Advertisement

ލެވަންޑޯސްކީގެ ތާރީހީ ގޯލާ އެކު ސައުދީ އަރަބިއްޔާ އަތުން ޕޮލަންޑަށް މޮޅެއް

26 ނޮވެންބަރު 2022 - 23:03 0

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސައުދީ ކޮޅަށް ގޯލު ޖެހުމަށްފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ/


ލެވަންޑޯސްކީގެ ތާރީހީ ގޯލާ އެކު ސައުދީ އަރަބިއްޔާ އަތުން ޕޮލަންޑަށް މޮޅެއް

26 ނޮވެންބަރު 2022 - 23:03 0

އަލް ރައްޔާން، ގަތަރު (ނޮވެމްބަރު 26) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި ރޮބަޓް ލެވަންޑޯސްކީ ޖެހި ފުރަތަމަ ގޯލާ އެކު ސައުދީ އަރަބިއްޔާ އަތުން 2-0 އިން މޮޅުވެ، ދެ ވަނަ ބުރުގެ އުއްމީދު ޕޮލެންޑުން ދަމަހައްޓައިފި އެވެ.

ސައުދީ އަތުން ހޯދި މޮޅާ އެކު ޕޮލަންޑު ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައި ގްރޫޕުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނަގައި ތިން ޕޮއިންޓާ އެކު ސައުދީ އޮތްއިރު ފުލުގައި އޮތް ދެ ޓީމު ކަަމަށްވާ އާޖެންޓީނާ އާއި މެކްސިކޯ މިރޭ ވާދަކުރާނެ އެވެ. މި މެޗުން އާޖެންޓީނާ މޮޅުވެގެން ނޫން ގޮތަކަށް އެ ޓީމަށް ދެ ވަނަ ބުރުގެ ފުރުސަތު އޮތީ ހަނިކޮށެވެ. އާޖެންޓީނާ މޮޅުވެއްޖެ ނަމަ މި ގްރޫޕުން ދެ ވަނަ ބުރުގެ ޖާގަ ލިބޭނީ ފަހު މެޗުން މޮޅުވާ ދެ ޓީމަށެވެ.

މުޅި މެޗަށް ބަލާއިރު ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނައިން ހަމަލާ އުފެއްދީވެސް ސައުދީ އަރަބިއްޔާ އިންނެވެ. އެ ޓީމުގެ މިޑްފިލްޑަރު މުހައްމަދު ކާނޫ ފޮނުވާލި ބޯޅަ ޕޮލެންޑްގެ ކީޕަރު ވޮއިސެޒް ޝެޒްނީ ދިފާއުކުރި އިރު ސަލާހު އަލް ޝެހްރީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ އެވެ.

ޕޮލެންޑުން މެޗުގެ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގަ އެވެ. ކެޕްޓަން ލެވަންޑޯސްކީގެ އެހީތެރިކަމާ އެކު މި ގޯލު ޖަހައިދިނީ ޕިއޮޓްރަ ޒިއެލިންސްކީ އެވެ.

އޭގެ ފަހުން ސައުދީ އަރަބިއްޔާގެ ފޯވާޑް ސާލިހް އަލް ޝެހްރީ އަށް އޭރިއާ ތެރެއިންކުރި ފައުލަކަށް ރެފްރީ ވަނީ ވީއޭއާރު ބެލުމަށްފަހު ޕެނަލްޓި އެއް ދީފަ އެވެ. ސަލިމް އަލް ދައުސާރީ ފޮނުވާލި ބޯޅަ ކީޕަރު ޝެޒްނީ ދިފާއުކުރިއިރު، ރީބައުންސަށް ނުކުތް ބޯޅަ މުހައްމަދު އަލް ބުރައިކް ފޮނުވާލި ނަމަވެސް ދެ ވަނަ ފަހަރަށް ކީޕަރު ޝެޒްނީ ވަނީ މޮޅު ސޭވެއްކޮށް ބޯޅަ ބޭރުކޮށްލާފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ސައުދީ އިން ކުރިއަށް ޖެހިލައިގެން ކުޅުނު ނަމަވެސް ލީޑު ފުޅާކުރުމާ ގާތަށް ޖެހިލީ ޕޮލެންޑުންނެވެ. މި ގޮތުން އަރްކަޑިއުޝް މިލިކް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ބޭރަށް ދިޔައިރު، ލެވަންޑޯސްކީ ފޮނުވާލި ބޯޅައެއް ވެސް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ބޭރަށް ދިޔަ އެވެ.

މި ހާފުގައި ސައުދީ އަރަބިއްޔާ އަށް ގޯލެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ސައުދީގެ ކެޕްޓަން ސަލިމް އަލް ދައުސާރީ އަށެވެ. ޕޮލެންޑުގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި ސަލިމް ފޮނުވާލި ބޯޅަ ކީޕަރު ޝެޒްނީ ދިފާއުކުރި އެވެ. އޭގެ ފަހުން ކަނޫ އާއި ނަވާފް އަލް އަބީދު ފޮނުވާލި ދެ ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑި ކައިދިން ބޭރަށް ދިޔަ އެވެ.

ޕޮލެންޑުން މެޗުގެ ލީޑު ފުޅާކުރީ 82 ވަނަ މިނެޓުގަ އެވެ. މި ގޯލު ލެވަންޑޯސްކީ ޖެހީ ސައުދީގެ ޑިފެންޑަރުންގެ ފަހަތަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މިއީ ވޯލްޑް ކަޕްގައި ލެވަންޑޯސްކީ ކުޅުނު ފަސް މެޗުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. އަދި މިއީ އޭނާ ގައުމީ ޕޮލަންޑުގެ ގައުމީ ޓީމަށް ޖަހައިދިން 77 ވަނަ ގޯލެވެ.

މެޗުގައި އިތުރު ގޯލެއް ޖަހަން ލެވަންޑޯސްކީ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ހުސްކޮށް ބޯޅައާ އެކު އޭރިއާ ތެރެއަށް ވަދެ ކީޕަރު ބޯމަތިން ފޮނުވާލި ހަމަލާ ކީޕަރު މުހައްމަދު އޮވެއިސް ވަނީ ދިފާއުކޮށްފަ އެވެ.