Advertisement

ހެކިންނަށް ހިމާޔަތް ދިނުމުގެ އަމުރު ނެރެވޭ ގޮތަށް ގާނޫނުގައި ހިމަނައިފި

27 ނޮވެންބަރު 2022 - 11:07 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސުޕްރީމް ކޯޓު ހުންނަ އިމާރާތް؛ ހެކިންނަށް ހިމާޔަތް ދިނުމުގެ އަމުރު ނެރުމުގެ އިޚްތިޔާރު ލިބޭ ގޮތަށް ގާނޫނުގައި ހިމަނައިފި


ހެކިންނަށް ހިމާޔަތް ދިނުމުގެ އަމުރު ނެރެވޭ ގޮތަށް ގާނޫނުގައި ހިމަނައިފި

27 ނޮވެންބަރު 2022 - 11:07 0

ޖިނާއީ މައްސަލަތަކުގައި، ހެކިބަސް ދޭން ތިބި މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި، ހެކިންނަށް ހިމާޔަތް ދިނުމުގެ އަމުރެއް ފަނޑިޔާރަށް ނެރެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މާއްދާއެއް ހިމަނައިފި އެވެ.

ގާނޫނުގެ 149 ވަނަ މާއްދާގައި ކުރިން އޮންނަނީ ހެކިބަސްދޭ މީހާއަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމުގެ އިޖުރާއަތެކެވެ. އެ ގޮތުން ހެކިބަސް ރައްކާތެރިކުރުމުގެ އަމުރަކަށް ދައުލަތުން އެދުމުން، އެ ކަމަކަށް ކަނޑައެޅިފައި އޮންނަ ގޮތްތަކުގެ ތެރެއިން ހެކިބަސް ނެގޭނެ ކަމަށް ކުރިން ބުނެފައިވެ އެވެ.

މިހާތަނަށް ކްރިމިނަލް ކޯޓުގައި އަމަލުކުރަމުން އައި ގޮތަކީ އެ ހެކިވެރިޔާގެ ވަނަވަރު ސިއްރުކޮށް "ސިއްރު ހެކިވެރިޔާ" ގޮތުގައި އޭނާ ތަހުގީގަށް ދީފައިވާ ބަޔާންތައް ދިފާއަށް ދޫކުރުމެވެ. އަދި ޓެކްނޮލޮޖީ މެދުވެރިކޮށް އަޑު ބަދަލުކޮށްގެން، އޯޑިއޯ ކޮންފެރެންސްއަކުން ހެކިބަސް ނެގުމެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކޮށްފައިވާ އޮނިގަނޑުގައި، 149 ވަނަ މާއްދާއަށް ގިނަ ބަދަލުތަކެއް ގެނެސްފައިވެ އެވެ.

ހެކިބަސްދޭ މީހާގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އޭނާގެ އާއިލާ މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ނަމަ، ހެކިބަސްދޭ މީހާގެ ހިމާޔަތް ދިނުމުގެ އަމުރަކަށް ދައުލަތުން އެދެން ވާނެ ކަމަށް އެ މާއްދާގައި މިހާރު އޮވެ އެވެ.

އޭގެ އިތުރުން، ހެކިބަސް ރައްކާތެރިކުރުމުގެ އަމުރަކަށް އެދުން 119 ވަނަ މާއްދާގައި އޮންނަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރޭގައި ހުށަހެޅުމަށެވެ. ހެކިންނަށް ހިމާޔަތް ދިނުމުގެ އަމުރުގެ އިޖުރާއަތެއް ހިމެނި އިރު، އެ މަރުހަލާއަށް ފަހު ވެސް ހިމާޔަތް ދިނުމުގެ އަމުރަކަށް އެދުމުގެ ފުރުސަތު ވަނީ ދީފައިވެ އެވެ.

ހެކިންނަށް ހިމާޔަތް ދިނުމުގެ އަމުރު ތަންފީޒު ކުރާނީ ކަމާގުޅުން ހުރި އެންމެހާ މުއައްސަސާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ފުލުހުންގެ ހިދުމަތުން އަމުރު ތަންފީޒު ކުރުމުގައި، ހިމާޔަތް ދޭން ޖެހޭ މިންވަރާއި ދަރަޖަ ކަނޑައެޅުމާ ބެހޭ އުސޫލުތައް ހިމެނެ ގޮތަށް ގަވާއިދެއް އެކުލަވާލަން ޖެހޭނެ ކަމަށް އޭގައިވެ އެވެ. ގަވާއިދު އެކުލަވާލާ ނިންމުމަށް ދީފައިވާ މުއްދަތަކީ ގާނޫނު ތަސްދީގު ކުރާތާ ތިން މަސް ދުވަހެވެ.

މިހާރު ކްރިމިނަލް ކޯޓުން ސިއްރު ހެކިންގެ ހެކިބަސް ނެގުމަށް އޮންނަ އުސޫލު ވެސް ގާނޫނުގެ އެ އިޖުރާއަތުގައި ހިމަނާފައިވެ އެވެ.

އެހެން ހާޒިރެއްގައި ހުރެގެން އޯޑިއޯ ކޮންފެރެންސްކޮށް އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމުގެ އިތުރަށް، ޝަރީއަތުގެ ކުރިން ނެގި ހެކިބަސް ނުވަތަ ތަހުގީގަށް ދިން ބަޔާނުގެ އޯޑިއޯއެއް ޝަރީއަތުގައި އިއްވުމުގެ އިޚްތިޔާރު ވެސް ދީފައިވެ އެވެ.