Advertisement

އިންގްލެންޑް ބަލިކުރަން ބޭލް ބޭނުންވަނީ ހާއްސަ ސަބަބެއް ވެސް އޮތުމުން

29 ނޮވެންބަރު 2022 - 12:54 0


އިންގްލެންޑް ބަލިކުރަން ބޭލް ބޭނުންވަނީ ހާއްސަ ސަބަބެއް ވެސް އޮތުމުން

29 ނޮވެންބަރު 2022 - 12:54 0

ދޯހާ، ގަތަރު (ނޮވެމްބަރު 29) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ވޭލްސް އިން އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗަކީ މޮޅުވުން މަޖުބޫރު މެޗަކަށްވާއިރު، ވޭލްސްގެ ކެޕްޓަން، ގަރެތު ބޭލް، މި މެޗުން މޮޅުވާން ބޭނުންވަނީ ހާއްސަ ސަބަބެއް ވެސް އޮތުމުން ކަމަށް ބުނެފި އެެވެ.

ގްރޫޕް ބީގެ ފަހު ދެ މެޗުގެ ތެރެއިން އެއް މެޗުގައި މިރޭ އިންގްލެންޑުން ވޭލްސްއާ ކުޅޭއިރު، އަނެއް މެޗުގައި ބައްދަލުކުރާނީ އިރާން އާއި އެމެރިކާ އެވެ.

މި ގްރޫޕްގައި މި ވަގުުތު ތާވަލު އޮތްގޮތުން އަމިއްލަ ބާރު އޮތް ނަމަވެސް އެންމެ ބޮޑު މަސައްކަތެއް ކޮށްގެން ދެ ވަނަ ބުރަށް ދެވެން އޮތް ޓީމަކީ ވޭލްސް އެވެ. ވޭލްސް އިން މިރޭ ރަނގަޅު ފަރަގަކުން އިންގްލެންޑް ބަލިކޮށްގެން ނޫން ގޮތަކަށް ގަދަ 16 ބުރުން ފުރުސަތު ލިބުން އެއީ ދުރުގައި އޮތް ކަމެކެވެ. އެއީ އިރާނާއި އެމެރިކާ މެޗުން މޮޅުވާ ޓީމަކަށް ވެސް ގަދަ 16 ޔަގީންކުރެވެން އޮތުމުންނެވެ.

މި ވަގުތުގެ ތާވަލަށް ބަލާއިރު، ކޮންމެ ޓީމެއް ދެ މެޗު ކުޅެގެން، ގްރޫޕް ބީގެ އެއް ވަނައިގައި އިންގްލެންޑް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިރާނަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެމެރިކާގެ އޮތީ ދެ ޕޮއިންޓެވެ. ވޭލްސް އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ވޭލްސްގެ ކެޕްޓަން، ބޭލް ބުނީ އެންމެ ފަހުން ކުޅުނު މެޗުގައި ފަހު ވަގުތު ދެ ގޯލު ވަދެގެން، އިރާން އަތުން ބަލިވި ގޮތުން ވޭލްސްގެ ކުޅުންތެރިންނަށް ހުރީ ވަރަށް އަސަރުކޮށްފައި ކަމަށާއި އެކަން އިރާން މެޗު ނިމުމުން ދަނޑުމަތީގައި ތިބި ކުޅުންތެރިންގެ ހަރަކާތްތަކުންނާއި މޫނުމަތިން ފެނުނު މަންޒަރުތަކުން ވެސް ސާފުވާނެ ކަަމަށެވެ.

މި ވަގުތު ތާވަލު އޮތީ ވޭލްސް އަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވޭނެ ވަރަށް ވުރެ އުނދަގޫކޮށް ކަމަށް ވިޔަސް، ބޭލް ހުރީ އިންގްލެންޑް އަތުން މޮޅުވުމުގެ ހާއްސަ އަމާޒެއްގަ އެވެ.

"އިންގްލެންޑާއި އަހަރެމެންގެ މެޗު ހާއްސަވާނެ ގިނަ ސަބަބުތަކެއް އެބަހުރި. އަހަރެމެންގެ ސަޕޯޓަރުން ވެސް ވަރަށް ބޭނުންވާނެ އިންގްލެންޑް އަތުން މޮޅެއް ހޯދަން. އަމުދުން، 64 އަހަރަށް ފަހު ވޯލްޑް ކަޕަށް ކޮލިފައިވެފައި މޮޅެއް ނުލިބި މުބާރާތުން ދާން އެއްގޮތަކަށް ވެސް ބޭނުމެއް ނޫން. މިއީ އަހަރެމެން މި މެޗުން ނަތީޖާ ނެރެން ބޭނުންވާނެ ގިނަ ސަަބަބުތަކެއް،" ބޭލް ބުންޏެވެ.

"ޕާސަނަލީ އަހަރެން ބޭނުން އިންގްލެންޑް އަތުން މޮޅެއް، ވޯލްޑް ކަޕްގައި އަހަރެންގެ ކެރިއަރުގެ ފަހު މެޗަށް ވެސް މި މެޗު ވެދާނެ. އެެހެން ވިއްޔާ އަހަރެން މޮޅެއް ހޯދަން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން،"

ވޭލްސްގެ ކޯޗު ރޮބަޓް ޕޭޖް ބުނީ އެ ޓީމަށް އިންގްލެންޑް ބަލިކުރެވިދާނެ ކަމަށެވެ. އަދި މުބާރާތުގައި އިންގްލެންޑް ފެންނަނީ ވަރަށް ވަރުގަދަކޮށް އޮތް ޓީމެއްގެ ގޮތުގައި ކަމަށާއި އެހެން ނަމަވެސް ޔަގީންކަމާ އެކު ބުނަން އެނގޭ ކަމަކީ ކޮންމެ ޓީމެއްގައި ވެސް ބަލިފައިތަކެއް ހުންނާނެކަން ކަމަށް ޕޭޖް ވަނީ ބުނެފަ އެވެ.

ޕޭޖް ވަނީ އިންގްލެންޑްގެ މައްޗަށް ކާމިޔާބު ހޯދަން އެ ޓީމުން ކުރާ މަސައްކަތުގައި އެހެން ގައުމުތަކުގެ ސަޕޯޓް ވެސް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފަ އެވެ.

އިންގްލެންޑާ ދެކޮޅަށް ވޭލްސް އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރީ 2020 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ މެޗުން އިންގްލެންޑް ވަނީ 3-0 އިން މޮޅުވެފަ އެވެ.

ވޭލްސް އާއި އިންގްލެންޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.