސަބަބުތަކާ ހެދި އެވެ.
މީގެ އިތުރުން މަރުވި ބިދޭސީން ދިރިއުޅުނު އެކޮމޮޑޭޝަން ބްލޮކްގެ ހާލަތާއި މެދުވެސް ގިނަ ބަޔަކު ނުރުހުން ފާޅުކުރި އެވެ. ވިއްސަކަށް އެނދު ބަހައްޓާފައިހުރި އެ ކުޑަ ގޮޅި ހުރީ އިތުރު ކޮޓަރިތަކަކަށް ބަހާފަ އެވެ. މިތަނުގައި ބިދޭސީންނަށް އެކޮމޮޑޭޝަންގެ ހިދުމަތް ދިނުމުގެ ހުއްދައެއް އޮތްކަންވެސް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
"ގަރާޖު ހިންގުމަށް ހުއްދަ ދީފައިވަނީ ހުޅުމާލޭގައި ކަމަށް މިހާތަނަށް ކުރެވުނު ތަހުގީގުން ވަނީ އެނގިފައި" ފުލުހުން މި މައްސަލައިގައި މިދިޔަ މަހުގެ 14 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުންޏެވެ.
ނިރުފެހިގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ސިފައިން ކުރަނީ. -- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު
މިއީ އެ ގަރާޖުގައި އަލިފާނުގެ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރުގެ ކުރީ ކޮޅުވެސް ގަރާޖުގައި އަލިފާން ރޯވެގެން ސިފައިންނާއި ފުލުހުން އެ ގަރާޖަށް ދިޔަ ކަމަށް ވެ އެވެ. ފުލުހުން ބުނި ގޮތުގައި އެ ފަހަރު ގަރާޖު ހިންގާ ފަރާތަށް ކަންކަން އިސްލާހުކުރުމަށް ފުރުސަތެެއް ދެވުނެވެ. އެކަން ފުލުހުންވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް އޭގެ ފަހުން އެކަން ބަލާ މޮނީޓާ ކުރެވިފައެއް ނުވެ އެވެ.
މިފަދަ އެތައް ސުވާލެއް ފުނިޖެހިފައި ވަނިކޮށް މި ހާދިސާގައި ދެންވެސް ކުރިމަތިވީ ސުވާލު އުފެދޭ ކަމެކެވެ. ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން އެ ސަރަހައްދު ސާފުކުރަނިކޮށް އިންސާނެއްގެ ފައިތިލަ ފެނުނެވެ. އެއާއެކު އެއީ 11 ވަނަ މީހެއްތޯ ނުވަތަ 10 މީހުންގެ ތެރެއިން މީހެއްގެ ފައިތިލަ ތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. މިކަމުގައިވެސް ފުލުހުންނަށް މިހާތަނަށް ޔަގީންކަމެއް ދެވިފައެއް ނުވެ އެވެ. އެންމެ ފަހުން ފުލުހުން ބުނީ އެ ފައިތިލައިން އަދި މަރުވި މީހުންގެ ހަށިގަނޑުން ޑީއެންއޭ ސާމްޕަލް ނަގައިގެން ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ނިރުފެހިގެ ސާފުކުރަނިކޮށް ފެނުނު ފައިތިލައިގެ ތަހުގީގު ފުލުހުން ދަނީ ކުރަމުން، ތަހުގީގު ކުރެވެމުންދާ ވަރަކުން އިތުރު މައުލޫމާތު ހާމަކުރަމުންދާނެ" މިއީ ފުލުހުންގެ މީޑިއާ އޮފިޝަލް އޭގެ ހަފުތާއެއް ފަހުން ދިން ޖަވާބެވެ.
ނިރުފެހިގޭގައި އިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ހަށިގަނދު ނެރެނީ. -- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު
ސުވާލަކީ 10 މީހުންގެ މަރަށް މަހެއް ވަމުންދާއިރުވެސް ފުލުހުންގެ ފުރިހަމަ 'ފޯކަސް' މި ކޭސް އިން ފެންނަމުން ނުދަނީ ކީއްވެ ކަމާމެދު ކުރެވޭ ސުވާލެވެ. މަރުވީ 10 ދިވެހިން ނަމަ ތަހުގީގު ކުރިއަށް ގެންދާނީ ހަމަ މި ދުވެލީގަ ކަމާމެދު އުފެދޭ ސުވާލެވެ. ފުލުހުން މި މައްސަލައަކީ "ހާއްސަ މައްސަލައެއް" ގޮތުގައި ސިފަކުރި ނަމަވެސް އެ ހާއްސަކަމާއި މުހިންމުކަން ދެވުނު މިންވަރު ނަތީޖާގެ ސިފައިގައި ފެންނަމުން ނުދެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment