Advertisement

އެމެރިކާ ލީގުގައި އެންމެ މުސާރަ ބޮޑު ކުޅުންތެރިއަކީ ޝަކީރީ

17 މޭ 2023 - 09:07 0


އެމެރިކާ ލީގުގައި އެންމެ މުސާރަ ބޮޑު ކުޅުންތެރިއަކީ ޝަކީރީ

17 މޭ 2023 - 09:07 0

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (މެއި 17) - އެމެރިކާގެ މަޝްހޫރު ފުޓްބޯޅަ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިއަކީ، ޝިކާގޯ ފަޔާ އަށް ކުޅެމުން އަންނަ ސްވިޒަލެންޑްގެ މިޑްފީލްޑަރު، ޒެރްދާން ޝަކީރީ ކަމަށް ހާމަވެއްޖެ އެވެ.

އެމްއެލްއެސްގެ ޕްލޭޔަރުންގެ ޔޫނިއަނުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޝަކީރީ އަށް ސީޒަނެއްގެ މައްޗަށް 8.15 މިލިއަން ޑޮލަރުގެ މުސާރައެއް ލިބެ އެވެ. ދެ ވަނަ އަށް އެންމެ ބޮޑު މުސާރައެއް ލިބެނީ ޓޮރޮންޓޯ އަށް ކުޅޭ އިޓަލީގެ މިޑްފީލްޑަރު، ލޮރެންޒޯ އިންސީނިއޭ އަށެވެ. އެ ގޮތުން އިންސީނިއޭ އަށް ސީޒަނެއްގެ މައްޗަށް 7.5 މިލިއަން ޑޮލަރު ލިބެ އެވެ. ތިން ވަނަ އަށް އެންމެ ބޮޑު މުސާރައެއް ލިބެނީ، އަހަރަކަށް 7.4 މިލިއަން ޑޮލަރު ލިބޭ ލޮސް އެންޖެލްސް ގެލެކްސީ އަށް ކުޅޭ ޖަވިއޭ ހެނާންޑޭޒް އަށެވެ.

ޓޮރޮންޓޯ އަށް ކުޅޭ އިޓަލީގެ ފެޑެރީކޯ ބާނަޑޭޝްކީ އަށް އަހަރެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 6.3 މިލިއަން ޑޮލަރު ލިބޭއިރު، އޭނަ އޮތީ ލިސްޓުގެ ހަތަރެއްގަ އެވެ.

އުމުރުން 31 އަހަރުގެ ޝަކީރީ، މިދިޔަ އަހަރު އެމްއެލްއެސް އަށް ބަދަލުވުމަށް ފަހު ޝިކާގޯ އަށް ކުޅެދިން 35 މެޗުން ވަނީ ހަތް ގޯލު ޖަހައިފަ އެވެ.

ސްވިޒަލެންޑް ގައުމީ ޓީމާ އެކު ބައިނަލްއަގުވާމީ ގިނަ މުބާރާތެއްގައި ތަފާތު ދައްކާފައިވާ ޝަކީރީ ކްލަބް ކެރިއަރުގައި ވަނީ ބަޔާން މިއުނިކް، ލިވަޕޫލް، އިންޓަ މިލާން އަދި ލިޔޯނަށް ކުޅެފަ އެވެ. މީގެ ތެރެއިން ބަޔާން އާއި ލިވަޕޫލާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އެވެ.

އެމްއެލްއެސްގައި ސީޒަނެއްގެ މައްޗަށް މުސާރަ އަށް އެންމެ ބޮޑު ހޭދައެއް ކުރާ ކްލަބަކީ ޓޮރޮންޓޯ އެވެ. އެ ގޮތުން ޓޮރޮންޓޯ އިން ސީޒަނެއްގެ މައްޗަށް 25.74 މިލިއަން ޑޮލަރު މުސާރައިގެ ގޮތުގައި ހޭދަކުރެ އެވެ. ވޭޖް ބިލް ބޮޑު ޓީމުތަކުގެ ލިސްޓުގެ ދެ ވަނައިގައި އޮތީ ލޮސް އެންޖެލްސް ގެލެކްސީ އެވެ. އެ ޓީމުން ސީޒަނަކަށް މުސާރަ އަށް ހަރަދުކުރާ ވަރު އުޅެނީ 23.46 މިލިއަން ޑޮލަރު އެވެ.