Advertisement

ދަރިފުޅު ވެދުމަށް އެރުވުމަށް ބުނެ އުޅުނު ނަދުރު

26 ނޮވެންބަރު 2022 - 10:21 2

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)


ދަރިފުޅު ވެދުމަށް އެރުވުމަށް ބުނެ އުޅުނު ނަދުރު

26 ނޮވެންބަރު 2022 - 10:21 2

މައިން ބަފައިންނަކީ އަބަދުވެސް އެ މީހުންގެ ދަރިންނަށް ހެޔޮ ގޮތްތައް މެދުވެރިވާން އެދޭ ބައެކެވެ. މިކަމަށްޓަކައި އެ ޒަމާނެއްގައި ދަރިންނަށް ކޮށްއުޅޭ ކޮންމެ ކަމެއް ވީ އެންމެ ރަނގަޅަކަށް ކުރެވޭތޯ އަބަދުވެސް މައިންބަފައިން ބަލައެވެ. ޖިންނި ޝައިތާނުންނާއި އެކިއެކި ދެވިތަކުން، ދަރިފުޅު ސަލާމަތް ކުރައްވައި ހެޔޮ ރަހުމަތް ލެއްވުމަށް އެދި ތަފާތު ނަދުރުތައް އެ ޒަމާނުގައި ބުނެއުޅުނެވެ. މި ގޮތުން ބުނެ އުޅުނު އެއް ނަދުރަކީ ދަރިފުޅު ވެދުމަށް އެރުވުމަށް ބުނެ އުޅުނު ނަދުރެވެ.

އެހެނިހެން ނަދުރުތައް ފަދައިން ވެދުމަށް އެރުވުމަށް ބުނެއުޅުނު ނަދުރު، ކުއްޖާ އުފަންވުމުގެ ކުރިންވެސް ބުނެއުޅެ އެވެ. ވެދުމަށް އެރުވުމަށް ބުނާ ނަދުރަކީ ދަރިފުޅު ގެންގޮސް މާތް ވަލީވެރި ބޭފުޅެއްގެ އަތްޕުޅަށް އެރުވުމެވެ. އެ ދުވަސްވަރު މި ހިސާބު މީހުން މި ނަދުރު އާންމުކޮށް ބުނެ އުޅުނީ، ބޮޑުފެންވަޅުގޭ ސީދީ, މަކުނުދުއަށް އަރުވާލައިފައި ހުންނެވި އިރު ސީދިބެއަށް ވެދުމަށް އެރުވުމަށެވެ.

ސީދީބެ އަށް ވެދުމަށް އެރުވުމަށް ނަދުރުބުނުމަށް ފަހު ނަދުރު ފުއްދުމަށްޓަކައި ކުއްޖާފުޅު ގޮވައިގެން ސީދީބޭގެ އަރިހަށް ދަތުރުކޮށްފައިދެ އެވެ. އެއަށްފަހު އިޒުނައާއެކު އެތެރެއަށް ވަނުމުން، ސީދީބޭ ކުއްޖާފުޅު އުރާލައްވާ އުނގުގައި ބައިންދަވާ ބޮލުގައި ފިރުމާލެއްވުމުން ނަދުރު ފުއްދުނީ އެވެ. މި ގޮތަށް ނަދުރު ފުއްދި ކުދީން މިހާރު ވެސް ދުނިޔޭގައި އެބަތިއްބެވެ. މި ދަތުރުގައި އެ މީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އާންމުކޮށް އެފަދަ ބޭފުޅުންނަށް ހަދިޔާބަދިޔާ ދީ އުޅެއެވެ.

ކުދިން ވެދުމަށް އެރުވުމުގެ އިތުރުން، ދަނޑުވެރިކަމުގައްޔާއި ގޭގޭގައި ހައްދާ ގަސްގަހުގައި، ފުރަތަމަ ގަންނަ މޭވާފަދަ ތަކެތި ވެސް ސީދީބެއަށް ދިނުމަށް ނަދުރު ބުނެ އެވެ. މި ގޮތުން ކަރާ، ކުރުނބާ، ބަރަބޯ ފަދަ ތަކެތި ހަރުވުމުގެ ކުރިން އެ ތަކެތީގައި ސީދީބޭގެ ނަންޖަހާ އުޅުނެވެ. މި ގޮތަށް ނަން ޖެހުމުން އެއަކަށް ވަގަކު ވެސް ގާތެއް ނުވެ އެވެ.

އެ ދުވަސްވަރު ޒުވާނުން ދަންވަރު ހޭލާ ތިބޭއިރު ގަސްގަހުން ތަކެތި ބިނދެ ކައި އުޅުމަކީ އާންމު ކަމެކެވެ. އެ ދުވަސްވަރު މި ގޮތަށް އުޅުނު ބަޔަކު، ކިޔައިދިން ގޮތުގައި އެއްރޭ ކާލާނެ އެއްޗެއް ހޯދަން އުޅުމުގެ ތެރޭގައި ވެލެއްގައި އޮތް ބޮޑު ކަރައެއް ފެނުނެވެ. ދެން ރަނގަޅަށް ބަލައިލިއިރު އޭގައި "ބޮޑުފެންވަޅުގޭ ސީދީބެ އަށް" ޖަހާފައި އޮތެވެ. އެހެންކަމުން މި ކަމާ ބެހޭ ގޮތުން ގުރޫޕުގައި ވާހަކަ ދައްކައި، ވަރަށް "ގައްޑާ ވެލައިފައި" ކަރާ ކެނޑިއެވެ. ދެން ސިއްރުސިއްރުން އަތިރިއަށް ގޮސް ފަޅަން އުޅެ އެކަކަށްވެސް އެ ފަޅާކަށް ނުކެރުނެވެ.

އެންމެ ފަހުން އެ ކަރާ ކާންނުކުރި އޮތްތަނަށް ގެންދަންނުކެރި އަތެއްފައެއް ވާވެދާނެކަމުގެ ބިރަށް ކަރާ ދޫކޮށްލައިފައި އައިސް ވެސް ނުނިދުނު މީހުން އުޅުނުކަމުގައި ވެއެވެ.