Advertisement

ފޭވަރިޓުންގެ ގޮތުގައި ވިސްނައިގެން އާޖެންޓީނާ އަށް ގޯސްވެދާނެ

3 ޑިސެންބަރު 2022 - 10:49 0


ފޭވަރިޓުންގެ ގޮތުގައި ވިސްނައިގެން އާޖެންޓީނާ އަށް ގޯސްވެދާނެ

3 ޑިސެންބަރު 2022 - 10:49 0

ދޯހާ، ގަތަރު (ޑިސެމްބަރު 3) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ގަދަ 16 ޓީމުގެ ބުރުުގައި އާޖެންޓީނާ އިން ކުޅެން ޖެހޭ މެޗަށް އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުންނައިރު، އާޖެންޓީނާ އިން އެ ޓީމަކީ މި މެޗުގެ ފޭވަރިޓުންގެ ގޮތުގައި ވިސްނައިގެން، ފަސޭހަ ވިސްނުމަކުން މެޗަށް ކުރިމަތިލުން ގޯހަކަށް ވެދާނެ ކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

އާޖެންޓީނާ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ވަނީ އޭޝިއާގެ ސައުދީ އަރަބިއްޔާ އަތުން ބަލިވެފަ އެވެ. އޭގެ ފަހުން، އެ ޓީމު ވަނީ މެކްސިކޯ އާއި ޕޮލެންޑް ބަލިކޮށް ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ.

އޮސްޓްރޭލިއާ އިން، 2006 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ނޮކައުޓް ބުރުން ޖާގަ ހޯދީ، ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި ފްރާންސް އަތުން ބަލިވި ނަމަވެސް ޓިއުނީޝިއާ އާއި ޑެންމާކް ބަލިކުރުމަށް ފަހު އެވެ.

މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްކަލޯނީ ބުނީ އާޖެންޓީނާ އަކީ އެންމެންގެ ނަޒަރުގައި ވެސް މި މެޗުން މޮޅުވާނެ ޓީމު ކަމަށާއި އެހެން ނަމަވެސް އެއީ އެ ޓީމުން ވިސްނާނެ ގޮތެއް ނޫން ކަމަށެވެ.

"މިއީ ފުޓްބޯޅަ. އެގާރަ ކުޅުންތެރިންނާއި އެގާރަ ކުޅުންތެރިން މި ކުރިމަތިލަނީ. ނަތީޖާގެ ޔަގީންކަމެއް ނުދެވޭނެކަން މި ފަހަރުގެ ވޯލްޑް ކަޕްގައި އެބަފެނޭ. ތެދެއް، ފެންނަން އޮތް ކަންކަމަށް ބަލާއިރު، އޮސްޓްރޭލިއާ އަށް ވުރެ އަހަރެމެން ގަދަވެދާނެ. އެކަމަކު، އެއީ އަހަރެމެން ވިސްނާނެ ގޮތެއް ނޫން، އެ ފަދަ ގޮތަކަށް ފަސޭހަކޮށްލައިގެން މެޗަށް ދިއުން ވާނީ ގޯހަކަށް،" ސްކަލޯނީ ބުންޏެވެ.

އާޖެންޓީނާއާ ދެކޮޅަށް އޮސްޓްރޭލިއާ އިން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވި ހަމައެކަނީ މެޗަކީ 1988 ވަނަ އަހަރު، މި ދެ ޓީމު ފުރަތަމަ ފަހަރަށް ބައްދަލުކުރި މެޗުގަ އެވެ. އެ މެޗުގައި އޮސްޓްރޭލިއާގެ ކޯޗަކަށް މިހާރު ހުރި ގްރަހަމް އާނޯލްޑް ވަނީ ކުޅެފަ އެވެ.

މިރޭގެ މެޗުގެ ކުރިން އާނޯލްޑް ބުނީ އާޖެންޓީނާ ކަހަލަ ތަރިން ގިނަ ޓީމަކާ ކުޅޭއިރު، އޮސްޓްރޭލިއާ އިން ޖެހޭނީ އެންމެ މޮޅު ކުޅުން ދައްކައި، ހުރި ހިތްވަރެއް ލައިގެން މެޗުން މޮޅުވެވޭތޯ މަސައްކަތް ކުރުމަށް ކަމަށެވެ.

"މިއީ ހަނގުރާމައެއް، ފިޒިކަލީ އަހަރެމެންގެ ކުޅުންތެރިން ތިބީ މި ކަމަށް ތައްޔާރުވެގެންތޯ ކަށަވަރުކުރަން ޖެހޭނެ، ހަމަ އެ ގޮތަށް އަހަރެމެންނަށް މިއީ މެންޓަލީ ވެސް ޗެލެންޖިން މެޗެއް. އަހަރެމެން އަތުގައި ހުރި ހުރިހާ ހަތިޔާރެއް މި މެޗުގައި ބޭނުންކުރަންޖެހޭނެ،" އާނޯލްޑް ބުންޏެވެ.

އާނޯލްޑް ބުނީ މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަސް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ފެންނަނީ އޭނާގެ އެންމެ ތަފާތު ފޯމުގައި ނޫން ކަމުގައި ވިޔަސް، މެޗެއް ފަށައިގެން އެ ދާ ގޮތަށް ބަލާއިރު، މެސީގެ ފޯމު ބަދަލުވެދާނެ ކަމަށެެވެ.

ދެ ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އާޖެންޓީނާ ވަނީ އެންމެ ފަހުން ބޭއްވި 10 ވޯލްޑް ކަޕްގެ ތެރެއިން ނުވަ މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކޮށްފަ އެވެ.

އާޖެންޓީނާ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ، މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.