Advertisement

ޒަޔާން މަރާލުމާއި ކުޑަކުދިން ލައްވާ ކުށްކުރުމުގެ ދައުވާ ހަތް މީހެއްގެ މައްޗަށް ކޮށްފި

28 ނޮވެންބަރު 2022 - 10:43 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އައްޑޫ ސިޓީގައި ހިނގި މާރާމާރީގައި މަރާލި ޒަޔާން؛ ޒަޔާން މަރާލުމުގެ ދައުވާ ހަތަރު ކުއްޖަކަށް އަދި ހަތް މީހަކަށް ވަނީ އުފުލާފައި


ޒަޔާން މަރާލުމާއި ކުޑަކުދިން ލައްވާ ކުށްކުރުމުގެ ދައުވާ ހަތް މީހެއްގެ މައްޗަށް ކޮށްފި

28 ނޮވެންބަރު 2022 - 10:43 0

އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ގޭންގަކުން މިދިޔަ ޖޫން މަހުގެ ދެވަަނަ ދުވަހުގެ ރޭ ދަންވަރު މުހައްމަދު ޒަޔާން، 21، މަރާލި މައްސަލާގައި ހަތް މީހެއްގެ މައްޗަށް މަރުގެ ދައުވާ އަދި ކުޑަކުދިން ލައްވާ ކުށްކުރުމުގެ ދައުވާތަކެއް އުފުލައިފި އެވެ.

މީގެ ކުރިން މި މައްސަލާގައި ހަތަރު ކުޑަކުއްޖެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެއީ އެއް ކުއްޖެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އަދި އަނެއް ތިން ކުދިންގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ.

އޭގެ ތެރޭގައި 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެއް ހިމެނެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ ބްލޮގްގައި މިއަދު ލިޔުއްވާފައިވާ ގޮތުން، އެ މައްސަލާގައި އިތުރު ހަތް މީހެއްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ.

އެއިން ދެ މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އަދި އަނެއް ފަސް މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ ކޮށްފައިވެ އެވެ.

އޭގެ އިތުރަށް ހަ މީހެއްގެ މައްޗަށް، ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ އަށް ދައުވާއެއް ކޮށްފައިވެ އެވެ. އަދި ބާކީ ހުރި މީހާގެ މައްޗަށް ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ ހަތަރު ދައުވާއެއް ކޮށްފައިވެ އެވެ. ކްރިމިނަލް ކޯޓަށް މި ދައުވާތައް ހުށަހަޅަނީ ވަކިވަކިން ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.

ދައުވާކޮށްފައިވާ ހަތް މީހުން؛

އަބްދުﷲ ނިޒާރު، ސ. ފޭދޭ/ ކާމަރަނގަގެގެ، 28އ.

އަބްދުﷲ ރަޝީދު، ސ.ފޭދޫ/ ދިރިމާގޭ، 22އ.

އައިލިޝް އަލީ، ސ. ފޭދޫ/ ފުފޫމާގޭ 29އ.

އަހުމަދު ނަބީލް، ސ. ފޭދޫ/ ސަންޝައިން، 32އ.

އަހުމަދު ޝުޖާއު، ސ.ފޭދޫ/ ދިރިމާގޭ، 24އ.

ޔައިޝް އަންވަރު، ސ.ފޭދޫ/ ކަދުރުމާގެ، 19އ.

އަހުމަދު އަބްދުﷲ، ސ. ފޭދޫ/ ކަރަންފޫގެ، 25އ.

މައްސަލައިގެ ފަސްފަހަތް؛

އައްޑޫ ސިޓީގައި ހިނގި ސިލްސިލާ މާރާމާރީތަކެއްގައި، އަނިޔާވި ޒަޔާން މަރުވީ އޭނާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެނގިފައިވާ ގޮތުގައި މަރުވި ޒުވާނާގެ މެއާއި ބުރަކައްޓަށް އެކި އަތުގެ އެކި ތަންތަނަށް ވަޅި ޖަހައިފައިވެ އެވެ. އޭނާ މަރުވިއިރު ފަރުވާ ދެމުން ދިޔައީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.

ފުލުހުންނަށް އާއިލާއިން ރިޕޯޓުކުރުމާ އެކު، ޒަޔާން ދިރިއުޅެމުން ދިޔަ ގެއަށް އެ ރޭ ދަންވަރު 3:16 ހާއިރު ފުލުހުން ވަނީ ގޮސްފަ އެވެ. އޭރު ގޭގެ އެއް ވަނަ ފަންގިފިލާގައި ޒަޔާން އޮތެވެ.

ފުލުހުން ހާޒިރުވިއިރު، އޭނާގެ ގައިން ގިނަ އަދަދަކަށް ލޭ އޮހޮރެމުން ދިޔަ ކަމަށާއި ނަމަވެސް އެ ވަގުތު ވެސް ވާހަކަ ދައްކައި، ފުލުހުންގެ ބައެއް ސުވާލުތަކަށް ޒަޔާން ޖަވާބު ދިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ތޫނު ހަތިޔާރު ގެންގުޅުމާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ. އަދި މިއީ ދުރާލާ ރޭވިގެން ހިންގި ކުށެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭގެ އިތުރަށް ވެސް ބަޔަކަށް ހަމަލާ ދޭން ރާވާފައި އޮތް ކަމަށާއި އެ ކަން ނާކާމިޔާބުވީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.