Advertisement

އެންމެ އަވަސް ގޯލު ޖެހުމުގެ ރެކޯޑް އޮސްޓްރިއާގެ ބޯމްގާޓްނާ އަށް

24 މާރިޗު 2024 - 13:34 0


އެންމެ އަވަސް ގޯލު ޖެހުމުގެ ރެކޯޑް އޮސްޓްރިއާގެ ބޯމްގާޓްނާ އަށް

24 މާރިޗު 2024 - 13:34 0

ވިއޭނާ، އޮސްޓްރިއާ (މާޗް 24) - އޮސްޓްރިއާ އާއި ސްލޮވާކިއާ ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގެ ހަ ވަނަ ސިކުންތުގައި ލަނޑު ޖަހައި، ބައިނަލްއަޤްވާމީ މެޗެއްގައި އެންމެ އަވަސް ގޯލު ޖެހުމުގެ ރެކޯޑް އޮސްޓްރިއާގެ ކްރިސްޓޯފް ބޯމްގާޓްނާ ހޯދައިފި އެވެ.

ސްލޮވާކިއާގައި ރޭ ކުޅުނު މެޗު ކޮށްޓި ގޮތަށް، ބޯމްގާޓްނާ ވަނީ ބޯޅަ ހިފައިގެން ސްލޮވާކިއާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިޔާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މި ލަނޑާ އެކު ބޯމްގާޓްނާ ވަނީ 2013 ވަނަ އަހަރު ޖަރުމަންގެ ފޯވަޑް ލޫކަސް ޕޮޑޮލްސްކީ ހެދި ރެކޯޑް މުގުރާލައިފަ އެވެ. އެ އަހަރު އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޮޑޮލްސްކީ ލަނޑު ޖެހީ ހަތް ވަނަ ސިކުންތުގަ އެވެ.

އޮސްޓްރިއާގެ ފުޓްބޯލް ފެޑަރޭޝަން އިން ބުނީ ޖަރުމަން އާރްބީ ލައިޕްޒިގަށް ކުޅެމުންދާ ބޯމްގާޓްނާ، 24، ޖެހި ލަނޑަކީ ބައިނަލްއަޤްވާމީ މެޗެއްގައި މިހާތަނަށް ޖެހި އެންމެ އަވަސް ލަނޑު ކަމަށެވެ.

"އަހަރަމެން ކޮންމެވެސް ވަރަކަށް ފަރިތަކުރިން، މި ގޮތަށް ކޮށްޓާ ގޮތަށް ކުރިއަށް ބޯޅަ ހިފައިގެން ދުވަން،" ބޯމްގާޓްނާ ބުންޏެވެ.

"ވަރަށް އުފާވެއްޖެ މި ލަނޑު ޖެހުނީމަ."

މި މެޗުން އޮސްޓްރިއާ މޮޅުވީ 2-0 އިންނެވެ. މެޗުގެ ފަހުކޮޅު އޮސްޓްރިއާގެ ދެ ވަނަ ލަނޑު ޖެހީ އަންދްރެއަސް ވައިމަން އެވެ.