Advertisement

އެމްބީއޭ ޗެމްޕިއަންޝިޕް: ގަދަ ހަތަރު ޓީމާ އެކު ތިން ވަނަ ބުރުގެ މެޗުތައް ފަށައިފި

30 ނޮވެންބަރު 2022 - 14:25 0


އެމްބީއޭ ޗެމްޕިއަންޝިޕް: ގަދަ ހަތަރު ޓީމާ އެކު ތިން ވަނަ ބުރުގެ މެޗުތައް ފަށައިފި

30 ނޮވެންބަރު 2022 - 14:25 0

މިހާރު ކުރިއަށްދާ އެމްބީއޭ ޗެމްޕިއަންޝިޕްގެ ކޮންމެ ބައެއްގެ ވެސް ގަދަ ހަތަރު ޓީމާ އެކު ދެ ވަނަ ބުރުގެ ކުޅުން ފަށައިފި އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މުބާރާތް ތިން ބުރަކަށް ގެންދަން މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން ނިންމި މައިގަނޑު ސަބަބަކީ ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ޓީމްތަކަށް ދިނުމެވެ. މީގެ ސަބަބުން މުބާރާތުގެ ފޯރިއަށް ވެސް ހެޔޮ ބަދަލެއް ދަނީ އަންނަމުންނެވެ.

މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންޝިޕަށް ވާދަކުރާ ގަދަ ހަތަރު ޓީމަކީ ކިންގްސް ބާސްކެޓްބޯޅަ ކުލަބު، ޓީރެކްސް ބާސްކެޓްބޯޅަ ކުލަބު، ރެޑްވިންގްސް ބާސްކެޓްބޯޅަ ކުލަބު އަދި ދަ ބައުސް އެވެ.

މި އަހަރު އެމްބީއޭ ޗެމްޕިއަންޝިޕުގައި އަލަށް ހިމެނި ޝީލްޑް ބަޔަށް ބަލާއިރު, އެ ބައިގެ ގަދަ ހަތަރު ޓީމުގެ ގޮތުގައި ތިން ވަނަ ބުރުގައި ވާދަކުރަނީ ޓަލޮންސް ބީސީ، ސްޕާޓާންސް ސްޕޯޓްސް ކުލަބު، ރޯޔަލްސް ބީސީ އަދި ޔޫއެން ފްރެންޑްސް އެވެ.


އަންހެން ޑިވިޝަންގެ ގަދަ ހަތަރު ޓީމުގެ ގޮތުގައި އޮތީ ކުއީންސް ބީސީ، އެލީޓް ސްޕޯޓްސް ކުލަބު، ސައިކްލޯން ބީސީ އަދި ބެންޗް ސްޕޯޓްސް ކުލަބެވެ.

ތިން ވަނަ ބުރުގައި ކޮންމެ ޓީމަކުން މިހާތަނަށް އެއް މެޗު ކުޅެފައިވާއިރު، ފިރިހެން ޗެމްޕިއަންޝިޕް ބައިގައި ޓީރެކްސް ކުޅުނު ފުރަތަމަ މެޗުގައި މޮޅުވީ ދަ ބައުސް އަތުންނެވެ. މިހާތަނަށް މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާ ޓީރެކްސް އިން ބައުސްގެ މައްޗަށް ކުރި ހޯދީ 76-49 ޕޮއިންޓުންނެވެ. ކިންގްސް ކުޅުނު ފުރަތަމަ މެޗުގައި މޮޅުވީ ރެޑްވިންގްސްއާ ވާދަކޮށް 102-72 ޕޮއިންޓުންނެވެ.

އަންހެން ޑިވިޝަނަށް ބަލާއިރު ކުއީންސް އިން ތިން ވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ ބެންޗް ސްޕޯޓްސް ކުލަބާ ވާދަކޮށް 103-26 ޕޮއިންޓުންނެވެ. ސައިކްލޯން އާއި އެލީޓްގެ ކުރިމަތިލުން 59-44 ޕޮއިންޓުން ކާމިޔާބުކުރި ސައިކްލޯން އެވެ.

ފިރިހެން ޑިވިޝަންގެ ޝިލްޑް މެޗުގައި މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ޔޫއެން ފްރެންޑްސްގެ މައްޗަށް ޓަލޮންސްވަނީ 99-72 އިން ކުރި ހޯދައިފަ އެވެ. އަނެއް މެޗުގައި ރޯޔަލްސް އިން ވަނީ ސްޕާޓަންސްގެ މައްޗަށް 67-52 އިން ކުރި ހޯދައިފަ އެވެ.

މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ރެޑްވިންގްސް އާއި ދަ ބައުސް ވާދަކުރާއިރު، މިރޭ ޓީރެކްސް ނިކުންނާނީ ކިންގްސް ބީސީއާ ދެކޮޅަށެވެ. މި ދެ ޓީމް މީގެ ކުރިން ދެ ވަނަ ބުރުގައި ކުޅުނު މެޗު ކާމިޔާބުކުރީ ޓީރެކްސް އިންނެވެ.