Advertisement

ޓިއުނީޝިއާ ބަލިކޮށް 12 އަހަރު ތެރޭ އޮސްޓްރޭލިއާ އަށް ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު

26 ނޮވެންބަރު 2022 - 17:56 0

ލަނޑު ޖެހުމަށް ފަހު އޮސްޓްރޭލިއާ ކުޅުންތެރިން އުފާފާޅުކުރަނީ.


ޓިއުނީޝިއާ ބަލިކޮށް 12 އަހަރު ތެރޭ އޮސްޓްރޭލިއާ އަށް ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު

26 ނޮވެންބަރު 2022 - 17:56 0

ދޯހާ، ގަތަރު (ނޮވެމްބަރު 26) - ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުން ޓިއުނީޝިއާގެ މައްޗަށް 1-0 އިން ކުރިހޯދައި، ވޯލްޑް ކަޕްގައި 12 އަހަރު ތެރޭ އޮސްޓްރޭލިއާ އިން ފުރަތަމަ މޮޅު ހޯދައިފި އެވެ.

މި މެޗުގެ ކުރިން އެންމެ ފަހުން އޮސްޓްރޭލިއާ ވޯލްޑް ކަޕްގައި މޮޅެއް ހޯދާފައިވަނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ކުޅުނު މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސާބިއާ އަތުންނެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕާއި 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ނިންމާލި މޮޅެއް ނުލިބެ އެވެ.

މި ފަހަރު ފުރަތަމަ މެޗުން ފްރާންސް އަތުން 4-1 އިން އޮސްޓްރޭލިއާ ބަލިވި ނަމަވެސް އެ ޓީމުގެ އެނބުރި އައުން މިއަދު ފެނުނީ ވަރުގަދަކޮށެވެ.

ގަތަރުގެ އަލް ޖަނޫބު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން 16 ވަނަ މިނިޓްގައި މެޗުގެ ހަމައެކަނި ގޯލު ޖެހީ މިޓްޗެލް ޑިއުކް އެވެ. މިއީ ކްރެއިގް ގުޑްވިން ނެގި ހުރަހެއް، ޓިއުނީޝިއާ ޑިފެންޑަރު ފައިގައި ޖެހިފައި ލިބުމުން ޑިއުކް ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.

ޓިއުނީޝިއާގެ ޔާސިން (ކ) ފުންމައިގެން އަރައި، އޮސްޓްރޭލިއާގެ މިޓްޗެލް ކައިރިން ބޮލުން ބޯޅަ ފޮނުވާލަނީ.


މި މެޗުގައި ޓިއުނީޝިއާ އިން ގޯލެއް ޖެހޭތޯ ކުރި ހުރިހާ މަސައްކަތެއްގެ ވެސް އެންމެ ބޮޑު ހުރަހަކަށްވީ އޮސްޓްރޭލިއާގެ ގޯލްކީޕަރަކަށް ހުރި، ޓީމުގެ ކެޕްޓަން މެޓް ރަޔާން އެވެ. އޭނާ ވަނީ ޓިއުނީޝިއާ އިން އޭރިއާތެރެއިންނާއި އޭރިއާބޭރުން ޖެހި ބޯޅަ ތަކުގެ އިތުރުން ހުރަސް ނަގައިގެން ކުރި އެޓޭކްތަކުގެ ވެސް ހުރަހަކަށްވެފަ އެވެ.

ދެ ވަނަ ހާފުގައި އޮސްޓްރޭލިއާ އިން އިތުރު ގޯލެއް ޖެހޭތޯ ބެލި އެވެ. އެކަމަކު، އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އެންމެ ރަނގަޅު ބޯޅައެއް ލިބުނު ކުޅުންތެރިއަކީ، މެތިއު ލެކީ އެވެ. ލެކީ ޖަހަން އެރި ބޯޅަ ފައިގައި ނުޖެހި ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.

ގްރޫޕް ޑީގައި ތިން މެޗު ނިމުނުއިރު، އެއް ވަނައިގައި ފްރާންސް އޮތީ އެއް މެޗުން ތިން ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޮސްޓްރޭލިއާ އަށް ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ގްރޫޕްގެ ތިން ވަނައިގައި ޑެންމާކް އެއް ޕޮއިންޓާ އެކު އޮތްއިރު، ފުލުގައި އޮތް ޓިއުނީޝިއާ އަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

މިރޭ ގްރޫޕް ޑީގައި ކުޅޭ އަނެއް މެޗުގައި ޑެންމާކާއި ފްރާންސް ބައްދަލުކުރާނެ އެވެ.