1 ޑިސެންބަރު 2022 - 14:18 0
ފާތިމަތު ސާޔާ އަހުމަދު
އިރާންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން.
1 ޑިސެންބަރު 2022 - 14:18 0
ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އެމެރިކާ އަތުން އިރާންގެ ގައުމީ ޓީމް ބަލިވުމުން އުފާ ފާޅުކުރި އިރާން މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.
އެކްޓިވިސްޓުން ބުނީ މެހްރާން ސަމަކްގެ ބޮލަށް ބަޑި ޖެހީ އަންގާރަ ދުވަހުގެ ރޭ ބަންދާރް އަންޒަލީގައި އުފާ ފާޅުކުރުމުގެ ގޮތުން އޭނާގެ ކާރުގެ ބަރުގޮނު އެޅުމުން ކަމަށެވެ.
އިރާނުގެ ބައެއް ސިޓީތަކުގައި އާއްމުން އުފާ ފާޅުކުރި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވި އެވެ. އެ މީހުން ޓީމަށް ސަޕޯޓް ނުކުރަން ނިންމީ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާގެ ބައެއްގެ ގޮތުގަ އެވެ.
ފީފާ ވޯލްޑް ކަޕްގައި އެމެރިކާ އާއި އިރާން އޮތީ އެއް ގްރޫޕެއްގަ އެވެ. ގްރޫޕްގެ ފަހު މެޗުގައި އެމެރިކާ އަތުން އިރާން ބަލިވީ 1-0 ގެ ނަތީޖާއިންނެވެ.
ޓީމުގެ ކުޅުންތެރިން ވެސް މުޒާހރާގެ ބައިވެރިންނާ އެކު ތިބިކަން ހާމަކުރުމުގެ ގޮތުން ފުރަތަމަ މެޗުގައި އިންގްލެންޑާ ދެކޮޅަށް ނިކުތް އިރު، ގައުމީ ސަލާމް ނުކިޔަ އެވެ. އެ މެޗުން އިރާން ބަލިވީ 6-2 ގެ ނަތީޖާއިންނެވެ.
އެކަމަކު އޭގެ ފަހުން ވޭލްސްއާ ދެކޮޅަށް ނިކުތް އިރު ގައުމީ ސަލާމް ކިޔެވެ. އެ މެޗުން އިރާން މޮޅުވީ 2-0 އިންނެވެ. އޭގެ ފަހުން އެމެރިކާއާ ދެކޮޅަށް ނިކުތް މެޗުގައި ވެސް ގައުމީ ސަލާމް ކިޔެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment