Advertisement

ހުލާސާކޮށް އިއްޔެ: 42.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކުރުން

29 ނޮވެންބަރު 2022 - 06:57 0

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފޮތް -- ފޮޓޯ: މަޖިލީހުގެ އިދާރާ


ހުލާސާކޮށް އިއްޔެ: 42.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކުރުން

29 ނޮވެންބަރު 2022 - 06:57 0

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ހުށަހެޅި އިސްލާހުތައް ބޭރުކޮށްލުމަށްފަހު، އަންނަ އަހަރަށް ލަފާކޮށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަރުކާރުން ހުށަހެޅި ބަޖެޓަށް ކޮމިޓީ މަރުހަލާގައި ވަނީ 160 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.

ބަޖެޓަށް ކޮމިޓީން ގެނައި މައިގަނޑު ތިން އިސްލާހުގެ ތެރޭގައި ހިމެނެނީ އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓަށް 36 މިލިއަން ރުފިޔާ، ޕީއެސްއައިޕީއަށް 124 މިލިއަން ރުފިޔާ އިތުރުކޮށް އަދި ކޮންޓެންޖެންސީ ބަޖެޓުން 25 މިލިއަން ރުފިޔާ އުނިކޮށް، އެ ފައިސާ އައްޑޫ ގަމުގައި ދޫގަސް ތަރައްގީ ކުރުމަށް ހިމެނުމެވެ.

އަންނަ އަހަރުގެ ބަޖެޓު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައި މިވަނީ ޖުމްލަ 11 ރިކޮމެންޑޭޝަނަކާ އެކު އެވެ. އެ ރިކޮމެންޑޭޝަންތަކުގެ ތެރޭގައި އަންނަ އަހަރަށް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދުތައް ލިބޭނެކަން ކަށަވަރު ކުރުމަށް ދުރާލާ ގައުމުތަކާއި ޖަމްއިއްޔާތަކާ އެކު މަޝްވަރާ ކުރުން ހިމެނެ އެވެ. އަދި އާސަންދައިގެ ހިދުމަތްތައް ހަރުދަނާކޮށް، ބޭކާރު ހަރަދު ކުޑަކުރުމާއި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޖަވާބުދާރީ ކުރެވޭނެ ގޮތްތައް ހަމަޖެއްސުން ހިމެނެ އެވެ.

މީގެ އިތުރުން، ކައުންސިލުތަކުގެ މާލީ ކަންކަން ގާނޫނާއި، ގަވައިދާއި އުސޫލާ ހިލާފަށް ކުރާ ކައުންސިލުތަކުގެ ބްލޮކް ގްރާންޓް ހިފެހެއްޓުމާއި ސަބްސިޑީގެ ނިޒާމު މުރާޖައާ ކުރުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ހަރަދުތައް ބެޖެޓުން ހަމަޖެއްސުމަށް ވެސް ކޮމިޓީން ރިކޮމެންޑް ކޮށްފައި ވެއެވެ. ކޮމިޓީން ވަނީ ބަޖެޓުގެ އިތުރަށް ހަރަދު ހިނގާނެ ކަމަށް ބެލެވޭނަމަ ދުރާލާ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމަށް ވެސް ރިކޮމެންޑް ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ރިޕޯޓު ފާސްކުރުމަށް ނެގި ވޯޓުގައި 61 މެންބަރުން ވޯޓު ދެއްވީ ބަޖެޓު ފާސްކުރުމަށެވެ. ފާސްކުރަން ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވެވި އެވެ.

ބަޖެޓަށް ވޯޓު އެހުމުގެ ކުރިން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ ބަޖެޓު ރިޕޯޓަށް ގިނަ އިސްލާހެއް ހުށަހަޅައިފަ އެވެ. ނަމަވެސް އެއްވެސް އިސްލާހެއް ފާހެއް ނުވި އެވެ.

މުހިންމު ބައެއް ހަބަރުތައް

  • ނޮޅިވަރަންފަރު، ނޫރަންވިލާ، ހުސެއިން އާލިމް، 31، ގެއްލިގެން ހޯދަން އިއުލާނުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ފެނިއްޖެ ކަމަށް ފުލުހުން ރޭ އިއުލާނުކުރި އެވެ.
  • ތ. ވިލުފުށީ ބަނދަރުގައި އޮތް ދެ ތެޔޮ ބޯޓެއްގައި އިއްޔެ އަލިފާން ރޯވި އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

  • ސްޓެލްކޯއިން މާލެ ސަރަހައްދަށް ކަރަންޓު ދޭން އަގު ނަގާ ރޭޓާއި ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު ހަމަހަމަކުރަން ހަ މަސް ދުވަހުގެ މުހުލަތެއް ދިނުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް އިން ނިންމި ނިންމުން މަޖިލީހުން އިއްޔެ ފާސްކުރި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ވަކިކުރަން ފޮނުވާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަ އޮޓެމެޓިކުން ބާތިލްވާ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެންނަ ބިލު އިތުރަށް ފުރިހަމަ ކުރުމަށް އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާލި އެވެ.

ވިޔަފާރި ކުރުމުން ފިހާރަތަކުން ދޫކުރާ ސިންގަލް-ޔޫސް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގުމަށް މަޖުބޫރުކޮށް، ކުނި މެނޭޖު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހުނު ކަމަށް ބުނެ، އޭނާގެ މައްޗަށް ދައުވާކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ބަސް އަދި ބައިސްކަލަށް ހާއްސަ ލޭނުތަކެއް ކަނޑައަޅައި، ހުޅުމާލޭގެ މަގުތައް ބޭނުންކުރާ އުސޫލަށް ބޮޑު ބަދަލެއް ގެނައިކަން އިއްޔެ ރިޕޯޓުކުރި އެވެ.

ދުވަހުގެ ކޯޓޭޝަން

އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލް ދިރާސާކުރި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވައި ދެއްވި އެ ކޮމިޓީގެ މެމްބަރު، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ؛

މި ބިލަކީ ޑިޖިޓަލް ކާޑެއް އުފެއްދުމަށް ނޫނީ ބޭނުންކުރުމާ ގުޅޭ އެއްވެސް އިޖުރާތެއް އޮތް ބިލެއް ނޫން. އެހެން ނަމަވެސް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެއް ހެއްދުމުގެ އިދާރީ އިޖުރާއަތްތައް މި ބިލުގައި ބަޔާންކޮށްފައިވާތީވެ މި ބިލްގެ މަސައްކަތް ނިމިފައި އޮންނާނީ އަޅުގަނޑުމެން ޑިޖިޓަލް ކާޑަކަށް ދަތުރުކުރާއިރު ވެސް އެކަމަށް މަގުފަހިވާނޭ ގޮތަށް،"

ދުވަހުގެ ފޮޓޯ

ގަތަރު ވޯލްޑު ކަޕްގައި ރޭ ކުޅުނު ބްރެޒިލް، ސްވިޒަލެންޑުގެ މެޗު ބެލުމަށްޓަކައި އާޓިފަޝަލް ބީޗު ސަރަހައްދަށް މީހުން ޖަމާވެފައި. ސްވިޒަލެންޑް ބަލިކުރީ 1-0 އިން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު