Advertisement

ނަޝީދު ބޭނުންވަނީ ޓެކްސް ބޮޑު ނުކޮށް ބިލު އަނބުރާ މަޖިލީހަށް ގެންނަން

2 ޑިސެންބަރު 2022 - 17:22 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ ޓެކްސް ބޮޑުކުރާ ބިލް އަނބުރާ މަޖިލީހަށް ގެންނަން ޖެހޭ ކަމަށް -- ފޮޓޯ: މަޖިލިސް އިދާރާ


ނަޝީދު ބޭނުންވަނީ ޓެކްސް ބޮޑު ނުކޮށް ބިލު އަނބުރާ މަޖިލީހަށް ގެންނަން

2 ޑިސެންބަރު 2022 - 17:22 1

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގުކުރައްވާފައިވާ ބިލު އަލުން މަޖިލީހަށް ގެނައުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބާއްވާ "އާސްކް ސްޕީކާ" ޕްރޮގްރާމުގެ ހަވަނަ އެޕިސޯޑުގައި އާންމުންގެ ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ކުއްލިއަކަށް ޓެކްސް ބޮޑުކުރަން ނިންމުމުން ނިކުންނަ ނަތީޖާ ވަރަށް "އަނދިރި" ވާނެ ކަމަށް އެމަނިކުފާނަށް އަންދާޒާ ކުރެއްވޭ ކަމަށެވެ.

"އަޅުގަނޑަށް ފެންނަނީ އަނެއްކާވެސް އަލުން އަނބުރާ މަޖިލީހަށް މައްސަލަ ގެނެސް ޓެކްސްގެ ކަންތައް އެނބުރުމަށް،" ނަޝީދު ވިދާޅުވި އެވެ.

އިއްޔެ ކުރިމަތިވި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު މިސާލު ނެންގެވީ ޓޫރިޒަމްގެ ވިޔަފާރިންނެވެ.

އެގޮތުން ރާއްޖޭގައި އެ ވިޔަފާރި ކުރާ ގޮތަކީ ދުރާލައި ބުކިން ހަދާ ކޮޓަރިތައް ވިއްކުން ކަމަށާއި އަންނަ އަހަރަށް އެގޮތަށް ގިނަ ބުކިން ތަކެއް ހަދާފައިވަނިކޮށް ކުއްލިއަކަށް ޓެކްސް ބޮޑުކުރުމުން އިތުރުވާ ޓެކްސްގެ ބައި ދައްކަން ޖެހޭނީ ވިޔަފާރިވެރިންކަން ނަޝީދު ފާހަގަކުރެއްވި އެވެ.

އަދި މިގޮތަށް ބޮޑުވާ ޓެކްސްގެ ބައި ދެއްކުމަށް އެ ފަރާތްތަކަށް ދަތިވާނެކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް މެދު މިނެެއްގެ ރިސޯޓެއް ހިންގާ މީހަކު ދެތިން މަހެއްގެ ތެރޭގައި މިލިއަނެއްހާ ޑޮލަރު އޭނާގެ އަމިއްލަ ޖީބުން ޓެކްސްގެ ގޮތުގައި އެބަ ދައްކަން ޖެހޭ، އަޅުގަނޑު ނުދެކެން އެ ފަރާތްތަކުގެ ކިބައިގައި ތިން މަސް ދުވަހުގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދެވޭ ހާލުގައި ހުރިކަމަކަށް އަޅުގަނޑު ނުދެކެން،" ނަޝީދު ވިދާޅުވި އެވެ.

މުޅި މަޖިލީހުގެ ކޮމިޓީއިން ފާސްކުރި ގޮތަށް ޓެކްސް ބޮޑުކުރާ ބިލު ފާސްކުރުމަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުން ވޯޓު ދެއްވީ ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދެއްވި އެވެ.

މި ބިލާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެ އިތުރުން އެމްޑީޕީގެ ތެރޭގައި ތިބި ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންވެސް ވަނީ ފާޅުގައި ފާޑުވިދާޅުވެފަ އެވެ.

އެދުވަހުގެ ވޯޓުން ބިލު ފާސްވުމަށްފަހު، ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހެޅި މި ބިލަށް މަޖިލީހުން ލިބުނު "ހަނި" ތާއީދާމެދު ސަރުކާރުން ވިސްނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.