26 ނޮވެންބަރު 2022 - 10:09 0
ފާތިމަތު ސާޔާ އަހުމަދު
ޖަލުތަކުގެ ވެރިޔާ ދިރިއުޅޭ ގެ ކައިރީގައި ހުރި ބިންގަރާހެއް. -- ފޮޓޯ: އޭއެފްޕީ
26 ނޮވެންބަރު 2022 - 10:09 0
މެނީލާ، ފިލިޕީންސް (ނޮވެމްބަރު 25) - ފިލިޕީންސްގައި ނޫސްވެރިއެއް މަރާލުމުގެ ތުހުމަތު ކުރެވޭ ޖަލުތަކުގެ ވެރިޔާއާ ދެކޮޅަށް، ގައިދީންތަކެއް ފިލަން ބިންގަރާސް ހަދައިދިންކަމުގެ ތުހުމަތު ވެސް ކޮށްފި އެވެ.
ޖެރާލްޑް ބަންޓަންގް މެނީލާ ޕްރިޒަަން ކޮމްޕްލެކްސްގައި ދިރިއުޅޭ ގެ ކައިރިން ބޮޑު ވަޅުގަނޑު ފެނުނެވެ. އެކަމަކު އެއީ ގައިދީން ފިލަން އެހީވުމަށް ހެދި ތަނެއް ކަމަށް ކުރާ ތުހުމަތު އޭނާ ދޮގުކުރެ އެވެ.
ފަސްދޮޅަސް މީޓަރު ފުން އަދި 40 މީޓަރު ފުޅާ ބިންގަރާސް ފެނުނީ ޖެރާލްޑް ބަންޓަންގްގެ ރަސްމީ ގެއާ ޖެހިގެންނެވެ. އެ ތަން ފެނުނީ ޖަލުތަކުގެ ޑިރެކްޓަރު ކަމުން އޭނާ ސަސްޕެންޑް ކުރި ފަހުންނެވެ.
ފިލިޕީންސްގެ މަގްބޫލް ރޭޑިއޯ ނޫސްވެރިޔާ ޕާސިވަލް މަބާސާ މަރާލުމަށް އަމުރު ކުރީ ވެސް ބަންޓަންގް ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އެކަމަކު އޭނާ އެ ތުހުމަތު ވެސް ދޮގުކުރެ އެވެ.
ބަންޓަންގްއާ ގުޅޭ ތަހުގީގުތައް ކުރިއަށްދާ އިރު، އޭނާ ފިލިޕީންސްގެ ނޫސްތަކަށް ބުނީ ގެއާ ޖެހިގެން ބިންގަރާސް ކޮނުމަށް އަމުރު ކުރީ އެ ތަނުގައި ސްކޫބާ ޑައިވިން ކުރުމަށް ކަމަށެވެ.
އޭނާ ބުނީ "މެނީލާގެ އެންމެ ފުން ސިވިމިން ޕޫލް" އަޅަން ބޭނުންވި ކަމަށެވެ. އެކަމަކު އެ ބިންގަރާސް ކައިރިން މިހާރު ވެސް 25 މީޓަރު ދިގު ސްވިމިން ޕޫލެއް ބިނާކޮށްފައި އެބަ ހުއްޓެވެ.
ތޮއްޖެހިފައިވާ ނިއު ބިލިބިޑް ޖަލު ހުންނަނީ ޖަލުތަކުގެ ވެރިޔާގެ ރަސްމީ ގެ ވެސް ހުންނަ ބިމުގަ އެވެ. ބަންޓަންގް ބުނީ އެއީ ގައިދީން ފިލަން އެހީވުމަށް ހެދި ތަނެއް ނޫން ކަމަށެވެ.
ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ދެކުނު އިރުމަތީ އޭޝިއާގެ ހިސާބަކަށް ނިސްބަތްވާ ހަަޒާނާ ޖަޕާނުން ވަގަށް ނެގި ކަމަށާއި އެ ތަކެތި ވަޅުލީ ފިލިޕީންސްގައި ކަމަށް ތުންތުން މަތިން ވާހަކަދެކެވެ އެވެ.
ޖަސްޓިސް ސެކެޓްރީ ކްރިސްޕިން ރެމުލާ މިދިޔަ ހަފުތާގައި ވިދާޅުވީ އެ ބިންގަރާހަކީ ހަޒާނާތައް ހޯދުމަށް ކޮނުނު ބިންގަރާހެއްގެ ކަމަށް ބަންޓަންގް ބުނި ކަމަށެވެ.
ޖަލުތަކުގެ ވެރިޔާގެ މަގާމަށް ބަންޓަންގް އައްޔަނު ކުރީ ސެޕްޓެމްބަރު 2019 ގައި އޭރުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ އެވެ.
Comment