Advertisement

އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ﷲގެ ކަލިމަފުޅު އީރާންގެ ދިދައިން އުނިކުުރުމުން އީރާނުން ރުޅިގަދަވެއްޖެ !

28 ނޮވެންބަރު 2022 - 10:33 0


އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ﷲގެ ކަލިމަފުޅު އީރާންގެ ދިދައިން އުނިކުުރުމުން އީރާނުން ރުޅިގަދަވެއްޖެ !

28 ނޮވެންބަރު 2022 - 10:33 0

ތެހެރާން (ނޮވެމްބަރު 28) - ވޯލްޑް ކަޕްގައި މާދަމާ ރޭ އީރާނާއި އެމެރިކާ ކުރިމަތިލާއިރު، އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ސޯޝަލް މީޑިއާ ކުރި ޕޯސްޓްތަކުގައި، އީރާންގެ ދިދައިން ﷲގެ ކަލިމަފުޅު އުނިކޮށްފައިވާތީ އީރާނުން ރުޅިގަދަވެއްޖެއެވެ.

ހާރިޖީ ގޮތުން ގިނަ މައްސަލަތަކެއް ޖެހިފައިވާ އީރާނާއި އެމެރިކާ މާދަމާ ރޭ ކުރިމަތިލާއިރު، މި މެޗުން އީރާން މޮޅުވެއްޖެނަަމަ އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެއެވެ.

އެމެރިކާ ފުޓްބޯޅާ ފެޑަރޭޝަނުން ސޯޝަލް މީޑިއާ އަށް ލާފައިވާ ޕޯސްޓްތަކުގައި، އީރާންގެ ދިދައިގެ މެދުގައި ލިޔެފައިވާ ﷲގެ ކަލިމަފުޅު ވަނީ އުނިކޮށްފައެވެ.

މި މައްސަލަގައި ރުޅިގަދަވެގެން، އީރާނުން ވަނީ ފީފާ އަށް ވެސް ޝަކުވާ ހުށަހަޅައިފައެވެ.

"އީރާންގެ ދިދައިން ﷲގެ ކަލިމަފުޅު އުނިކުރުމަކީ އެމެރިކާ ފެޑަރޭޝަނުން ކުރި ވަރަށް އަންޕްރޮފެޝަނަލް ކަމެއް،" އީރާންގެ ދައުލަތުގެ މީޑިއާ ކަމަށްވާ އައިއާރްއެންއޭ އިން ބުންޏެވެ. "މި އަމަލާ ގުޅިގެން، އީރާންގެ ފުޓްބޯޅަ ފެޑަރޭޝަނުން ވާނީ އެމެރިކާގެ ފެޑަރޭޝަނަށް ހަރުކަށި އިންޒާރެއް ދިނުމަށް އެދި ފީފާ އަށް ލިޔެފައި."

އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ އެ ޕޯސްޓަކީ އީރާންގެ އަންހެނުންނާއެކު އެމެރިކާ އިން ތިބިކަން ދައްކުވައިދޭން ހެދި ޕޯސްޓެއް ކަމަށެވެ. އަދި އެ ޕޯސްޓް މިހާރު އިންސްޓަގްރާމާއި ޓްވިޓާ އިން ރިމޫވްކޮށްފައިވާ ކަމަށާއި އަދި އަލުން ޕޯސްޓްކުރީ ދިދަ ރަނގަޅުކުރުމަށް ފަހު ކަމަށެވެ.

އީރާންގެ އަންހެނުން އަމަލުކުރަންޖެހޭ ޑްރެސް ކޯޑާ ހިލާފުވެގެން ހައްޔަރުކުރި ޒުވާން އަންހެން ކުއްޖެއް ހައްޔަރުގައި ހުއްޓައި މަރުވުމާ ގުޅިގެން، އީރާންގައި ދައުލަތާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ.

އީރާންގެ ޓަސްނިމް ނިއުސް އެޖެންސީ އިން ބުނީ އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ކުރީ ފީފާގެ ޗާޓައާ ހިލާފުކަމެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެމެރިކާ އަށް 10 މެޗުގެ ސަސްޕެންޝަނެއް އަންނަންޖެހޭނެ ކަމަށެވެ.

އެމެރިކާ އާއި އީރާނުން ހާރިޖީ ގުޅުން ކަނޑާލީ 1980 ވަނަ އަހަރެވެ.

ވޯލްޑް ކަޕްގައި މި ދެ ގައުމުން 1998 ވަނަ އަހަރުގެ މުބާރާތުގައި ކުރިމަތިލިއެވެ. އެ މެޗުގެ ކުރިން އެމެރިކާގެ ކުޅުންތެރިން ސުލްހައިގެ ރަމްޒެއްގެ ގޮތުގައި އީރާންގެ ޓީމުގެ ކޮންމެ ކުޅުންތެރިން ހުދު ފިނިފެންމަލެއް ހަދިޔާކޮށްފައެވެ. -- އޭއެފްޕީ