Advertisement

ރޮނާލްޑޯ އާއި މެސީ އަތުގައި އޮތް ރެކޯޑަކާ ޝަކީރީ ހަމަކޮށްފި

3 ޑިސެންބަރު 2022 - 13:59 0


ރޮނާލްޑޯ އާއި މެސީ އަތުގައި އޮތް ރެކޯޑަކާ ޝަކީރީ ހަމަކޮށްފި

3 ޑިސެންބަރު 2022 - 13:59 0

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އަތުގައި އޮތް ރެކޯޑަކާ ސްވިޒަލެންޑްގެ ޕްލޭމޭކަރު ޒެރްޑަން ޝަކީރީ ހަމަކޮށްފި އެވެ.

ސާބިއާގެ މައްޗަށް ރޭ ސްވިޒަލެންޑުން 3-2 އިން ކުރިހޯދި މެޗުގައި ޝަކީރީ ޖެހި ގޯލާ އެކު އޭނާ ވަނީ އެންމެ ފަހުން ތިން ވޯލްޑް ކަޕްގައި ވެސް ގޯލު ޖެހި ހަމައެކަނި ދެ ކުޅުންތެރިން ކަމަށްވާ މެސީ އާއި ރޮނާލްޑޯގެ ރެކޯޑާ ހަމަކޮށްފަ އެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ޝަކީރީ ކުޅުނު ނަމަވެސް ގޯލެއް ނުޖަހަ އެވެ. ޝަކީރީ ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕާއި 2018 ވަނަ އަހަރު ރަޝިއާގައި ހޯސްޓްކުރި ވޯލްޑް ކަޕްގެ އިތުރުން މި ފަހަރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕްގައި ލަނޑު ޖަހައިފަ އެވެ.

މީގެ އިތުރުން، ޝަކީރީ ވަނީ ރޮނާލްޑޯ އަތުގައި އޮތް އެހެން ރެކޯޑަކާ ވެސް ހަމަކޮށްފަ އެވެ. ޔޫރަޕްގެ ގައުމުތަކަށް އެންމެ ފަހުން އޮތް ބޮޑު ފަސް މުބާރާތުގައި ވެސް ޝަކީރީ ވަނީ ލަނޑު ޖަހައިފަ އެވެ. އެއީ އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަޕާއި ދެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގޯލު ޖަހައިގެން ރޮނާލްޑޯ އާއި ޝަކީރީ ހެދި ރެކޯޑެކެވެ.

ބަޔާން މިއުނިކާއި ލިވަޕޫލް އަދި އިންޓަ މިލާނަށް ވެސް ކުޅެފައިވާ ޝަކީރީ، 31، އަކީ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ސްވިޒަލެންޑުން އެޓޭކުގައި ވަރަށް ބޮޑަށް ބަރޯސާވާ ކުޅުންތެރިއެކެވެ. އެންމެ ފަހުން ސްވިޒަލެންޑުން ކުުޅުނު ބައިނަލްއަގުވާމީ ބޮޑެތި ފަސް މުބާރާތުގައި އެ ޓީމުން ޖެހި ގޯލުތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ ގޯލު ޖެހީ ޝަކީރީގެ ހިއްސާއާ އެކު އެވެ.

ސްވިޒަލެންޑްގެ ހަތަރު އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅުނު ޝަކީރީ ވަނީ ސީނިއާ ޓީމަށް ކުޅުނު 111 މެޗުން 27 ގޯލު ޖަހައިފަ އެވެ.

އެންމެ ފަހުން ސްވިޒަލެންޑުން ވޯލްޑް ކަޕްގައި ވާދަކުރި ހަތަރު ފަހަރުގެ ތެރެއިން ތިން ފަހަރު ކެޓީ މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުންނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި ސްވިޒަލެންޑުން ކުޅެން ޖެހޭ މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލްއާ އެވެ.