Advertisement

ޑެންމާކް ކޯޗުގެ ބޮލުގެ ރިހުމަކީ ފޯވަޑުންނަށް ލަނޑު ނުޖެހުން

30 ނޮވެންބަރު 2022 - 16:44 0


ޑެންމާކް ކޯޗުގެ ބޮލުގެ ރިހުމަކީ ފޯވަޑުންނަށް ލަނޑު ނުޖެހުން

30 ނޮވެންބަރު 2022 - 16:44 0

ދޯހާ (ނޮވެމްބަރު 30) - ވޯލްޑް ކަޕްގެ ގުރޫޕް ޑީގައި މިރޭ މޮޅުވާން މަޖުބޫރު މެޗަކަށް އޮސްޓްރޭލިއާއާ ދެކޮޅަށް ޑެންމާކް ނުކުންނައިރު، ޑެންމާކްގެ ކޯޗު ކެޝްޕާ ހިއުލްމަންޑް އުންމީދުކުރަނީ އެ ޓީމުގެ ފޯވަޑުންގެ ފަރާތުން މިރޭ ގޯލުތަކެއް ފެނުމަށެވެ.

ގުރޫޕް ޑީގައި މިހާތަނަށް ކުޅުނު ދެ މެޗުން ޑެންމާކް އޮތީ އެއް ޕޮއިންޓާ އެކު އެވެ. އަދި އެ ޓީމު އޮތީ ގެއްލުން އެއް ގޯލާ އެކު އެވެ.

ތިން ޕޮއިންޓާ އެކު ތާވަލްގެ ދެ ވަނައިގައި އޮތް އޮސްޓްރޭލިއާއާ ދެކޮޅަށް މިރޭ ޑެންމާކް ނުކުންނައިރު، ގަދަ 16 ގެ ޖާގައެއް ހޯދަން މި މެޗުން ޑެންމާކަށް މޮޅެއް މަޖުބޫރެވެ. މި މެޗުން ޑެންމާކް މޮޅުވެ، ފްރާންސްއާ ދެކޮޅަށް ޓިއުނީޝިއާ ކުޅޭ މެޗުން ޓިއުނީޝިއާ ބަލިވެ ނުވަތަ އެއްވަރުވެއްޖެނަމަ، ގަދަ 16ގެ ބުރަށް ދާނީ ޑެންމާކެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި 10 މެޗުން 30 ލަނޑު ޑެންމާކް އިން ޖެހި ނަމަވެސް، މި އަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުގެ ލަނޑުޖެހުން ފެންނަނީ ދަށްކޮށެވެ. ވޯލްޑް ކަޕްގައި މިހާތަނަށް ޑެންމާކް ޖަހާފައިވަނީ އެންމެ ލަނޑެކެވެ. އެއީ ފްރާންސް އަތުން 2-1 އިން ބަލިވި މެޗުގައި ޑިފެންޑަރު އަންދްރެސް ކްރިސްޓެންސަން ޖެހި ލަނޑެވެ.

މިހާތަނަށް ކުޅުނު ދެ މެޗުގައި، ހިއުލްމަންޑް ވަނީ ޑެންމާކްގެ ފޯވަޑްލައިން އެކި ގޮތްގޮތަށް ބަދަލުކޮށްފައެވެ. އެހެން ނަމަވެސް އެދެވޭ ނަތީޖާއެއް ބަދަލުތަކުން އަދި ނުފެނެއެވެ.

ހިއުލްމަންޑް ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މިރޭގެ މެޗަށް ފިޓު ކަމަށާއި ޓީމުގެ ފޯވަޑްލައިންގައި މިރޭ ތަފާތު ދައްކާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އަހަރެން މި ޓީމުގައި ކޮންމެ ކުޅުންތެރިއަކަށް ވެސް އިތުބާރުކުރަން. ޓީމުގެ ރޭވުންތަކާއި ބައްޓަންކުރާނެ ގޮތްތަކެއް އެބަހުރި. އަހަރެން ބަލަންޖެހޭނީ މި މެޗަށް ވެސް އަހަރެން ޓީމުގެ ބައްޓަންކުރާ ގޮތާ އެންމެ ގުޅޭ ކުޅުންތެރިން ބޭނުންކުރަން،" ހިޔުލްމަންޑް ބުންޏެވެ.

ގުރޫޕް ޑީގައި ޑެންމާކާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗާއި ފްރާންސް އަދި ޓިއުނީޝިއާ ބައްދަލުކުރާ މެޗު ފަށާނީ 20:00ގަ އެވެ.