Advertisement

ގައުމީ ޓީމު ބަލިވުމުން ބެލްޖިއަމްގެ ސިޓީތަކުގައި ހަމަނުޖެހުން ހިންގަނީ

28 ނޮވެންބަރު 2022 - 09:47 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހަމަނުޖެހުން ހިންގަން ފެށީ ބެލްޖިއަމް އާއި މޮރޮކޯއާ ދެމެދު ކުޅުނު މެޗަށް ފަހު. -- ފޮޓޯ: ރޮއިޓާޒް


ގައުމީ ޓީމު ބަލިވުމުން ބެލްޖިއަމްގެ ސިޓީތަކުގައި ހަމަނުޖެހުން ހިންގަނީ

28 ނޮވެންބަރު 2022 - 09:47 0

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މުބާރާތުގެ ތެރެއިން އާދީއްތަ ދުވަހު މޮރޮކޯގެ އަތުން 0-2 އިން ބެލްޖިއަމް ޓީމު ބަލިވުމުން، ބެލްޖިއަމް އާއި ނެދަލޭންޑްސްގެ ސިޓީތަކުގައި ހަމަނުޖެހުން ހިންގައިފި އެވެ.

ބެލްޖިއަމްގެ ބްރަސެލްސްގެ މަގުތަކުގައި ހަމަނުޖެހުން ހިންގަން ފެށުމުން ފުލުހުން ކަރުނަ ގޭސް ބޭނުންކޮށް ބާރު ސްޕީޑުގައި ފެން ޖެހި އެވެ. އެ ސިޓީއިން ގިނަ ބަޔަކު ހައްޔަރު ކުރި އެވެ.

ބެލްޖިއަމްގެ އުތުރުގައި އޮންނަ އެންޓްވާޕް ސިޓީގައި ވެސް ހަމަނުޖެހުން ހިންގި އެވެ. ފުލުހުން ބުނީ އެ ސިޓީއިން ހައްޔަރު ކުރީ އަށް މީހުން ކަމަށެވެ.

ނެދަލޭންޑްސްގެ ރޮޓަޑަމް ސިޓީގައި ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ދެ ފުލުހުންނަށް އަނިޔާވި އެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރެވުނީ އާދީއްތަ ދުވަހުގެ ރޭ ދަންވި ފަހުންނެވެ.

މެޗަށް ފަހުން ހަމަނުޖެހުން ހިންގަން ނިކުތް މީހުން ވަނީ ކާރުތައް އެކޮޅުކޮޅުން ޖަހައި ގާ އުކައި ކާރާއި ސްކޫޓަރުތަކުގައި ހުޅު ޖަހައިފަ އެވެ.

ބްރަސެލްސް ފުލުހުންގެ ތަރުޖަމާނު އިލްސޭ ވޭން ޑެ ކިއާ ވިދާޅުވީ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުލުހުން މަސައްކަތް ފެށީ އަންހެނަކަށް އަނިޔާވި ފަހުން ކަމަށެވެ.

ބްރަސެލްސްގެ މޭޔަރު ފިލިޕޭ ކްލޯސެ އާއްމުންނަށް ގޮވާލެއްވީ ސިޓީ ސެންޓަރާ ދުރުގައި ތިބުމަށެވެ. އޭނާ ވިދާޅުވީ މަގުތައް އަމާންކޮށް ބޭއްވުމަށް އިދާރާތަކުން މަސައްކަަތް ކުރަމުންދާ ކަމަށެވެ. ފުލުހުންގެ އަމުރަށް އެ ސިޓީގެ ސަބްވޭ އާއި ޓްރޭމް ޓްރެފިކަށް ވެސް ބަދަލުތަކެއް ގެނަ އެވެ.

"އެއީ ސަޕޯޓަރުންނެއް ނޫން. އެއީ ހަމަނުޖެހުން އުފައްދާ މީހުން. މޮރޮކޯގެ ސަޕޯޓަރުން އެ ދަނީ އުފާ ފާޅުކުރަމުން،" ކްލޯސެ ވިދާޅުވި އެވެ.

ބްރަސެލްސް އާއި އެންޓްވާޕްގެ އިތުރުން ލީޖް ސިޓީގައި ވެސް ހަމަނުޖެހުން ހިންގި އެވެ.

"މި ހާލަތުގެ ނާޖައިޒު ބޭނުން ހިފައި މަދު ބަޔަކަށް ހަމަނުޖެހުން ހިންގަން އުޅޭ މަންޒަަރު ފެންނާތީ ހިތާމަކުރަން،" އިންޓީރިއާ މިނިސްޓަރު އެނެލީސް ވާލިންޑެން ވިދާޅުވި އެވެ.

ބެލްޖިއަމްއާ ޖެހިގެން އޮންނަ ނެދަލޭންޑްސްގެ ފުލުހުން ބުނީ ހަމަނުޖެހުން ހިންގީ ރޮޓަޑަމް ސިޓީގައި ކަމަށެވެ. އެގޮތުން 500 އަށް ވުރެ ގިނަ މީހުން މަގުތަކަށް ނުކުތް ކަމަށް ފުލުހުން ބުންޏެވެ.

ހަމަނުޖެހުން ހިންގި މީހުން ފުލުހުންނަށް އަމާޒުކޮށް ބަޑި ބޭސް ޖަހައި ބިއްލޫރި އުކި އެވެ. ނެދަލޭންޑްސްގެ ނޫސްތަކުން ބުނީ ރޮޓަޑަމްގެ އިތުރުން ވެރިރަށް އެމްސްޓަޑަމް އާއި ދަ ހޭގްގައި ވެސް ހަމަނުޖެހުން ހިންގި ކަމަށެވެ.

އާދީއްތަ ދުވަހުގެ މެޗުގައި މޮރޮކޯގެ އަތުން ބެލްޖިއަމް ބަލިވެދާނެ ކަމަށް ކުރިން ލަފާކުރެވިފައެއް ނުވެ އެވެ. އެހެންވެ، ބެލްޖިއަމް އާއި ނެދަލޭންޑްސްއަށް މޮރޮކޯއިން ހިޖުރަކޮށް ދިރިއުޅެމުންދާ ގިނަ އަދަދެއްގެ މީހުން އުފާ ފާޅުކުރި އެވެ.