Advertisement

ގައުމީ ޓީމުން ވޭލްސް ބަލިކުރުމުން އިރާނުގައި 700 ގައިދީން މިނިވަންކޮށްފި

29 ނޮވެންބަރު 2022 - 07:28 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާންގެ ގައުމީ ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ


ގައުމީ ޓީމުން ވޭލްސް ބަލިކުރުމުން އިރާނުގައި 700 ގައިދީން މިނިވަންކޮށްފި

29 ނޮވެންބަރު 2022 - 07:28 0

އިރާނުގެ ގައުމީ ފުޓްބޯޅަ ޓީމުން ވޭލްސްގެ ޓީމު ބަލި ކުރުމުން، އުފާ ފާޅުކުރުމުގައި ގޮތުން 700 އަށް ވުރެ ގިނަ ގައިދީން އިރާނުގައި މިނިވަންކޮށްފި އެވެ.

އިރާން ޖުޑިޝަރީގެ މިޒާން އޮންލައިން ވެބްސައިޓުގައި ބުނީ "ތަފާތު އެކި ޖަލުތަކުން ޖުމްލަ 709 ގައިދީން ދޫކޮށްލި" ކަމަށެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ހުކުރު ދުވަހު އިރާނުގެ ގައުމީ ޓީމުން ވޭލްސް ބަލި ކުރީ 0-2 އިންނެވެ.

"ދޫކުރި މީހުންގެ ތެރޭގައި ވަރަށް ފަހުން ހައްޔަރު ކުރި މީހުން ވެސް ހިމެނޭ،" މިޒާން އޮންލައިންގައި ބުނެފައިވެ އެވެ. ބެލެވޭ ގޮތުގައި އެ އިޝާރާތް ކުރީ އިރާނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންނަށެވެ.

އެ ވެބްސައިޓުގައި އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އިރާނުގައި މުޒާހަރާ ފެށީ ބުރުގާ ނާޅާ ހުރުމުން ހައްޔަރު ކުރި ޒުވާން އަންހެނަކު މަރުވި މައްސަލައިގަ އެވެ. އުމުރުން 22 އަހަރުގެ މަހްސާ އާމިނީއަކީ ކުރުދީ ދަރިކޮޅުގެ އަންހެނެކެވެ.

އިރާނުގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި އެކްޓަރު ހެންގަމޭހް ގަޒިއާނީ ދޫކޮށްލީ ކަފާލާތުގެ ދަށުންނެވެ. އޭނާ ހައްޔަރު ކުރީ މުޒާހަރާގައި ބައިވެރިވުމުންނެވެ.

މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި މަގްބޫލް މީހުންގެ ތެރެއިން އިތުރު ދެ މީހުން ވެސް ކަފާލާތުގެ ދަށުން ދޫކުރި އެވެ. އެއީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ވޯރިއާ ގަފޫރީ އަދި އެކްޓިވިސްޓް ހުސެއިން ރޮނާގީ އެވެ.

ދައުލަތުގެ ނޫސް އެޖެންސީ އިރްނާއިން ހޯމަ ދުވަހު ބުނީ ކުރިން ޓީވީ ހޯސްޓެއްގެ ގޮތުގައި އުޅުނު 63 އަހަރުގެ މަހްމޫދް ޝާހްރިއާރީ ދެ މަހަށް ފަހު މިނިވަން ކުރި ކަމަށެވެ.

ހުކުރު ދުވަހު އިރާނުން ވޭލްސްގެ ޓީމް ބަލި ކުރީ މެޗުގެ އިތުރު ވަގުތު ނިމެން ގާތްވެފައި ވަނިކޮށް ދެ ލަނޑު ޖަހައިގެންނެވެ. އަންގާރަ ދުވަހުގެ ރޭ އިރާނުން ކުޅޭނީ އެމެރިކާއާ ދެކޮޅަށެވެ.