Advertisement

ދިއުފްގެ މެސެޖް: "ޕެނަލްޓީ އަށް ދާން އިންގްލެންޑް ޖެހިލުންވާނެ"

3 ޑިސެންބަރު 2022 - 14:41 0


ދިއުފްގެ މެސެޖް: "ޕެނަލްޓީ އަށް ދާން އިންގްލެންޑް ޖެހިލުންވާނެ"

3 ޑިސެންބަރު 2022 - 14:41 0

ދޯހާ، ގަތަރު (ޑިސެމްބަރު 3) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާާރާތުގެ ގަދަ 16 ބުރުގައި ކުޅޭ މެޗުގައި އިންގްލެންޑުން ސެނެގާލާ ބައްދަލުކުރާއިރު، އެ މެޗުގެ ނަތީޖާ ނެރެން ޕެނަލްޓީ އަށް ދާން ޖެހިލުންވާނެ ކަމަށް ސެނެގާލް ޓީމުގެ އެސިސްޓަންޓް ކޯޗު އަދި ކުރީގެ ފޯވާޑް އަލީ ހާޖީ ދިއުފް ބުނެފި އެވެ.

ސެނެގާލުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެ ފަހަރުގެ މުބާރާތުގައި އެ ޓީމުގެ އެއް ތަރި އަކީ ދިއުފް އެވެ. ދިއުފް އަކީ ސެނެގާލްގެ ކޯޗު އަލިއޫ ސީސޭގެ އެސިސްޓަންޓް ކޯޗެވެ. އަދި ސެނެގާލް ފުޓްބޯޅަ ފެޑެރޭޝަންގެ އެޑްވައިޒަރީ މަގާމެއް ވެސް ދިއުފް އަންނަނީ ފުރަމުންނެވެ.

ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލް އާއި ބޯލްޓަން ވެންޑާސް އަށް ކުޅުނު ދިއުފް ދިން އިންޓަވިއުއެއްގައި ބުނީ ގަދަ 16 ބުރުގައި އިންގްލެންޑުން ސެނެގާލާ ކުޅެން ޖެހުމުން ހާސްވާނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

"ޔަގީނުން ވެސް އިންގްލެންޑުން އަހަރެމެންނާ ކުޅޭއިރު ޕެނަލްޓީ އަށް ދާން ބޭނުމެއް ނުވާނެ. އެއީ ޕެނަލްޓީ އަށް ގޮސްފިއްޔާ އަހަރެމެން މޮޅުވާނެ، ވަރަށް ފަސޭހަކަމާ އެކު. އަހަރެމެންގެ ކީޕަރު، (އެޑޮއާޑް މެންޑީ) ވަރަށް ހުށިޔާރުކަމާ އެކު އިންގްލެންޑްގެ ޕެނަލްޓީތަކެއް ހުއްޓުވާނެ ކަމުގެ ޔަގީންކަން އެބައޮތް،" ދިއުފް ބުންޏެވެ.

ސެނެގާލް ގޯލު ބަލަހައްޓަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އަށް ކުޅެމުން އަންނަ މެންޑީ އެވެ. ސެނެގާލް އިން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ޕެނަލްޓީ ޖަހައިގެން ހޯދިއިރާއި މި ފަހަރުގެ ވޯލްޑް ކަޕްގެ ޖާގައެއް ހޯދަން އެފްރިކާގެ ޕްލޭއޮފް ބުރުގައި ވެސް ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

"އަހަރެމެންނަކީ ޕެނަލްޓީގައި ރަނގަޅު ތަޖުރިބާތަކެއް އޮތް ގައުމެއް، އެއީ އަހަރެމެން މި މެޗުގައި ޕެނަލްޓީ ޖަހައިގެން މޮޅުވާނެއޭ މި ބުނާ ސަބަބަކީ،"

ސެނެގާލްގެ ކޯޗު، ސީސޭ ބުނީ ދިއުފްގެ ވާހަކައިގައި ޕެނަލްޓީގެ ވާހަކަ ފާހަގަކުރި ނަމަވެސް ސެނެގާލުން މުޅި ޓީމު ރާވާނީ ޕެނަލްޓީ އަށް ބަލައިގެނެއް ނޫން ކަމަށެވެ.

އިންގްލެންޑާއި ސެނެގާލް ބައްދަލުކުރާ މެޗު އޮތީ މާދަމާރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.