Advertisement

ކުޅުން ދަށް ކަމަށް ގަބޫލުކުރަން، ބެލްޖިއަމަށް ވަގުތު ބޭނުންވޭ

27 ނޮވެންބަރު 2022 - 10:42 0


ކުޅުން ދަށް ކަމަށް ގަބޫލުކުރަން، ބެލްޖިއަމަށް ވަގުތު ބޭނުންވޭ

27 ނޮވެންބަރު 2022 - 10:42 0

ދޯހާ، ގަތަރު (ނޮވެމްބަރު 27) - ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ކެނެޑާ އަތުން 1-0 އިން މޮޅުވި މެޗުގައި ބެލްޖިއަމްގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށް ގަބޫލުކުރާ ކަމަށާއި، ކުރިއަށް ހުރި މެޗުތަކުގައި ކުޅުން ރަނގަޅު ވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

ކެނަޑާ އަތުން މޮޅުވި މެޗުގައި ބެލްޖިއަމުން ދެއްކި ކުޅުމާ އެކު އެ ޓީމަށް މި އަހަރުގެ މުބާރާތުގައި ރަނގަޅު ހިސާބަކަށް ދެވިދާނެކަމަށް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ފުރަތަމަ މެޗަށް ފަހު އެ ޓީމުގެ މިޑްފިލްޑަރު ކެވިން ޑި ބްރޭނާ ވެސް ވަނީ ޓީމުގެ ކުޅުން ގޯސްކަމަށް އެއްބަސްވެފަ އެވެ. އަދި ބެލްޖިއަމަށް ވޯލްޑް ކަޕް ނުހޯދޭނެ ސަބަބެއްގެ ގޮތުގައި ޑި ބްރޭނާ ބުނީ އެ ޓީމުގައި އުމުރުން ދުވަސްވެފައި ތިބި ކުޅުންތެރިން ގިނަ ކަމަށެވެ.

މާޓިނޭޒް ބުނީ މުބާރާތަށް ތައްޔާރުވާން ޓީމުގެ ހުރިހާ ކުޅުންތެރިން އެކުގައި ޕްރެކްޓިސްކޮށްލަން ލިބުނީ އެންމެ ފަސް ދުވަސް ކަމަށާއި، އެކަމުގެ ސަބަބުން ކުޅުމަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށެވެ. އޭނާ ބުނީ ފުރަތަމަ މެޗުގައި ދަށްކޮށް އެޓީމުން ކުޅުނުކަން ގަބޫލުކުރާ ކަމަށާއި، ކުރިއަށް ހުރި މެޗުތަކުގައި ކުޅުން ރަނގަޅު ކުރެވޭނެކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

ދެ ވަނަ މެޗުގައި މޮރޮކޯއާ ދެކޮޅަށް ނުކުންނައިރު ޓީމުގެ ހާލަތާއި ގުޅޭގޮތުން މާޓިނޭޒް ބުނީ ގިނަ ކުޅުންތެރިންތަކެއް 30 އިން މަތީގައި ތިބިއިރު، އެ ކުޅުންތެރިން ކުލަބު ލެވެލްގައި ގިނަ މެޗުތަކެއް ކުޅެ ސީޒަންގެ މެދުތެރެއިން އައިސް ގައުމީ ޓީމުގައި އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވަމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ބެލްޖިއަމަށް ހޯދައިދިން ކޯޗު ބުނީ އެކުގައި ފަރިތަކޮށް ރެސްޓު ކުރަން ފުރަަތަމަ މެޗަށް ފަހު ކުޑަ ވަގުތުކޮޅެއް ލިބުމަކީ ކުރިއަށް އޮތް މެޗުގައި ރަނގަޅު ކުޅުމެއް ދެއްކޭނެކަމުގެ އުއްމީދު ބޮޑުވާ ކަމެއް ކަމަށެވެ.

މޮރޮކޯއާ ދެކޮޅަށް ނުކުންނަ މެޗުގައި ވެސް ފޯވާޑު ރޮމެލޫ ލުކާކޫ އަށް ނުކުޅެވޭނެ އެވެ. އެކަމަކު، އޭނާ ވަނީ ޓީމާ އެކު އެންމެ ފަހުން އޮތް ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފަ އެވެ.

"ލުކާކޫ އަނިޔާއިން ރަނގަޅުވެ. މިހާރު ޕްރެކްޓިސްގައި އެބަ ބައިވެރިވޭ. ދެ ސެޝަން މިދިޔައީ އޭނާއާ އެކު. އެކަމަކު އަދި އެއްކޮށް ފިޓެއް ނޫން. މޮރޮކޯ މެޗުގައި ލުކާކޫ ނުކުޅޭނެ. ފަހު މެޗުގައި ލުކާކޫ ފެންނާނެ" މާޓީނޭޒް ބުންޏެވެ.

ބެލްޖިއަމާ ދެކޮޅަށް ނުކުންނައިރު މޮރޮކޯ ކޯޗު ވަލީދު ރެގްރަގޫއީ ހުރީ ޓީމުން މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކާނެކަމުގެ އިތުބާރާ އެކުގަ އެވެ. އެ ޓީމުގައި ބެލްޖިއަމަށް އުފަން ހަތަރު ކުޅުންތެރިން ހިމެނޭތީ އެކުޅުންތެރިން ޖަޒުބާތީ ނުވުމަށް ވެސް ކޯޗު ވަލީދު ވަނީ އެދިފަ އެވެ.

މޮރޮކޯ ޓީމްގެ އަނަސް ޒަރޫރީ އާއި ބިލާލް އެލް ކައްނޫސް ވަނީ ބެލްޖިއަމްގެ ޒުވާން އުމުރުފުރާތަކުގެ ޓީމްތަކަށް ކުޅެފަ އެވެ. މިޑްފިލްޑަރު ސަލީމް އަމައްލާ އަދި ފޯވާޑް އެލިއަސް ޗައީރު މޮރޮކޯ ގައުމީ ޓީމަށް ކުޅެން ނިންމީ މި އަހަރު އެވެ. މި ހަތަރު ކުޅުންތެރިންގެ އުފަން ގައުމަކީ ބެލްޖިއަމް އެވެ.

ވަލީދު ބުނީ މި މެޗަކީ މި ހަތަރު ކުޅުންތެރިންނަށް އުނދަގޫ އިހުސާސެއް ކުރުވާނެ މެޗެއްކަން ގަބޫލުކުރާ ކަމަށެވެ. އެހެން ނަމަވެސް މިވަގުތު މޮރޮކޯއާ އެކު ތިބެ ކާމިޔާބީ ހޯދަން އެ ކުޅުންތެރިން ހިތްވަރާ އެކު މަސައްކަތް ކުރާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވޯލްޑް ކަޕެއްގައި ބެލްޖިއަމާއި މޮރޮކޯ ބައްދަލުކުރީ 1994 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ މެޗުން ބެލްޖިއަމް ވަނީ މޮޅުވެފަ އެވެ. ބެލްޖިއަމުން މި މެޗުގައި ވެސް މޮރޮކޯ ބަލިކުރަން އަމާޒުހިފާފައިވާއިރު، ތާރީހީ ރެކޯޑަކާ ހަމަކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. އެއީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޖެހިޖެހިގެން އަށް މެޗުގައި މޮޅުވެގެން ބްރެޒިލުން ދެ ފަހަރެއްގެ މަތިން ހަދާފައިވާ ރެކޯޑާ އެއްވަރުކުރުމެވެ.

މޮރޮކޯ އާއި ބެލްޖިއަމް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހައެއް ޖަހާއިރު އެވެ.